ޔޫރަޕްގެ ކޮލެޓީ ބޭސް ގެނައުމަށް އެސްޓީއޯއިން އެސްޓްރާޒެނިކާއާއެކު މަސައްކަތް ފަށައިފި

އެސްޓްރާޒެނިކާ ރާއްޖެއަށް ތައާރަފްކުރަން އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު--

ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި މިހާރު ދުނިޔޭގައި އެންމެ ކުރިއަރައިފައިވާ ޔޫރަޕްގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ބޭސް އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާގެ ގޮތުގައެވެ.

އެކަމަށްޓަކައި އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ. އާދިލްގެ އިތުުރުން މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ އަބްދުﷲ ސައީދާއި، އެސްޓްރާ ޒެނިކާގެ ބިޒްނަސް މެނޭޖާ އަބިޝެކް ކައުޝިކްގެ އިތުރުން ރާއްޖޭގެ ސިއްހީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކޮއްލެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓިއޯގެ ސީއީއޯ ސައީދު ވިދާޅުވީ އެސްޓްރާޒެނިކާ އަކީ ކޮވިޑުގެ ތެރޭގައި ރާއްޖެއަށް އާންމުވެގެން ދިޔަ ނަމެއް ކަމަށެވެ.

"އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއް. އަދި މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުން." ސައީދު ވިދާޅުވިއެވެ.

އެސްޓްރާ ޒެނިކާ ރާއްޖެއަށް ތައާރަފް ކުރުމާއެކު، ޚަރަދު ކުޑަކޮށް ރާއްޖެއަށް ބޭސް އެތެރެ ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ދާއިމީ ބަލިތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން އިތުރުކުރުމައްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިކަމުން ބާރު ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓްރާޒެނިކާ ރާއްޖެއަށް ތައާރަފްކުރަން އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު--

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެސްޓްރާޒެނިކާ ފަދަ ބޮޑު ކުންފުންޏަކުން ފެންވަރު ރަނގަޅު ބޭސްތަކެއް އެތެރެ ކުރެވުން ވެގެންދާނީ ރައްޔިތުން އެސްޓީއޯއިން އެތެރެކުރާ ބޭހާމެދު އޮންނަ އިތުބާރު ބޮޑުވާނެ ކަމަކަށް ކަމަށެވެ.

އެ ކުންފުނަޏާއެކު އެސްޓީއޯ އިން ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ރައްޔިތުންނަށް ލިބޭނެއެވެ. އޭގެ ތެރޭގައި، ކެންސަރު ބައްޔާއި، ގޭސްޓްރިކާއި، ހަކުރުބައްޔަށް ހާއްސަ ބޭސްތަކެއްވެސް ހިމެނެއެވެ.

އެސްޓީއޯ ގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފެނަވަރު ރަނަގަޅު ބޭސް ފޯރު ކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

"އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުމެވެ." އެސްޓީއޯއިން ބުނެފައިވެއެވެ.

މިއީ ދިވެހިންގެ އާންމު ސިއްހަތަށާއި ދިރިއުޅުމަށް އަންނަ ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާ އެ ކުންފުނިން ބުނެފައިވަނީ މި ގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ، ޑޮކްޓަރުން ބޭސް ލިޔެދިނުމުގައިވެސް ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ކަމަކަށް ކަމަށެވެ.

އެސްޓީއޯއާއި އެސްޓްރާޒެނިކާއާ މެދު މި ވެވުނު އެއްބަސް ވުމުގެ ސަބަބުން ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއެރުން ލިބި، އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއްލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ފެންވަރު ދަށް ބޭސް ރާއްޖޭގައި ވިއްކަން ހުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެ މައްސަލަ ހައްލު ކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.

comment ކޮމެންޓް