އެމްއޭސީއެލްއިން ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދެނީ

4 ނުވެންބަރު 2021: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގެ 3ބީ އޭޕްރަން ހުޅުވުން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިއަދު އެ ކުންފުނިން ނެރުނު ސާކިއުލާ އެއްގައި ބުނެފައިވަނީ މިދިޔަ އަހަރު އެއްކޮށް ވަޒީފާގައި އުޅުނު ހުރިހާ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި އެ އަދަދަށް ފައިސާ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތް ކުރި ދުވަހުގެ މުއްދަތަށް ބަލައި، ބޯނަސް ދޭނެއެވެ.

އެހެންނަމަވެސް، އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފައިވާ މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.

އެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިންނެވެ. އެމްއޭސީއެލުން ވަނީ މިދިޔަ އަހަރުވެސް އެ އުސޫލުގެ ދަށުން، 25،000 ރުފިޔާ ބޯނަހުގެ ގޮތުގައި މުވައްޒަފުނަށް ދީފައެވެ.

comment ކޮމެންޓް