އެމްޑީޕީގެ ވާދަވެރިން އަންނަނީ އެ ޕާޓީގެ މެނިފެސްޓޯ ކޮޕީ ކުރަމުން ކަމަށާއި އެ މީހުންގެ އަމިއްލަ އެއްވެސް ވައުދެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އދ. ދިގުރަށުގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, އެމްޑީޕީގެ ވާދަވެރި ކެންޑިޑޭޓުން ދައްކަމުންދާ ވާހަކަތައް ރައްޔިތުންނަށް އަޑު އިވޭނެ ކަމަށާއި އެ ވާހަކަތަކަށް ވިސްނާލުމުން އޭގައި އޮއްޓަރެއް ނުހުންނާނެކަން އެނގޭނެ ކަމަށެވެ.
"ގިނަ ފަހަރަށް އެ ހުރީ އަޅުގަނޑުމެން މިއިން ތަނެއްގައި ދައްކާ ވާހަކައެއް ނޫނީ މެނިފެސްޓޯގައި ލިޔެފައި އޮތް އެއްޗެއް ކުދިކުދި ބަދަލުތަކެއް ގެނެސްފައި. އެއާޕޯޓެއް އަޅާނަމޭ ބުނެފިއްޔާ އެ ތަންކޮޅެއް ދިގު ކޮށްލާނަމޭ ތިމަންނަމެން. ބަނދަރެއް އަޅާނަމޭ ބުނެފިއްޔާ އެ ތަންކޮޅެއް ފުން ކޮށްލާނަމޭ. މި ކަހަލަ ވައުދުތަކެއް ވަމުން މި އަންނަނީ," ރައީސް ވިދާޅުވިއެވެ.
ވާދަވެރި ކެންޑިޑޭޓުންގެ އަމަލުތައް އެހެން ހުރި ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރީ މާ ކުރީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ވޯޓު ލާއިރު އެކަމާ ރަނގަޅަށް ވިސްނުމަށް ފަހު ގޮތެއް ނިންމެވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ އެއް އަތޮޅަކީ އަރިއަތޮޅުކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެ އަތޮޅުގެ ރަށްތަކުގެ ހާލަތު ހުރީ ގަބޫލުކުރެވޭ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
"ދައުލަތަށް އެ ލިބުނު ފައިސާ އާމްދަނީ މި ރަށްރަށަށް ކުޑަ ނަމަވެސް އެއްޗެއް ހޭދަކުރިނަމަ މި ހިސާބަކު ނޫން ރައްޔިތުން ތިބޭނީ. މިއަށްވުރެ މާ އުފާވެރި މާ ކުރިއަރާ މާ ތަރައްގީވެފައި ތިބޭނީ," ރައީސް ވިދާޅުވިއެވެ.
އެ ފަރަގު ފެންނާތީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވީ ވައުދަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަކީ ވިސްނުންތެރި އަމިއްލައަށް އާމްދަނީ ހޯދަން އެނގޭ ބައެއް ކަމަށާއި ބޭނުން ވަނީ އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކުރަމުން އަންނަ ކަމަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަށައިގެން މިއުޅޭ މަސައްކަތަކީ އެއް ދުވަހަކުން ދެ ދުވަހަކުން ނިންމާލެވޭނެ ކަންކަމެއް ނޫން. އަދި ކިރިޔާ ރަށް ރަށުގައި މި ބިންގާ އެޅިި ދިރިއުޅޭ ރަށެއްގައި ކުރަންޖެހޭ މަސައްކަތްތައް ކޮށް މި ނިންމާލެވެނީ," ރައީސް ވިދާޅުވިއެވެ.
އެ މެންޒަރު ސާފުކޮށް ފެނި ތަރައްގީގެ ހަގީގީ ފޮނި އިހްސާސް ކުރެވޭނީ ދެތިން އަހަރު ފަހުން ކަމަށާއި އެ ކަމަށް ވަގުތު ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ, ދެވަނަ ދައުރެއްގައި ދިގު ރަށުގެ މަގުތަކުގައި ތާރު އަޅައިދެއްވާނެ ކަމަށެވެ. އަދި، ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައި މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.
ވަގުތު ހުރި ގޮތުން މި ފަހަރު އަރިއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް ދަތިތަކެއްހުރިކަން ފާހަގަކޮށް ރައީސް ވަނީ އެ އަތޮޅުގެ ބައެއް އެހެން ރަށްތަކުގެ ތަރައްގީއަށް ކުރަން ރާވާފައި ހުރި ބައެއް ކަންތައްތައް ވެސް ކިޔައިދެއްވާފައެވެ. އެގޮތުން ދަނގެތީގެ ބިން ހިއްކުމުގެ އިތުރުން ފުޓުްބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އދ. އޮމަދޫގެ މަގުތައް ތަރައްގީ ކުރުމަށް ތާރު އެޅުމަށް ނިންމާފައިވާއިރު އެ ރަށުގެ އިހްތިސާސްގެ ތެރެއަށް ފަޅަކާއި ގިރިއެއްގެ އިތުރުން ފިނޮޅެއް ހިމަނެމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ރަށުގެ ރައްޔިތުން ބޭނުންވަނީ އޮމަދޫގެ އުތުރުގައި އޮންނަ ކުޑަދުވި ފަޅާއި ތިންމަސްގިރި އާއި ކަމާފުށި ފިނޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.