އުމުރުން ހަ އަހަރުގެ ޔޫސުފު (އަސްލު ނަމެއްނޫން) އޭނާގެ ބައްޕައާ އެކު ސައިކަލުގައި ދަނިކޮށް ފެނުނު މަންޒަރަކާމެދު ވާހަކަ ދެއްކިއެވެ. ބައްޕާއެވެ. އެދިޔެއީ ވަރަށް ހަޑިކޮށް އުޅޭ ކުއްޖެއްދޯއެވެ؟ ބައްޕަ ސުވާލުކުރިއެވެ. ކިހިނެއްވީހެއްޔެވެ؟ ޔޫސުފު ޖަވާބު ދިނެވެ. އެ މީހާ އެ ދިޔެއީ ސައިކަލު ދުއްވަމުން ފޯނުން ވާހަކަ ދައްކަމުންނެވެ. އެއީ މަނާކަމެކޭ ބައްޕަ ބުނީމެއްނޫންހެއްޔެވެ؟ އެގޮތަށް އުޅޭނީ ހަޑިކުދިންނޭ (ވެސް) ބައްޕަ ބުނީމެއްނޫންހެއްޔެވެ؟ އެހެންވީމާ އެއީ ހަޑިކުއްޖެއްނޫންހެއްޔެވެ؟ އަދިވެސް ޔޫސުފު ވާހަކަ ކުރިއަށް ގެންދިޔައެވެ. ބައްޕާއެވެ. އެހެންކުދިން ސައިކަލު އެދުއްވަނީ ހާދަ ބާރަކަށެވެ. އެކްސިޑެންޓެއް ވެދާނެނޫންހެއްޔެވެ؟ އެކްސިޑެންޓުވެގެން މަރުވެއްޖެއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟
އެލްކޭޖީގައި އުޅޭ ދަރިވަރަކު މަދަރުސާއިން ނިމިގެން ބައްޕައާއެކު ގެއަށް ދާން ނުކުމެ މަގު ހުރަސްކުރަން ހުއްޓިލީ ވަގުތު ވާހަކަ ދައްކަން ފެށިއެވެ. ބައްޕާއެވެ. ރޮނގު ކުރަހާފައި އެއޮތީ މީހުން ހުރަސްކުރާ ތަނޭ ޓީޗަރު ބުންޏެވެ. އެކަމަކު އެތަނުގައި އެހުރީ (ނުނިކުމެވޭގޮތަށް) ސައިކަލު ޕާކުކޮށްފައެވެ. ދެން މީހުންތައް އެކޮޅަށް ދާނީ ކޮންތާކުންހެއްޔެވެ؟
އުމުރުން ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އޭނާގެ ބައްޕަ މަދަރުސާއިން ނުކުމެ ކަފިހި ހުރަހާ ދިމާލުން މަގު ހުރަސްކުރަން ބަލައިލިއިރު، އަނެއްފަރާތަށް ދާން ނިކުންނާނެ ތަނެއް ނެތެވެ. ދަތިކަމެއްނެތި ހައެއްކަ ސަތޭކައަށްވުރެ މަދުނޫން ސައިކަލު ޕާކުކުރެވޭނެ ޖާގަ އެހިސާބުގައި އޮތްނަމަވެސް، މަދަރުސާގެ ކުރިމަތިން ކަހަލަގޮތަކަށް އޮތް ކަފިހި ހުރަހުގެ ދެކޮޅުގައިވެސް ސައިކަލު ޕާކުކޮށް އެތަން އޮތީ ފުރާލާފައެވެ. އެހާލަތާމެދު މާޔޫސްކަމާއެކު ފުން ނޭވާއެއް ލަމުން ބައްޕަ ދަރިފުޅާ ސުވާލުކޮށްލިއެވެ. ރީނދޫކުލައިގެ ރޮނގު ދަމާފައި އެއޮތީ ކީއްކުރާ ތަނެއްހެއްޔެވެ؟ (މިސުވާލު ކުރިއިރު، އެއީ ކީއްކުރާ ތަނެއްކަން އެކިފަހަރުމަތިން ބައްޕަވަނީ ދަރިފުޅަށް ބުނެދީފައެވެ.) ދަރިފުޅު ވަގުތުން ޖަވާބު ދިނެވެ. "އެއީ ސައިކަލު ޕާކުކުރާ ތަނެކެވެ." ހައިރާންކަމާއެކު ބައްޕަ އެހިއެވެ. ތިޔަހެން ތިޔަބުނީ ކީއްވެގެން ހެއްޔެވެ؟ "އެއީ ކޮންމެ ދުވަހަކުވެސް ސުކޫލުން ނިކުންނައިރު އެތަނުގައި ސައިކަލުތައް ބަހައްޓާފައި ހުންނާތީ" ވަރަށް ސާބިތުކަމާއެކު ދަރިފުޅު ޖަވާބު ދިނެވެ.
ޔޫކޭޖީގައި އުޅޭ ކުއްޖަކު އޭނާގެ މަންމައާއެކު އަތިރިމައްޗަށް ދިޔަ ދުވަހެކެވެ. ކުޅެން ދޫކޮށްލުމުން އެ ދަރިފުޅު ގޮސް، އެތަނަށް އުކާލާފައި ހުރި ޕްލާސްޓިކު ފުޅިތަކެއް ހޮވައިގެން ގެނެސް ޑަސްބިނަށް އަޅަމުން ބުންޏެވެ. ޑަސްބިނަށް ނާޅައި މިތަނަށް މީހުން ކުނި އަޅަނީ ކީއްކުރަންހެއްޔެވެ؟ މި ފުޅިތައް މޫދަށް ދިޔައިމާ މަސްތަކާއި ރީފް (ފަރު) އަށް ގެއްލުންވާނެއެއްނޫންހެއްޔެވެ؟
އިސްވެ ބަޔާންކުރި ޙަޤީޤީ ވާހަކަތަކާމެދު އަޖައިބެއްނުވޭހެއްޔެވެ؟ އެއާމެދު ވިސްނައި ފިކުރުކޮށްލަން ހިތަކަށް ނާރާހެއްޔެވެ؟ ކުށްހޯދުމާއި މީހުންގެ ނުބައިވާހަކަ ދެއްކުންފަދަ ނެގެޓިވް ޚިޔާލުތަކާދުރު، މައުޞޫމު ތުއްތުކުދީންނަށް އެނގޭ ކަންކަންވެސް ނޭނގޭކަމަށް ހަދައިގެން އަހުރެމެން ބޮޑެތިމީހުންނަށް މިތިބީ ކިހިނެއްވެފައިހެއްޔެވެ؟ އަވަސްކުރުމާއި ބިޒީވުމާއި އަދި "ކުޑަ ހިނދުކޮޅަކަށްވިއްޔާ އޯކޭވާނެ" ކަމުގެ އުޒުރު ދައްކައިގެން - އިސްލާމީ ރީތި އުޞޫލުތަކާއި ޢާއްމު ޤާނޫނާއި ޤަވާޢިދުތައް ފުނޑުފުނޑުކުރަމުން ގެންދާއިރު ދަރީންދެކެ މިވެވެނީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟ ވަރަށް "ސްމާޓު މީހެއްގެ ސިފައިގައި" ހުރެގެން ބާރުބާރަށް ސައިކަލުގައި އައިސް، ތިމާއާއި އެހެންމީހުންވެސް ވަދެނިކުމެވާން ހުރި ތަންތަން ބެދޭނެހެން ސައިކަލު ބަހައްޓާފައި މަދަރުސާއަށް ވަންނަ ބެލެނިވެރީން ހާދަހާ ގިނައެވެ. އެމީހުންނަށް ވެގެންވާނަމަ ދަރިފުޅު ހުރި ހިސާބަކަށް ސައިކަލުގައި ވަންނާންވެސްވަނީހެވެ. މިފަދައިން ޢަމަލުކުރާ ބެލެނިވެރީން އެމީހުންގެ ދަރިފުޅު ގޮވައިގެން، ސައިކަލުތަކުގެތެރެއިން ލޫދެމުން ނިކުމެ ސައިކަލުގައި ނައްޓައިލާނީ އެއްއަތުން ފޯނުވެސް ނަގަމުންނެވެ. މި ނާތަހުޒީބު މިސާލުތައް ދައްކަމުންދާއިރު މާދަމާ - ތިޔަ މަންމަ ނުވަތަ ބައްޕަގެ މަޤާމުގައި ހަމަ ތިޔަ މަސައްކަތްކުރަން ހުންނާނީ ފަހަތުގައި އެއިން ދަރިފުޅުކަން ނޭނގެނީހެއްޔެވެ؟ ރިވެތި އަޚުލާޤީ ސިފަތަކާއި އިސްލާމީ މުޖުތަމަޢުތަކުގައި ބަލައިގަނެވޭ ހަމަތައް މަދަރުސާގައި ދަސްކޮށްގެން ނިކުންނަ ދަރިފުޅަށް، މައިންބަފައިންގެ ފަރާތުން އެއާ ދިމާއިދިކޮޅު ޢަމަލުތައް ތަކުރާރުކޮށް ފެންނަނަމަ ... އެކުދީންގެ އުޅުން ހެޔޮވެދާނެކަމަށް ޤަބޫލުކުރެވޭހެއްޔެވެ؟
