ތިންވަނަ ލެވެލް ނުވަތަ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ވިލިމާލެ ހޮސްޕިޓަލް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.
ރައީސް ޔާމީން ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ އެމަނިކުފާނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ހޮސްޕިޓަލުން ޑަޔަލިސިސްގެ ހިދުމަތްވެސް ލިބިގެންދާނެ" ރައީސް ޔާމީން ވިދާލުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ވިލިމާލޭގައި ހަބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ވެސް މި އަހަރު ތެރޭގައި ދެއްވާނެ ކަމަށާއި އޭގެ ސަބަބުން ވިލިމާލެއަށް އިތުރު ތަރައްގީ ލިބިގެންދާނެ ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމަށް ރައީސް ޔާމީން އެ ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރައްވަނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
އެމަނިކުފާނު ވިދާޅުވީ، ސަރަހައްދުގައި ހުރި އައިޖީއެމްއެޗް ވެސް ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި މިހާރުވެސް އެ ހޮސްޕިޓަލަށް އަންނަ ބަދަލުތަކަކީ އެތަނުން ހިދުމަތް ހޯދާ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވާނެ ހޮސްޕިޓަލެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މި މަސައްކަތަކީ ރައީސް ޔާމީން ވަރަށް އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އެ މަސައްކަތަށް 16 މިލިއަން ރުފިޔާ ހަރަދުވިކަމަށް ނިހާން ވިދާޅުވި އެވެ.

ވިލިމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
މިއަދުގެ ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މެންބަރު ނިހާނާއި ދައުލަތުގެ ގިނަ ވަޒީރުންނާއި ކުންފުނިތަކުގެ އިސް ވެރިންނާއި ވިލިމާލޭގެ ރައްޔިތުން ބައިވެރިވިއެވެ.
މިއަދު ވަނީ އަމީން ކޮންސްޓްރަކްޝަންސްގެ އެހީގައި ވިލިމާލޭގައި ގާއިމްކުރާ މިސްކިތުގެ ބިންގާވެސް އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު ނިހާނާއި އިސްލާމިކް މިނިސްޓަރެވެ.