މޯލްޑިވަސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ގދ. ގައްދޫ އާއި މާވަރުލު އެއާޕޯޓް ބުރިޖަކުން ގުޅާލާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެއް ފަޅެއްގެ ތެރޭގައި އޮންނަ ގައްދޫ އާއި މާވަރުލު އެއާޕޯޓާ ދެމެދު 431 ކިލޯ މީޓަރު ހުރެއެވެ.
ގައްދޫގައި މިރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ, މާވަރުލު އެއާޕޯޓް އިތުރަށް ތަރައްގީކޮށް އެތަނާއި ގުޅުވައި އިތުރު މަސައްކަތްތަކެއް ކޮށްގެން މެނުވީ ގައްދޫއަށް ތަރައްގީ ނާންނާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި މާވަރުލު އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ އަދަދު އިތުރު ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އެތަނުގައި ސިޓީ ހޮޓާ އަޅާނަން. އަދި މާވަރުލު އެއާޕޯޓާއި ގައްދޫއާ ކޯޒްވޭ ބްރިޖުން ގުޅާލާނެ ވާހަކަ ތިބޭފުޅުންނަށް ދަންނަވަން. މިގޮތަށް ހަދައިގެން މެނުވީ ތިބޭފުޅުންނަށް ތަރައްގީއެއް ނާންނާނެ," ނާޒިމް ވިދާޅުވިއެވެ.
ރާއްޖެއަށް ފުރިހަމަ ތަރައްގީ އަންނާނީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ގައްދޫ ކައިރީގައި ތަރައްގީ ކޮށްފައިވާ މާވަރުލު އެއާޕޯޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖެ ތަރައްގީ ކުރަމުން މިދަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް އިގްތިސާދީ ބޮޑު ބަދަލެއް ގެންނާނެކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކިވަކި ރަށް ރަށް ތަރައްގީ ކުރީމާ މުޅި ސަރަހައްދަށް ލިބޭ މަންފާ އޭގެން ކުޑަ. އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކީ ގއ. ގދ. ޏ އަދި ސ. އަތޮޅު ގުޅިގެން ލާ މެހިގެން ތަރައްގީ ގެނައުން," ނާޒިމް ވިދާޅުވިއެވެ.
ގައްދޫ ރައްޔިތުންނަކީ އަބަދުވެސް އެ މީހުންގެ ހުވަފެނެއް ގެންގުޅޭ ބައެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ, އެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ވަރަށް ދިގު އިންތިޒާރެއްކޮށްފި ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަކީ ދަނޑުވެރި އަދި މަސްވެރި ރައްޔިތަކު ދިރިއުޅޭ ރަށެއް ނަމަވެސް އެ މީހުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އާބާދީގެ ގޮތުން ބޮޑު އަދި ބިން ބޮޑުކުރެވެން އޮތް މި ގައްދޫ އިތުރަށް ތަރައްގީވެ ފުޅާވެގެން ދާނީ ތަފާތު ކަންކަން ކުރެވިގެން," ނާޒިމް ވިދާޅުވިއެވެ.
އެގޮތުން މާލެއަށް މީހުން ޖަމާކޮށްގެން ކަންކަން ކުރުމަކީ އެމްއެންޕީގެ ސިޔާސަތެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.