ނަންބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް ވިލިމާލެ ހޮސްޕިޓަލް ތަރައްގީކޮށްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ކެމްޕޭނަށްފަހު ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވިލިމާލެއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށެވެ. އަދި މާލޭގެ އެހެން އަވަށްތަކާ އެއް ހަމައެއްގައި ހުރިހާ ޚިދުމަތެއް ލިބޭ ތަނަކަށް އެތަން ހަދައިދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ނަން ބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި އޮތްއޮތުން ނިންމައި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރުންނާ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ގާއިމްކުރެވި ރަނގަޅު ފެންވަރުގައި ހިންގޭ ހަގީގީ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހަދައިދޭނަން," މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލެއަށް މިއަދު ޑރ. މުއިއްޒު ވަޑައިގަތް އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ޕީޕީއެމް
ވިލިމާލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.
ވިލިމާލެއާ މާދުރު ނޫން ހިސާބެއްގައި އައިޖީއެމްއެޗް ހުރުމުން ވިލިމާލެ ހޮސްޕިޓަލް ތަރައްގީ ނުކުރެވި ހުރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ, އެކަން ނިމުމަކަށް ގެނެސްދޭނެ ކަމަށެވެ.
"ކިތަންމެ ކައިރި ނަމަވެސް އަދި ބުރިޖު އެޅުނު ނަމަވެސް އެ ލިބޭ ފަސޭހަ ކަމަކީ މިތަނުގައި ތިބެގެން އެ ޒަރޫރީ ގޮތުން އެ ލިބެންޖެހޭ ސިއްހީ ހިދުމަތް ލިބުމަކަށް އޮތް ހުރަހަކަށްވެ އުޒުރެއްގެ ގޮތުގައި ދެކިގެން ވާނެ ކަމެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން," މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ވިލިމާލޭގައި ހުރި ހޮސްޕިޓަލް ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މިއަދު ހަވީރު ވިލިމާލޭގައި އުޅުއްވުމަށްފަހު މުއިއްޒު ވަނީ މާލެ ވަޑައިގެން މާލޭގައި ވެސް ކެމްޕޭންގެ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ވިލިމާލެއަށް މިއަދު ޑރ. މުއިއްޒު ވަޑައިގަތް އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ޕީޕީއެމް
އެގޮތުން ގަލޮޅު ދެކުނު ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހޮނިހިރު ދުވަހަކީ ވޯޓެއްލާން އަންނަ އާދައިގެ ދުވަހެއްގެ ގޮތުގައި ނުދެކުމަށް އެދިވަޑައިގަންނަވާފައެވެ.
"އެކި ކަހަލަ ހުވަފެން ދައްކަވައި ގައުމުގައި ނެތް މައްސަލަތައް ހުރި މައްސަލަތަކަށް ހަދައި އެކި ކަހަލަ އޮޅުވާލުންތައް އޮޅުވާލާނެ," މުއިއްޒު ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުން މުއިއްޒު ވިދާޅުވީ, މިއަދު މި ރާއްޖޭގެ މިނިވަންކަން ވެފައިވަނީ ގަނޑެއްގައި ހަމައެކަނި ލިޔެފައި އޮންނަ ކަމަކަށް ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މިއީ އަޅުގަނޑުމެންގެ މިނިވަންކަން މިހާ ޗީޕްކޮށް މިހާ އާދައިގެ ގޮތަކަށް ދޫކޮށްލަން ތިބި ބައެއްތޯ ނޫންތޯ އެއީ ހޮނިހިރު ދުވަހު ނިންމަންވީ ނިންމުމަކީ," މުއިއްޒު ވިދާޅުވިއެވެ.
ފައިސާކޮޅަކަށް ވޯޓު ވިއްކާލައިފި ނަމަ ފަހުން ދަރިންނާ ދަރިންގެ ދަރިންގެ ކުރިމަތީގައި އެކަމަށް ޖަވާބުދާރީ ވާންޖެހޭނެކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ, ވޯޓު ވިއްކާލައިފި ނަމަ އެ ވެވެނީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.
"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެ ދުވަހު ގޮސް ވޯޓު ލާންވީ މި ގައުމުގެ މިނިވަންކަން ޔަގީންކޮށްދޭނެ ފަރާތަށް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު މިއީ ގައުމު އިސްކުރާ ޕާޓީގެ ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން އައިސްހުރި މީހާ އޭ," މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިރޭ ދެއްވި ޔަގީންކަމަކީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ ކަމެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންވާނީ ހުރިހާ ގައުމަކާ ވެސް ގާތް ގުޅުން ބާއްވާނަމޭ. އަވައްޓެރިންނާ އަވައްޓެރިކަން ވެސް ބާއްވާނަމޭ އަޅުގަނޑުމެންގެ މިނިވަންކަމަށް ހުރުމަތްތެރިކޮށް ހިތަންޔާ. ރެސްޕެކްޓް ކުރަންޔާ," މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ކޭމްޕް ކޮށްގެން ތިބޭ ކަމަށް ތުހުމަތުކޮށް މުއިއްޒު ވިދާޅުވީ, އެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިށީންނާނެ ކަމަށެވެ.
"ރެސްޕެކްޓްފުލީ އަޅުގަނޑު ދަންނަވާނަން މިތާކު ނުތިބެވޭނެއޭ އަވަހަށް ގެންދަވާށޭ," މުއިއްޒު ވިދާޅުވިއެވެ.
ރާއްޖެ އޮންނަ ސަރަހައްދަށް އިންޑިއާ ކަނޑުގެ ނަމުން ނަންދީފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ, މި ތަނަށް ކިޔަންވީ ދިވެހި ކަނޑު ކަމަށެވެ. ސަބަބު ވެސް އޭނާ ކިޔައިދެއްވިއެވެ.
"ދިވެހިރާއްޖެ މި ކަނޑުގައި ބެހިފަ އޮންނަ ވަރު މާ ބޮޑު އިންޑިއާއަށް މި ކަނޑު ނިސްބަތްވާ ވަރު އަސްލުގަ." މުއިއްޒު ވިދާޅުވިއެވެ.