40 އަހަރުވީ ފިހާރަ އަނދާ ހުލިވީ 3 މިލިއަން ރުފިޔާގެ މުދަލާއެކު!

ރޭ އަނދައި ދިޔަ ވެގަ ޕޮއިންޓް ފިހާރައިގައި މީގެ 30 އަކަށް އަހަރު ކުރިން ކުޑަކުދިންތަކެއް: މިއީ މާލޭގައި އޭރު ވަރަށް މަޝްހޫރު ފިހާރައެއް-- ފޮޓޯ: ރިޔާޒް

މާލޭގައި ވަރަށް ފުޅާކޮށް މީގެ 40 އަހަރު ކުރިން ފެށިގެން ހިންގަމުން އައި "ވެގަ ޕޮއިންޓު" ފިހާރަ ރޭ ފަތިހު އަނދާ ހުލިވިއިރު އެ ފިހާރަގައި 3.7 މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް ފިހާރައިގެ ވެރިޔާ ބުނެފިއެވެ.

ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓް ތިން ބުރިއަށް ހަދާފައި ހުންނައިރު ތިރީގައި ހިންގަނީ ފިހާރައެވެ. މަތީ ދެ ފްލޯގައި ހުންނަނީ މުދާ ގުދަން ކޮށްފައެވެ. ރޭ ފަތިހު 4:30 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި މުޅި އެ ދެ ފްލޯއާއި އެތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އަދި ފިހާރަ ކުރިމަތީ ޕާކް ކޮށްފައި ހުރި 15 ސައިކަލް ވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

https://sun.mv/181723

ވެގަ ޕޮއިންޓަކީ އާއްމުކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެކެވެ. ނަވާރަސަތޭކަ އަށްޑިހައިގެ ކުރީކޮޅު ހުޅުވި މި ފިހާރައަކީ އޭރު މާލޭގައި އެންމެ މަޝްހޫރު، އަދި އެންމެ ފުޅާކޮށް ވިޔަފާރި ކުރަމުން ދިޔަ އެއް ފިހާރައެވެ. މިހާރު އެ ފިހާރައިގައި ޗައިނާފަދަ ގައުމުތަކުން އަމިއްލައަށް އެތެރެ ކުރާ ބައެއް މުދާ ވެސް ދިޔައީ ވިއްކަމުންނެވެ. ރީޓެއިލްކޮށާއި ހޯލްސެއިލް ކޮށެވެ.

ވެގަ ޕޮއިންޓްގެ ވެރިޔާ، އަޙްމަދު ހަސަން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގީ ކީއްވެކަން ބުނަން ނޭނގޭ ކަމަށާއި ފިހާރަތެރޭގައި ކަރަންޓުގެ ކަންކަން ވެސް ހުންނާނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން ތްރީޕިންތައް ބޭނުންކޮށްގެން ކަރަންޓް ނަގައި ނުހަދާ ކަމަށް ބުންޏެވެ. އަދި ރޭގަނޑު ފިހާރަ ބަންދު ކުރަނީ ފްރިޖުފަދަ އެއްޗެހިން ކަރަންޓް ކަނޑާލުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާގައި "ވެގަ ޕޮއިންޓް" ފިހާރައިގެ ހުރިހާ މުދަލަކާއި، ކައިރީ ޕާކުކޮށްފައި ހުރި 15 ސައިކަލު އަނދައިފަ---

"އެކަމަކު އެއްޗެއްގައި ރޯވެއްޖެއްޔާ ކަންތައްތައް ދިމާވާނެ ބައިވަރު އެއްޗެހި ހުންނާނެ. މިސާލަކަށް ސެލްޓެކްސް ކަހަލަ އެއްޗެހި. ލައިޓަރަށް އަޅާ ގޭސް. ގޭސް ލައިޓަރު ވެސް ހުންނާނެ އަޅުގަނޑުމެން އަތުގައި ކޭސް ކޭސް ނަގާފައި. ދެން އެ އެއްޗެހީގައި ހިފާނެތާ،" އަޙްމަދު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެ ފިހާރަ އިމާރާތްކުރި ފަހުން ވެސް 40 އަހަރުވެއްޖެއެވެ. އެހެންވެ އިމާރާތުގެ އަގުކުރަން ދަތިކަމަށާއި ނަމަވެސް އެތަނުގެ ތެރޭގައި ހުރި މުދަލުގެ އަގު 3.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުންޏެވެ.

އިންޝުއަރެންސް ހަމަވާން ދެ ދުވަސް

އަޙްމަދު އިތުރަށް ކިޔައިދިން ގޮތުގައި ފިހާރައިގައި މި ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައި މިވަނީ އިންޝުއަރެންސް ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށެވެ. އަލިފާނުގެ ހާދިސާއަކަށް ހާއްސަކޮށްގެން އިންޝުއާ ކުރީ ބޭންކުން ލޯނެއް ނެގުމަށްޓަކައި އެކަން ޝަރުތުކޮށްފައި އޮތުމުން ކަމަށް އަޙްމަދު ބުންޏެވެ.

އަޙްމަދު ބުނިގޮތުގައި އޭނާ ނަގަން އުޅުނު ލޯން އެފަހަރު ބޭންކުން ހަމައެއްވެސް ނުޖެހުނެވެ. ނަމަވެސް އިންޝްއަރެންސް އުވާނުލައި ބައިންދާފައި އިންދާ މި ހާދިސާ ހިނގީއެވެ.

"މިއީ ހަމަ އިއްތިފާގު. އަޅުގަނޑަށް ނުވެސް އެނގޭ. އަޅުގަނޑު އިންޝްއާ ކުރީވެސް އަލިފާނަށް،" އަޙްމަދު ކިޔައިދިނެވެ.

އަޙްމަދަކީ މަޝްހޫރު ލަގްޒަރީ ފިހާރައިގައި މުވައްޒަފަކަށް އުޅުނު މީހެކެވެ. އެއަށްފަހު އެ ކަހަލަ ފިހާރައެއްގެ ގޮތުގައި ވެގަ ޕޮއިންޓް އޭނާ ހިންގަން ފެށީއެވެ. ކުރިން މީގެ އިތުރު ފިހާރަތައް ވެސް ހިންގިއެވެ. ނަމަވެސް މިހާރު ހިންގަމުން އައީ ރޭ އަނދައިހުލިވި ފިހާރަ އެކަންޏެވެ. މި ހިތާމަވެރި ހާދިސާއަށްފަހު ވެސް އަޙްމަދު ހުރީ ހިތްވަރު ދެރަ ކުރާ ގޮތަކަށް ނޫނެވެ. އޭނާ ބުނީ އަދި ވެސް މި ވިޔަފާރި ކުރާނެ ކަމަށެވެ.

comment ކޮމެންޓް