ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)އިން ތައާރަފްކުރި "އޯތެންޓިކް މޯލްޑިވްސް" ބްރޭންޑުގެ އޮންލައިން ފިހާރަ، އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީބާބާގައި ލޯންޗުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އަލީބާބާގައި އޯތެންޓިކް މޯލްޑިވްސްގެ އޮންލައިން ފިހާރައެއް ހުޅުވުމުގެ ސަބަބުން، 400އަށް ވުރެ ގިނަ ދިވެހި ވިޔަފާރިތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
"މިއީ ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ ވިޔަފާރިވެރިން ބާރުވެރިކޮށް، ބޭރު ގައުމުތަކުގައި ރާއްޖޭގެ ތަކެތި ޕްރޮމޯޓްކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް،" އޭނާ ލިޔުއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އަލީބާބާގައި ދިވެހި ވިޔަފާރިވެރިންގެ މުދާ އަލީބާބާގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމާއި، އޮންލައިން ވިޔަފާރިކުރާ، އަދި އޮންލައިން ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން ވޯކްޝޮޕެއް ބާއްވާނެކަން ސަޢީދު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދިހަވަނަ ދުވަހެވެ.
ބީސީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ވޯކްޝޮޕްގައި 700 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިކޮށް ވިޔަފާރިކުރާ 400އަށް ވުރެ ގިނަ ވިޔަފާރިވެރިން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހެދި އިންވެންޓްރީއަކުން ހާމަވެފައިވާ ކަމަށް ސައީދު މީގެ ކުރިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހަމުގެ ފަރުވާކުރާ ޕްރޮޑަކްޓުތައް އުފައްދާ ފަރާތްތަކާއި އޮސްޓްރޭލިއާގެ ލެބަކުން ދިރާސާކޮށް ރާއްޖޭގެ މޫސުމަށް ސަންޓޭން ލޯޝަން އުފައްދާ ފަރާތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލީބާބާގެ އިތުރުން ޓީމޫއާއި ޝެއިން ފަދަ އީކޮމާސް ޕްލެޓްފޯމްތަކުން އާންމުކޮށް ދިވެހީން ވިޔަފާރިކުރެއެވެ.