ރީރެޖިސްޓްރޭޝަނަށް ގިނަ ބަޔަކު އެދުމަކީ ކެންޑިޑޭޓުން އުފާ ކުރަން ޖެހޭ ކަމެއް: އެމްޑީޕީ

އޭޕްރީލް 4، 2021: އަނަސް ސަން އަށް އިންޓައވިއު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރެޖިސްޓާ ކުރަން ގިނަ އަދަދެއްގެ ފޯމް ހުށަހެޅުމަކީ ކެންޑިޑޭޓުން ކަންބޮޑުވުމަށް ވުރެ އުފާކުރަންވީ ސަބަބެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދެ ދުވަސްތެރޭ 25،493 މީހަކުވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅައިފައެވެ.

ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާ ވަރަށް ގިނަ ބަޔަކު ރީރެޖިސްޓާ ކުރަން އެދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ސިޔާސީ ޕާޓީތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި އެހެން އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މުއިއްޒު ގޮވައިލެއްވިއެވެ.

މުއިއްޒަށް ރައްދު ދެއްވައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވަނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ބޭނުން ކުރަން މަސައްކަތް ކުރުމަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަންވީ ވަރުގެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ބެހޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ މީހުންނަށް ވޯޓު ނުލެވޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެވެސް ސަބަބުތަކަކާ ހެދި ވޯޓުލާން ނުދެވުނު، އެމްޑީޕީއަށް ތާއިދު ކުރާ ގިނަ ބަޔަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ރީރެޖިސްޓާ ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ އެމްޑީޕީއަށް ތާއިދު ކުރާ ކިތައް މީހުންކަން ޔަގީންކޮށް ބުނަން ނޭނގުނު ނަމަވެސް، ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށެވެ.

"ވަރަށް ގިނަ ރައްޔިތުން ނުކުންނާނެ މިފަހަރު އެމްޑީޕީއަށް ތާއިދުކުރާ، ކޮންމެވެސް ސަބަބަކާ ހުރެ ފުރަތަމަ ބުރުގައި ވޯޓުނުލެވި ބޭފުޅުން ނުކުންނާނެ މިފަހަރު ވޯޓުލާން. [ރައީސަށް ތާއިދުކުރާ] ވަރަށް ގިނަ ބޭފުޅުން ނުކުންނާނެ،" އަނަސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހުއެވެ. ފާއިތުވި ދެ ދުވަހު ހުށަހަޅާފައިވާ ފޯމުގެ ތެރެއިން މިހާތަނަށް 10،271 މީހަކު ރީރަޖިސްޓަރު ކޮށްދީފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. އަދި 25،493 ފޯމުގެ ތެރެއިން 1،546 ފޯމު މައުލޫމާތު ފުރިހަމަ ނުވާތީ ރިޖެކްޓުކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 2،82395 މީހުންނަށެވެ. ނަމަވެސް މި މަހުގެ 30ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓު ލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 196 އަންހެނުންނާއި 212 ފިރިހެނުންނެވެ.

އެއާއެކު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 2،82803 މީހުންނަށް އަރައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވި މީހުންގެ 79 ޕަސެންޓު މީހުންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލީ އަހަރެވެ.

ފުރަތަމަ ބުރުގައި މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވި އިރު ރައީސަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

comment ކޮމެންޓް