ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރ. ދުވާފަރު ބަނދަރުގައި ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އެ ރަށަށް އަރައިވަޑައިގަތް ވަގުތު ދިމާވެ ފޯރިގަދަ ކެމްޕެއިންގެ ހަރަކާތްތަކަށް ހިނގައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ބުނާ ގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ގަވާއިދުގައި އެހެން ބުނެފައި އޮތް ނަމަވެސް މިއަދު ހަވީރު ދެ ކެންޑިޑޭޓަކު ވަނީ އެއްތަންވެފައެވެ. ނަމަވެސް އެއްވެސް ވަރަކަށް ބަހުގެ ހަމަލާތައް ބަދަލުނުކޮށް ދެ ކޮޅުން ވެސް ވަނީ ފޯރީގައި ތާއީދު ހޯދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެންމެ ފުރަތަމަ ދުވާފަރަށް ވަޑައިގަތީ ގާސިމް އިބްރާހިމާއި ޖޭޕީގެ ޓީމެވެ. ހަވީރު 5:30 ވަނިކޮށް ޖޭޕީގެ ބައްދަލުވުން ބަނދަރު ސަރަހައްދުގައި ކުރިއަށް ދަނިކޮށް މުއިއްޒު ވަނީ އެ ރަށަށް ވަޑައިގެންފައެވެ. އޭރު މުއިއްޒުއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު އޭނާއަށް މަރުހަބާ ދެންނެވުމަށް އޮތީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ޖޭޕީގެ ޖަލްސާ ފެށީތާ ތިން މިނެޓް ފަހުން މުއިއްޒު ވަނީ ދުވާފަރަށް ފައިބާވަޑައިގެންފައެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މި ރަށުގައި އެބަ ޖެހޭހެން އެންމެން އެއްކޮށް އެއްޗެއް ޖައްސާލަން. އެކޮޅުން ސައުންޑު މަޑުކޮށްލައިފިއްޔާ އެންމެނެއް އެއްވެލެވިދާނެ އިނގޭތޯ. އެކޮޅުން ސައުންޑް މަޑުކޮށްލައިފިއްޔާ މިކަން ނިންމާލެވޭނީ އެނގޭތޯ. އަޅުގަނޑުމެން އެންމެ އެއްކޮށް ޖައްސާލާ ކަހަލަ ބަނދަރުމައްޗެއް މިއީ," ޖޭޕީގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދެއްކެވި އަލީ ވަހީދު ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނަށް އިޝާރާތްކުރައްވައި އަލީ ވަހީދު ގޮވީ, 'ނިމެނީ ނިމެނީ," ކަމަށެވެ. މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް އެއްވެތިބި ސަޕޯޓަރުން އަލީ ވަހީދާ ބައިވެރިވެ ގޮވީ, **ގެ ވެރިކަން ނިމެނީ ނިމެނީ ކަމަށެވެ.
ފޯރީގައި އަލީ ވަހީދުގެ ވާހަކަ ކުރިއަށް ގެންގޮސް ނިންމާލުމަށްފަހު ކުރީގެ ހެލްތް މިނިސްޓަރު އަބްދުالله އަމީން ވެސް ވަނީ އެ ޖަޒުބާތުގައި ވާހަކަ ދައްކާފަައެވެ. އެއަށްފަހު ދެން ވާހަކަ ދެއްކެވީ ޕީޕީއެމްގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު ޖޭޕީއާ ގުޅިވަޑައިގަތް އަހްމަދު ނިހާން ހުސައިން މަނިކެވެ.
"ނިކަން ދެކިވަޑައިގަންނަވާ މި ފަސްގަނޑުގައި ދެއްކި ރީތި މަންޒަރު. އަނެއްހެން ބަލާކަމުގައިވަނީ ނަމަ އަޅުގަނޑުމެންގެ ސަފު އޮތީ އެކޮޅުގައި އައްކޮޅުން އަނެއްކޮޅަށް ދަމާލާފައި. އަނެއް ކޮޅުން އޮތީ މިހެން ދަމާލާފައި. ހަމަ އެކުވެރިކަމާ އެކު މި އުޅެވެނީ ނޫން ތޯ. މިވަރުގެ ރީތި މަންޒަރެއް ވޭތުވެދިޔަ 17 އަހަރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ތަކުރާރުވެފަ ނެތް ކަމީ ޝައްކެއް ހުރި ކަމެއް ނޫން," ބަނދަރާ ދިމާލަށް އަތް ދިއްކޮލުމަށްފަހު ނިހާން ވިދާޅުވިއެވެ.
ނިހާންގެ ވާހަކަ ނިންމާލައި ގާސިމް ވާހަކަ ދައްކަވަން ފެށިއިރު އިދިކޮޅު ސަޕޯޓަރުން ވަނީ މުއިއްޒުއާ އެކު އެ ސަރަހައްދުން ވަޑައިގެންފައެވެ.
އެ ރަށުގައި ހުރި 'ސަން'ގެ ނޫސްވެރިޔާ ބުނީ, އެއްވެސް ހަމަނުޖެހުމެއްނެތި ދެ ޕާޓީން ކެމްޕެއިންގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ކުރިން މަޝްވަރާ ކޮށްފައި އޮތުމުން ކަމަށެވެ. އަދި އެ ރަށަށް ނިސްބަތްވާ ދެ ޕާޓީގެ ސަޕޯޓަރުން އެކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ގަވާއިދުގައި ބުނާ ގޮތުން އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށެވެ.