އިއްޔެ ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓަށް ވުރެ ވެސް މަދުން ތިން ކެންޑިޑޭޓުންނަށް ވޯޓު ލިބިވަޑައިގެންކަން އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އެ ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިއްޔެ ނެގި ވޯޓުގެ ތެރެއިން 4،835 ވޯޓު ވަނީ ބާތިލުވެފައެވެ. އެކަމަކު، އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނާއި ހަސަން ޒަމީލް އަދި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމާ ތިން ބޭފުޅުންނަށް ލިބިވަޑައިގެން ވޯޓަށް ވުރެ ގިނަ އަދަދެކެވެ.
މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، 9،800 މެންބަރުން ތިބޭ އެމްއެންޕީގެ ރައީސަށް މި އިންތިޚާބުގައި ލިބިލެއްވީ އެންމެ 1،907 ވޯޓެވެ. އެއީ، 0.86 ޕަސެންޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސަށް ވެސް ލިބިވަޑައިގަތީ 2،979 ވޯޓެވެ. އެއީ، 1.35 ޕަސެންޓެވެ. އޭނާއަށް ނާޒިމަށް ވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުނެވެ.
ބާތިލު ވޯޓަށް ވުރެ މަދުން ވޯޓު ލިބިވަޑައިގެން އަނެއް ކެންޑިޑޭޓަކީ މީގެ ކުރިން މާ ބޮޑަށް އާންމުންނަށް ވެސް އެނގިފައިނުވާ ހަސަން ޒަމީލެވެ. އަނބިކަނބަލުން ރަނިންމޭޓަކަށް އިޚްތިޔާރު ކުރައްވައިގެން ވާދަކުރެއްވި ޒަމީލަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އެއީ، 0.15 ޕަސެންޓެވެ. އެއީ، މިހާތަނަށް ރިޔާސީ އިންތިޚާބެއްގައި ކެންޑިޑޭޓަކަށް އެންމެ މަދުން ލިބިވަޑައިގެން އަދަދެވެ.
އިއްޔެ ބޭއްވި ފުރަތަމަ ބުރުގައި 225،486 މީހުން ވޯޓުލާން ނުކުތް އިރު، ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ، 46.06 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ މަނިކުފާނަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ، 39.06 ޕަސެންޓެވެ.
ތިންވަނައިގައި އުޅުއްވާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ. އެއީ، 7.18 ޕަސެންޓެވެ.
އެހެން އިންތިޚާބުތަކުގައި ކިންގް މޭކަރު ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމަށް ވެސް، އެ މަނިކުފާނު ވާދަކުރެއްވި ތިން ރިޔާސީ އިންތިޚާބުގެ ތެރެއިން އެންމެ ދަށުން ވޯޓު ލިބިވަޑައިގަތީ މި އިންތިޚާބުގައެވެ. އެ މަނިކުފާނަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، 2.47 ޕަސެންޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަން ބޭނުންވާ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބެއް ނުކުރެއްވެއެވެ. އެހެންވެ، އިންތިޚާބުގެ ދެވަނަ ބުރެއް މި މަހުގެ 30 ގައި އޮންނާނެއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ޑރ. މުއިއްޒާއި ރައީސް ޞާލިޙެވެ.