މުއިއްޒު ގައްދޫ ރައްޔިތުންނަށް: ގަން ހޯދައިދީ އެއާޕޯޓް ތަރައްގީކޮށްދޭނަން!

މުއިއްޒަށް ގައްދޫގެ ސަޕޯޓަރުން މަރުހަބާ ކިޔަނީ --

(ގދ. ގައްދޫއިން، އާލިމް އަބްދުއްލަތީފް)

ގދ. ގަމަކީ ގައްދޫ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށް ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުގައި ގައްދުއަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ މި ރަށުގެ ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މި ރަށުގެ ގިނަ ރައްޔިތުން މުއިއްޒުގެ ކިބައިން އެދުނު ދެ ކަމަކީ އެއާޕޯޓް އިތުރަށް ތަރައްގީކޮށްދިނުމާއި ގަން މި ރަށުގެ ބައެއްގެ ގޮތުގައި ހިމަނައިދިނުމެވެ.

"މި ރަށުގެ ރައްޔިތުންގެ ކުރިމަގަށް ބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އީޖާބީ ގޮތެއްގައި ތިޔަބޭފުޅުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭތަން،" މުއިއްޒު ވިދާޅުވިއެވެ.

"އެވޭލާ ޒަމާނުއްސުރެ ތިޔަ ބޭފުޅުންގެ ބައެއް ގޮތުގައި، ރަށެއް ގޮތުގައި އޮންނަ ގައްދޫގެ ރަށެއް ގޮތުގައި އޮންނަ ގަމަކީ މި ރަށުގެ ރައްޔިތުންގެ ރަށެއްގެ ގޮތުގައި ކަނޑައަޅާނަން،"

ގަމަކީ ގައްދޫގެ ބަޔަކަށް ހަދައި އެ ކަމުގެ ނަފާ މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވާނެ ގޮތަށް ބައްޓަން ކުރެވި، އިގްތިސޯދީ ފައިދާކުރުވަނިވި ތަނަކަށް ހަދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ގައްދޫ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ --

މީގެ އިތުރުން، ގައްދޫގެ ރައްޔިތުންގެ ކުރިއެރުމަށް ޓަކައި މާވަރުލު އެއާޕޯޓް ތަރައްގީކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ އެއާޕޯޓް ތަރައްގީކޮށް ފްލައިޓްތައް ވެސް އިތުރުކޮށްްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

"އެ އެއާޕޯޓަކީ ފުރިހަމަ ކުރެވިފައިވާ އެއާޕޯޓަކަށް ހަދައިދޭނަން. އެއާޕޯޓާއެކު ޓޫރިޒަމް ފުޅާވެގެން ދިއުމުން ހަގީގީ ކުރިއެރުން މި ސަރަހައްދަށް އަންނާނީ،" މުއިއްޒު ވިދާޅުވިއެވެ.

ގައްދުއަކީ ފާހަގަކޮށްލެވޭ ސާފިން ޕޮއިންޓެއް އޮތް ރަށެއް ކަމަށާއި މި ރަށުގައި ސާފިން ޓޫރިޒަމް ފުޅާކޮށް އެ ކަމުގެ ނަފާކުރާ ރަށަކަށް ހަދައިދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގައްދޫގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ހޮސްޕިޓަލެއް މި ރަށުގައި ތަރައްގީކޮށްދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

އަތޮޅުތެރެއަށް މުއިއްޒު ކުރައްވާ ކެމްޕޭން ދަތުރުގައި މިއަދު ވަޑައިގަންނަވާނީ ގދ. އަތޮޅުގެ ބައެއް ރަށްރަށަށެވެ. ގައްދޫގެ އިތުރުން، ނަޑެއްލާ، މަޑަވެލި، ހޯޑެއްދޫ އަދި ތިނަދުއަށް އޭނާ ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް