ކުރެންދުއަށް ޢީދެއް: ރައީސާއި މުއިއްޒު ވަޑައިގަތީ އެއްފަހަރާ

މުއިއްޒާއި ރައީސް ޞާލިޙް ކުރެންދޫގައި: ރައީސާއި މުއިއްޒު ވަޑައިގަތީ އެއްފަހަރާ--

މިއަދު ޅ. ކުރެންދުއަށް އޮތީ ސިޔާސީ ޢީދެއްގެ ފޯރިޔާ ޖޯޝެވެ. ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވީ އެއް ވަގުތެއްގައެވެ.

ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މުޅި ރާއްޖޭގައި ފޯރީގައި ކުރިއަށްދާއިރު، ކުރެންދުއަށް މިއަދު ހާއްސަވީ، އެންމެ ބޮޑު ދެ ޕާޓީގެ ކެންޑިޑޭޓުން އެއް ފަހަރާ އެ ރަށަށް ވަޑައިގަތުމުންނެވެ.

އެކަމަކު، ދެ ކެންޑިޑޭޓުން ވެސް ސިޔާސީ ހަރަކާތް ހިންގާފައިވަނީ އިންތިޚާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރަށުގެ ދެ ކޮޅުގައި ކަމަށް އެ ރަށުގައި ތިބި "ސަން"ގެ ނޫސްވެރިން ކިޔައިދިނެވެ. އަދި، އެއް ފަހަރާ ދެ ކެންޑިޑޭޓުން ވަޑައިގެން ނަމަވެސް އެ ރަށުގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިފައެއް ނުވެއެވެ. މުޅި ރަށުގައި އޮތީ އެއްބައިވަންތަ ސިޔާސީ ރޫހެކެވެ.

ރިޔާސީ އިންތިޚާބުގެ ގަވާއިދު ބުނާ ގޮތުން، ވާދަވެރި ދެ ކެންޑިޑޭޓުންނަށް އެއް ތަނެއްގައި އެއް ފަހަރާ ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މަރުހަބާ ދެންނެވުމަށް ޅ. ކުރެންދޫގައި ދަމާލާފައި އޮތް ސަފު -- ފޮޓޯ/ އެމްޑީޕީ

ކެމްޕޭނަށް އުފަން އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގައި ކުރެންދުއަށް ރައީސް ޞާލިޙް ވަޑައިގެންނެވީ މިއަދުގެ ދެވަނަ މަންޒިލަކަށެވެ. އެ ރަށުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. އެ ރަށަށް ރައީސް ވަޑައިގަތީ މެންދުރުފަހުއެވެ.

އެގޮތުން، ރައީސަށް މަރުހަބާ ދަންނަވަން އެ ރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ ދިގު ސަފެއް ދަމާލައިފައެވެ.

ޑރ. މުހައްމަދު މުއިއްޒު މިއަދު ޅ. ކުރެންދޫގައި -- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒު ވެސް މިއަދު އެ ރަށަށް ވަޑައިގަތީ މެންދުރު ފަހެވެ. އޭނާއަށް މަރުހަބާ ދެންނެވުމަށް ވެސް އެ ރަށުގެ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދުގައި ދިގު ސަފެއް ދަމާލައިފައެވެ.

އެއް ފަހަރާ ކުރެންދުއަށް ވަޑައިގެން ނަމަވެސް ދެ ބޭފުޅުންގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ދަނީ ރަށުގެ ދެ ފަޅީގައެވެ.

https://sun.mv/181458

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ރިޔާސީ ކެމްޕޭންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު، މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާ ދެ ބޭފުޅުން ވެސް ދުވާފަރުން ބައްދަލުވެފައިވެއެވެ. އެ ރަށުން ވެސް ވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ނަމޫނާ ރީތި ކެމްޕޭނެއް ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް