އެމްއޭސީއެލްއިން މުސާރައިގެ އެއްބައި އަނެއްކާވެސް ޑޮލަރުން ދޭން ފަށައިފި

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ރަންވޭގައި- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މުސާރަ ދޭއިރު ދެބައި ކުޅަ އެއްބައި ޑޮލަރުން ދޭން އަނެއްކާ ވެސް ނިންމައިފިއެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ފެށީ އިންޑިއާގެ ޖީއެމްއާރުއިން އެއާޕޯޓް ހިންގިއިރުއެވެ. ނަމަވެސް ފަހުން ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަނީ ހަމައެކަނި ރުފިޔާއިން މުސާރަ ދޭން ފަށައިފައެވެ.

https://sun.mv/180642

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި އާ ބަދަލާއެކު މިމަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ނިންމައި އެކަން މުވައްޒަފުންނަށް ވަނީ އަންގައިފައެވެ.

"ގެއަށް ގެންދަން ލިބޭ ފުލް މުސާރައިގެ ދެބައި ކުޅަ އެއްބައި ޑޮލަރުން ދޭނީ. ވަކި މުވައްޒަފެއް ވަކި މަގާމެއް އިސްތިސްނާ ނުކޮށް ހުރިހާ މުވައްޒަފުންނަށް މިގޮތަށް މުސާރަ ދޭން ވަނީ ނިންމާފައި،" ޝައްމާން ވިދާޅުވިއެވެ.

އެގޮތަށް މުސާރަ ބަދަލު ކުރުމަކީ އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބޮޑަށް އެދިގެން ތިބި ކަމެކެވެ.

އެމްއޭސީއެލްއަކީ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމުގައި ވެސް ވަރަށް ރަނގަޅު އުސޫލެއް ގެންގުޅޭ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުވެސް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފައިވެއެވެ.

މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ.

comment ކޮމެންޓް