ރީރަޖިސްޓްރީއަށް ހުށަހެޅީ ފޭކް ފޯމުތަކެއް، ސަރުކާރުން އުޅެނީ ވައްކަންކުރަން: އަދުރޭ

ޕީޕީއެމް، ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީކުރަން ހުޅުވައިލި ފުރުސަތުގައި ދެ ދުވަސް ތެރޭގައި 25،000 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެއީ ފޭކު ފޯމުތަކެއް ކަމަށް ޕީޕީއެމް، ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހދ. ކުމުންދޫގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ މާހައުލު ނުރައްކާވެފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ބަލިވުމުން އިންތިހާބު ވަަގަށް ނެގުމަށް ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތްކުރަމުންދާ ކަމަށެވެ.

ރަށްރަށުގެ ސްޓެއަރިން ކޮމިޓީއިން މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި ރީރެޖިސްޓްރީކޮށްފައިވާ މީހުންނާއި ނުކޮށްތިބި މީހުން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ އަދި ރީރަޖިސްޓްރޭޝަނަށް ހުޅުވައިލި ދެ ދުވަހުގެ ތެރޭގައި 25،000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އަދަދެއް ނޫން. އެނގިވަޑައިގަންނަވާނެ ކުރީ ފަހަރު ހަތް ދުވަސް ދިނީމަ ވެސް ވިއްސަކަސް ހާސް ރަޖިސްޓްރީ ނުކުރެވުނު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ނުބައި ނަންނަމުގައި ފޯމުތައް ފުރަމުން ގެންދާ ކަމަށް ތުހުމަތުކުރައްވާ އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ވެސް ކަންބޮޑުވުން މި ކަމުގައި އެބައޮތް ކަމަށެވެ.

"އަޅުގަނޑު ހަމަ ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ ގުޅިން. ފުއާދު ވިދާޅުވީ ތިމަންނާގެ ވަރަށް ބޮޑު ކަންބޮޑުވުން އެބައޮތޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރުން މިހާރަށް ކޮންމެ ރަށެއްގެ ރީރަޖިސްޓްރޭޝަން ބަލަން ޖެހޭ ކަމަށާއި މި އިންތިހާބު ވަގަށް ނަގަން ފުރުސަތު ދެވިގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ވޯޓުން މި އިންތިހާބު ކާމިޔާބު ކުރައްވާނީ އިރާދަކުރެއްވިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެެއީ ޝައްކެތް ވެސް އޮތް ކަމެއް ނޫން. އެހެންވީމަ 2018ގައި އިންޑިއާގެ އެހީތެރިކަމާއެކުގައި ވަގަށް ނެގި ގޮތަށް މި އިންތިހާބު އިންޑިއާގެ އެހީތެރިކަމާއެކު ވަގަށް ނެގުމުގެ މަސައްކަތް އެ ދަނީ ކުރަމުން،" އަބްުދުއްރަހީމް ވިދާޅުވިއެވެ.

ރީ ރެޖިސްޓްރޭޝަނަށް ފޭކް ފޯމު ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ އޮފީހުގައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"އެ މީހުންނަށް މި އިންތިހާބު ކާމިޔާބު ކުރެވޭހާ މެންބަރުން ރެޖިސްޓާކުރުމުގެ މަސައްކަތް އެ ކުރަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވަނީ މި ކަން ވީހާ ވެސް އަވަހަކަށް ބަލައި ޔަގީންކުރުމަށްފަހު ނޫނީ އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވައިލައިފައެވެ. އަދި މިއަދު މެންދުރު 1:00ގައި މާލޭގައި ތިބި ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަނަށް އަޑުއުފުލަށް ދިއުމަށް ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް