މިއަދު ތިނަދޫ ސިޓީގައި ދޭން ފެށި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތާއެކު ކުރިއަށް އޮތްތަނުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިރޭ ތިނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި މި ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ހާމަކުރައްވައި ދެއްކެވި ވާހަކަފުުޅުގައި އެ މަނިކުފާނު ވިދާޅުވީ މި ސިޓީއަށް ގެންނަން އޮތީ ބޮޑު ބަދަލެއްކަމަށެވެ.
އެ ބަދަލުގެ ތެރެއިން މި ރަށުގައި މިއަދު އަލަަށް ފެށުނު ޕާސްޕޯޓުގެ ޚިދުމަތާއެކު ދެން މި ސިޓީގެ ރައްޔިތުން ބޭނުންވާނީ މާލެ ނުގޮސް ގައުމުން ބޭރަށް ދެވޭނެ މަގު ފަހިވުންކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އެންމެ ފުރަތަމަ ވިސްނުމަކީ ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން. އެ ކަން އަޅުގަނޑުމެން މި ޕްލޭންކޮށްފައި އޮތް ގޮތަށް ނުކުރެވެންޏާ އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ހަފުތާގައި އިކޮނޮމިކް ކައުންސިލުން ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި ތިނަދޫ އޮތް ފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ނިންމުން ހިމެނޭ ކަމަށެވެ.
ކާޑެއްދޫ އިންޓަނޭޝަނަލް ނުކުރެވޭނަމަ އެ ޕްރޮޖެކްޓާއެކު މި ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ޚިދުމަތް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ އައު އެއާޕޯޓެއް ތަރައްގީކުރުމުގެ ވާހަކަފުޅެވެ.
ރައީސް ވިދާޅުވީ ގއ. ވިލިނގީލީގައި ވެސް ހަމަ އެ ނިންމުން ތަންފީޒުކުރައްވާނެކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަހަރެއްހައި ދުވަސްތެރޭ މިހާރު ކުރަމުން އަންނަ ކޮމާޝަލް ހާބަރުގެ މަސައްކަތް ނިމި ބޭރުން މުދާ ބަރުކޮށް މި ހާބަރަށް ހުސްކޮށް އެ ތަނުގެ މަސައްކަތް ހިނގަން ފަށާނެކަމަށެވެ.
"ސިނާއީ ގޮތުން ބޮޑު ބަދަލެއް މި ސިޓީއަށް ގެންނަން އަޅުގަނޑުމެން ބޭނުންވޭ. އެހެންވެ ކޮމާޝަލް ހާބަރެއް މި ތަނުގައި ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވިއެވެ.
އޭރުން ޕޯޓްސްއާއި ކަސްޓަމްސްފަދަ އޮފީސްތައް މި ސިޓީގައި ގާއިމްކުރެވި 'އެތައް ސަތޭކަ' ވަޒީފާއެއް އުފެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ކާމިޔާބުކުރާނީ އެއްބުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މާދަމާ ތިނަދޫގައިި 500 ފްލެޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފަށާނެކަމަށެވެ. އެއީ ކުޅުދުއްފުއްޓާއި އައްޑުއާއި ފުވައްމުލައް ސިޓީގައި ވެސް ހިންގާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސިޓީ އޮންނަ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ އިތުރުން މި ސިޓީގެ ނުހެދި ހުރި ހުރިހާ މަގެއްގައި ތާރު އަޅައި ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޓިވެޓް ކެމްޕަހެއް ގާއިމްކުރުމާއެކު ޑިޓޮކްސް ސެންޓަރު ފުރިހަމަ ރިހެބިލިޓޭޝަން ސެންޓަރަކަށް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.