ޖޭޕީގެ ރުހުން ހޯދަން އިންޑިއާއާ އޮތް ގުޅުންތައް ސަރުކާރުން ސާފުކޮށްދެނީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ގާސިމް އިބްރާހީމް ސަން އައިލެންޑްގައި-- ފޮޓޯ: ޖޭޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު ހޯދުމަށްޓަކައި މި ސަރުކާރާއި އަވައްޓެރި އިންޑިއާއާ އޮތް ގުޅުންތައް އެ ޕާޓީގެ އިސް ބޭފުޅުންނަށް ސަރުކާރުން ސާފުކޮށް ދޭން ފަށައިފިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން ދެ ޕަސެންޓް ވޯޓް ލިބިލެއްވި ގާސިމް އިބްރާހީމް ދެވަނަ ބުރުގައި ތާއީދު ކުރައްވާނެ ވަކި ބޭފުޅެއް އަދި ކަނޑައެއް ނާޅައެވެ. ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ގާސިމްގެ ތާއީދަށް އެދި ހުށަހަޅުއްވާފައެވެ. ރައީސް އިއްޔެ ގާސިމް އަރިހަށް ސަން އައިލެންޑަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އެ ރިސޯޓްގައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތުން އެ ޕާޓީއަށް ހުށަހަޅުއްވަނީ މާބޮޑު ޝަރުތުތަކަކާ ނުލައި ކޯލިޝަން ހެދުމަށެވެ.

އޭގެ ބަދަލުގައި ރައީސް ޞާލިޙް ހުންނެވީ ޖޭޕީއިން ހުށަހަޅާ ކަންތައްތަކާ މަޝްވަރާ ކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ޖޭޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ސަރުކާރާ މެދު އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އިންޑިއާއާއި ރާއްޖެއާ މިހާރު އޮތް ގުޅުމެވެ. ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެވޭތީ އެއީ އެ ޕާޓީގެ އިސް ބޭފުޅުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ އިސްބޭފުޅުން ރިސޯޓްގައި ގެންދަވަނީ އިންޑިއާގެ ގުޅުން ސާފުކޮށްދިނުމަށް ޕާޓީ[ޖޭޕީ]ގެ ބޭފުޅުންނާ ވާހަކަ ދައްކަވަމުން. އިންޑިއާ މައްސަލައިގައި އަސްލު އެންމެ ކަންބޮޑުވުން ފާޅުކުރީ އަޅުގަނޑުމެންތާ،" އޮފިޝަލް ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރޭގައި ގާސިމް ވެސް ވަނީ މިސަރުކާރުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނާ ހިލާފަށް ސަރުކާރުން އިންޑިއާއާއެކު ބާއްވާ އެ ގުޅުންތަކުގެ ސަބަބުން ގައުމަށް ގެއްލުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މި ފަހަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރަށް ލިބުނު ދަށް ނަތީޖާގެ ފަހަތުގައި އިންޑިއާއާ ގުޅުވައިގެން ދައްކާ ވާހަކަތައް ބޮޑު ދައުރެއް އަދާ ކުރާ ކަމަށް ބެލެވެއެވެ. ޕީޕީއެމް/ޕީއެންސީއިން އަންނަނީ މިސަރުކާރުގެ ސަބަބުން ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ ކަމަށް އެތައް ގޮތަކުން ވާހަކަ ދައްކަމުންނެވެ.

އެ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ދޮގުކުރެއެވެ.

ދެވަނަ ބުރުގައި ތާއީދު ކުރާނެ ބަޔަކު ނިންމުމަށް ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ފުރަތަމަ ނިންމީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް މިހާރު މިވަނީ އެ ބައްދަލުވުން ފަސްކޮށްފައެވެ. އަދި ބާއްވާނެ ވަކި ދުވަހެއް ނުނިންމައެވެ.

މި މަހުގެ 30 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރެއް އޮތްއިރު ޕީޕީއެމް/ޕީއެންސީއާއެކު އިންތިޚާބުގައި 0.8 ޕަސެންޓް ވޯޓް ލިބުނު އެމްއެންޕީއިން މިހާރު ވަނީ ކޯލިޝަން ހަދައިފައެވެ. އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ކުރަމުންނެވެ.

ޖޭޕީއަކީ އަދިވެސް މި ސަރުކާރު ކޯލިޝަން މެމްބަރެކެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން އެބަތިއްބެވެ.

comment ކޮމެންޓް