ފަސް ރަށާއި ޕިކަޕު ބުރުން އުމަރަށް ހަތަރު ވަނަ، ކީއްވެ؟

ރިޔާސީ އިންތިޚާބުގައި 6,348 ވޯޓު ހޯދައި ގާތްގަނޑަކަށް ތިން ޕަސެންޓު ހޯދުމަކީ އުމަރު ނަސީރަށް ބޮޑު ކާމިޔާބީއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެހެން ކެންޑިޑޭޓުން މިލިއަނުން ޚަރަދު ކޮށްގެން ވެސް އުމަރަށް ވުރެން ކުރިއެއް ނުހޯދުނީތީއެވެ.

އުމަރު ކެމްޕެއިންގައި ވަޑައިގެންނެވީ ވ. އަތޮޅުގެ ހަތަރު ރަށަކާއި އއ. އަތޮޅުގެ އެންމެ ރަށަކަށެވެ. ދެން މުޅިންހެން ކެމްޕެއިން ކުރެއްވީ މާލޭގައި ޕިކަޕުތަކުގަޔާއި ސޯޝަލް މީޑިއާގައެވެ. އުމަރުގެ ފޭސްބުކް ލައިވްތަކާއި ޕޯސްޓްތައް އެތައް ހާސްބަޔަކު ބަލައި ޝެއާކޮށްފައި ހުރެއެވެ. "ހައްލަކީ އުމަރު" ކަން ބޮޑަށް ވިދާޅުވެދެއްވީ ފޭސްބުކުގައެވެ.

އުމަރު ނަސީރު ކެމްޕެއިން: އޭނާ ވަނީ އިންތިޚާބުގައި ހީކުރި ވަރަށް ވުރެން ރަނގަޅު ނަތީޖާއެއް ހޯދާފައި-- ފޮޓޯ: އުމަރު ނަސީރު

މިފަހަރުގެ އިންތިޚާބުގެ ނަތީޖާއަކީ އުމަރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޯދި ނަތީޖާއަށް ވުރެ ވެސް ބޮޑު ކުރިއެރުމެކެވެ. އެ ފަހަރު އޭނާއަށް ލިބިވަޑައިގަތީ 2،472 މީހުންގެ ވޯޓާ އެކު އެންމެ ޕަސެންޓެކެވެ.

ގާސިމް އިބްރާހީމް ފަހަތަށް ޖައްސާލައި ރިޔާސީ އިންތިޚާބުގެ ހަތަރުވަނައިން އުމަރަށް ޖާގަ ލިބިލެއްވި ސަބަބުތަކަށް ބަލާއިރު އުމަރުގެ ސިޔާސަތުތައް ރަނގަޅުވުން ހިމެނެއެވެ. ހާއްސަކޮށް އޭނާ ފެންމަތި ކުރާ މައްސަލަތަކާއި ބުނެދެއްވާ ހައްލުތައް މީހުންނަށް ކަމުދާ ކަމަށް ފެނެއެވެ.

ސިޔާސީ މަސައްކަތް ފެއްޓެވީންސުރެއް އުމަރު ވިދާޅުވަމުން އަންނަނީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. މަރަށް މަރު ހިފަން ޖެހޭ ކަމަށެވެ. މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ދޭން ޖެހޭ ވާހަކައެވެ. ހަމައެއާ އެކު ބޭރުގެ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދިނުމަށް އުމަރު ހުށަހަޅުއްވާ ހުށަހެޅުން އާއްމުނަށް ކަމުދާކަން ސޯޝަލް މީޑިއާއިން ވެސް ފެނެއެވެ.

"އުމަރު ގައިގައި ހުރޭ ވެރިއެއްގެ ހުންނަންވީ ހަރުދަނާ ގޮތް. އެ ވިދާޅުވާގޮތަށް ހަށުކަށި ފިޔަވަޅު ނާޅާ ކަންކަން ނުކުރެވޭނެ. އެހެންވެ އުމަރަށް ވޯޓު ދިނީ،" އުމަރަށް އިއްޔެ ވޯޓުދިން ސަބަބު މީހަކު ކިޔައިދިނެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި އުމަރު ވާހަކަ ދައްކަނީ: އޭނާ ވަނީ މި ގައުމުގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތު ކުރައްވާފަ ---

އުމަރުގެ ރަނިންމޭޓް އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި ގޮތުގައި ކުރެވުނު މަސައްކަތަކާ އަޅާބަލާއިރު ލިބުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނަތީޖާ ލިބުނު މައިގަނޑު ސަބަބެއް ކަމަށް ގަބޫލު ކުރެވެނީ އެ ބޭފުޅުން ފެންމަތި ކުރި މައްސަލަތަކާއި ބުނެދެއްވި ހައްލުތައް އާއްމުންނަށް ކަމުދިޔުމެވެ.

