ބ. އޭދަފުށިން، ޢާލިމް އަބްދުއްލަތީފް
ބ. އޭދަފުށީގެ ފަޅުތެރެއަށް ލޯންޗު ވަނުމާއެކު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލޯންޗުގެ ކުރީކޮޅަށް ނުކުމެވަޑައިގެންނެވިއެވެ. އޭރު، އޭނާއަށް މަރުހަބާ ކިޔުމަށް ޓަކައި، ފަޅުތެރޭގައި އަންހެންވެރިން ދޯންޏެއްގައި ކުރުފަލިޖަހަމުންދިޔައެވެ.
މިއީ މި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅިވަރެކެވެ. މި ރަށުން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި މި ރަށުގައި ވެސް ވަރަށް ގަދައަށް ކުރާ ކަމެކެވެ.
މުއިއްޒު މި ރަށުގެ ރަސްމީ ފާލަމާ ގާތްކުރަންދެން ކުރުފަލި ޖަހަމުން އެ ދޯނި ވެސް އައެވެ. ފާލަމުން މުއިއްޒަށް އެރުވީ ހަތްކޮޅުގެ އިއްޒަތެކެވެ. މުއިއްޒު ސަޕޯޓަރުންނާ ސަލާންކުރެއްވިއިރު އޭނާގެ ބޯމަތީގައި ހަތްކޮޅު އަނބުރަމުންދިޔައެވެ.
މި ރަށުން "ސަން"އާ ވާހަކަ ދެެއްކި ދުވަސްވީ މީހަކު ބުނި ގޮތުގައި ކުރުފަލި ޖެހުމަކީ އާއްމުކޮށް، އީދުގައި ކުޅޭ ކުޅިވަރެއް ކަމަށެވެ. ނަމަވެސް، އިހުގައި އިއްޒަތްތެރިން ވަޑައިގަންނަވާއިރުގައި ވެސް ކުރުފަލި ޖަހައި މަރުހަބާ ކިޔާ ކަމަށް އޭނާ ކިޔައިދިނެވެ.
"ރައީސް މައުމޫން މި ރަށަށް ވަޑައިގެންނެވި އިރުގައި ވެސް އެ ގޮތަށް އެ ކަން ކުރި. މި ރަށަކީ މިފަދަ ސަގާފީ ކަންކަަމަށް ވަރަށް ފޯރިގަދަ ރަށެއް،" އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އެންމެ ފަހުން މި ގޮތަށް ކުރުފައްޔާއެކު ހަތްކޮޅުގެ އިއްޒަތެއް އެރުވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.
މުއިއްޒަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު މި ރަށުން ނުކުމެފައި ތިއްބެވެ. ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ސަޕޯޓަރުންނާ ސަލާން ކުރެއްވުމުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވިއެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، މި ރަށަކީ ޕީޕީއެމްގެ ރަށެއްކަމަށާއި މި ރަށުން 75 އިންސައްތަ ޑރ. މުއިއްޒު ހޯއްދަވާނެ ކަމަށެެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭދަފުށީގެ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ބަޔަކަށްވާތީ، ޕީޕީއެމްގެ ތަރައްގީގެ ވިސްނުމާ އެއްގޮތްވާނެ ކަމަށެވެ.
"އެހެންވީމަ އޭދަފުށީގެ ހަގީގަތުގައި ބުނާނަމަ 90 ޕަސެންޓް ރައްޔިތުންނަކީ ހަމަ ޕީޕީއެމްގެ ރައްޔިތުން،" އޭނާ ވިދާޅުވިއެވެ.