މަދަރުސާއަށްދާ އެކި އުމުރުފުރައިގެ ދަރީންގެ އަތުގައި ހިފައިގެންދާ ބެލެނިވެރީން އެކުދީންނަށް ނުރަނގަޅު ކިތަންމެ ނަމޫނާއެއް ދައްކަމުން ދެއެވެ. ބަހަށް އަރާ ކިޔޫގައި އެތައް އިރެއްވާންދެން ދަރިވަރުންނާއި ބެލެނިވެރިން ތިއްބައި މާފަހުން އަންނަ ބެލެނިވެރިޔާ ކިޔޫ ފަޅާލާފައި ގޮސް ދަރިފުޅު ގޮވައިގެން ބަހަށް އަރާ މަންޒަރު ފެނެއެވެ. ކޮންމެ ބަސްހުއްޓިއެއްގައި ކިޔޫ ހެދުމަށް ވަކި ސަރަހައްދެއް ނެތަސް، ތިމާއަށްވުރެ ކުރީން އައީ ކޮންބައެއްކަން ދެނެގަނެ އެ ތަރުތީބުން ބަހަށް އަރަން އެނގޭވަރުގެ ވިސްނުމެއް ހުންނާންޖެހޭނެއެވެ. ދަރިފުޅު ލާށާއި ބަލާ ގޮސް މަދަރުސާއަށް ވަދެނިކުމެވާއިރު، ސަލާމަތް ބުއްދީގެ އަހުލުވެރީންފަދައިން ޢަމަލުނުކުރަނީ ކީއްވެބާއޭ ހިތަށް އަރައެވެ. ހަނގުރާމައިގެ މައިދާނެއްގައި ދެބައިލަޝްކަރު ބައްދަލުވާއިރު އުޅޭފަދައިން، ވަންނަ މީހުންނާއި ނިކުންނަމީހުން ޖެހުނުތާކުން ވަދެނިކުންނަނީއެވެ. އޭގެބަދަލުގައި، ކޮންމެ މީހަކުވެސް އަމިއްލަ ސިކުނޑި ބޭނުންކޮށްލައިގެން، ވަންނަމީހުންނާއި ނިކުންނަމީހުން ވަކީން ދެފަރާތަށް މިސްރާބުކޮށްލާނަމަ ހާދަހާވާ ރަނގަޅުވެފައި ހިތްގައިމުވާނެއެވެ. އެ ނަމޫނާ ދަރީންނަށް ދައްކާނަމަ، މާދަމާ އެކުދީންވެސް ހަމަ އެމަގުން ހިނގާނެކަން ޔަޤީނެވެ.
މަދަރުސާގެ މައިދޮރޯށި ކުރިމަތީގައި ސައިކަލު ޕާކުކޮށްފައި ދަރިފުޅު ބަލާ ވަނުމުގެ އާދަ ދޫކޮށްލާށެވެ. ޤަވާޢިދުން ޕާކުކުރެވޭނެ ތަނެއް ކައިރީގައި ނެތްނަމަ ދުރުގައި ޕާކުކޮށްލާފައި ދިއުމުގެ ވިސްނުމާއި ހަކަތަ ހުންނާންވާނެއެވެ. ތިމާގެ ވަގުތު ސަލާމަތްކުރުމުގެ ނިޔަތުގައި ކަފިހިހުރަސް ބެދޭހެން ޕާކުކޮށްލާއިރު އޭގެ ސަބަބުން އަނެކާއަށް ވެދާނެ އުނދަގުލަކާމެދު ވިސްނަންޖެހޭނެއެވެ. ޕްލާސްޓިކްފަދަ ތަކެތި މޫދަށާއި ޢާއްމު ތަންތަނަށް އެޅުމުން ލިބޭ ގެއްލުންތައް ތުއްތުކުދީންނަށްވެސް އެނގޭއިރު އަހުރެމެން ބޮޑެތިމީހުން އެކަމާ ދެލޯމަރައިލައިގެން ތިބޭން ހެޔޮނުވާނެއެވެ. ދަރިފުޅުގެ އަތުގައި ހިފައިގެން ހުރެ ކިޔޫ ފަޅައި އަމިއްލަ އެދުން އިސްކުރުމާއި، ތަންތަނަށް ވަދެ ނިކުތުމުގައި ގެންގުޅެވިދާނެ ރީތި އުސޫލުތަކާ ޚިލާފަށް ހަމައެއްލަމައެއްނެތި އުޅުމީ ދަރީންނަށް ގޯސް ނަމޫނާ ދެއްކުމެވެ. އެކުދީންގެ މުސްތަޤުބަލަށްޓަކައި ނުބައި އޮށެއް އިންދައިދިނުމެވެ. އުފާވެރި މާދަމާއެއް އެދޭނަމަ ރަނގަޅު ތަޢުލީމާއި ހެޔޮ ނަމޫނާއާއެކު ދަރީން ތަރުބިޔަތު ކުރަމާ ހިނގާށެވެ. ބުރަކަމާއެކުވެސް އެކަން ކޮށްފިނަމަ އޭގެ ހެޔޮ އަސަރުތައް މުޖުތަމަޢުން ފެންނާނެކަން ކަށަވަރެވެ!