"2008 އިން ފެށިގެން އުމަރު ދައްކަމުން އައި ވާހަކަތައް މިއީ. އެ ދުވަހު އެ މައްސަލަތައް ހުރީ ވަރަށް ކުޑަކޮށް. މިއަދު އެ ކަންކަން ދިވެހީންގެ ތެރޭގައި ވަނީ ބޮޑުވެފައި. އެކިއެކި ބޭފުޅުން ވެރިކަން ކުރައްވައިފި. އެކަމަކު އެ މައްސަލަތައް ހައްލު ކުރުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވާފައެއް ނެތް." ސަލީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ދެން ޖެހޭނީ ދެވަނަ ބުރެއް ބާއްވާށެވެ. އެ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ދެ ބޭފުޅުން ވެސް އިތުރު ޕާޓީތަކާއި ބޭފުޅުންގެ ތާއީދު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

https://sun.mv/181607

ދެވަނަ ބުރުގައި ތާއީދު ކުރާނީ ކޮން ޕާޓީއަކަށްތޯ ސުވާލު ކުރުމުން ސަލީމް ވިދާޅުވީ އެ ސުވާލަށް އަދި ވަކި ޖަވާބެއް ދެއްވަން ބޭނުން ނުވާ ކަމަށެވެ. އަބަދު ވެސް ދެމި ހުންނާނީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއްގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

ކުރިން ކިންގް މޭކާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ނަމަވެސް މިފަހަރު ލިބުނީ ވަރަށް ލަދުވެތި ނަތީޖާއެކެވެ. ލިބިލެއްވީ އެންމެ 5545 ވޯޓެވެ. އެއީ އިންތިޚާބުގެ އެންމެ 2.5 ޕަސެންޓެވެ.

މީގެ ކުރިން ގާސިމް ދެ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިއިރު ރަނގަޅު ނަތީޖާއެއް ހޯދެއްވިއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވަނީ 27،056 ވޯޓް ހޯދާފައެވެ. އެއީ ވޯޓުލީ މީހުންގެ 15.32 ޕަސެންޓެވެ. ދެން ގާސިމް ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވަނީ 48،131 ވޯޓް ހޯދައިފައެވެ. އެއީ ވޯޓްގެ 23.34 ޕަސެންޓެވެ. އެ ފަހަރު ދެވަނަ ބުރަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާސިމާ އޮތީ ވަރަށް ކުޑަ ތަފާތެކެވެ. ދެހާސް އަށާރަވަނަ އަހަރު ގާސިމް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި ކަމަށްވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާސިމްގެ ބޮޑު ތާއީދަކާ އެކުއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމް އެތައް ރަށަކަށް ވަޑައިގެން ބޮޑު ހޭދައެއް ކުރެއްވިއެވެ. ޕާޓީއަށް 10000 އެއްހާ މެންބަރުން ހަމަ ކުރެއްވިއެވެ. އެކަމަކު، ލިބިވަޑައިގަތީ އެންމެ 1،896 ވޯޓެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ރަށްރަށަށް ވަޑައިގެން ވަރަށް މަސައްކަތް ކުރެއްވިއެވެ. ބައްޕާފުޅު މައުމޫން ވެސް އެތައް މަސައްކަތެއް ކުރެއްވިއެވެ. އެކަމަކު ލިބިލެއްވީ އެންމެ 3،004 ވޯޓެވެ.

ކުޑަ ހަރަދެއް ކޮށްގެން އުމަރަށް މި ލިބިލެއްވީ ރަނގަޅު ނަތީޖާއެކެވެ. މައިގަނޑު ސަބަބެއް ކަމަށް ފެންނަނީ އުމަރުގެ ހައްލުތައް މީހުންނަށް ގަބޫލު ކުރުމެވެ. އެ ސިޔާސަތު މީހުންގެ ތެރޭގައި ވިކުމެވެ. ހައްލަކީ އުމަރު ކަމަށް ގަބޫލު ކުރާ ބަޔަކު އުޅޭކަމެވެ.

comment ކޮމެންޓް