އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނަށް ދޭ އެލަވަންސްއާއި ހާފިޒުންނަށް ދޭ އެލަވަންސް އޭނާގެ ވެރިކަމެއްގައި ބޮޑުކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހާފިޒުންގެ އަގު މިހާރު ވެސް ވަޒަންކުރާ ކަމަށާއި ނަމަވެސް، އެއަށްވުރެ ބޮޑަށް ހާފިޒުންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމަ ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސްއަކީ މިހާރަށްވުރެ ބޮޑުވާންޖެހޭ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވަނީ ހާފިޒުންގެ އެލަވަންސް މިހާރަށްވުރެ ދެ ގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މިހާރު ސަރުކާރުން ހާފިޒުންނަށް ދޭ އެލަވަންސްއަކީ 2000 ރުފިޔާއެވެ. މުއިއްޒުގެ ވައުދަކީ އެ އަދަދު 4000އަށް ބޮޑުކުރުމެވެ.
މީގެ އިތުރުން، މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް އެެއްވެސްކަމެއް ކުރެވޭ ވަރުގެ އެލަވަންސެއް ނޫން ކަމަށެވެެ.
"އެ އެލަވަންސް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް ތިން ހާސް ރުފިޔާއަށް ބޮޑުކުރާ ވާހަކަ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ގޮތަށް ބަދަލުކުރަން ނިންމި ނަމަވެސް 3000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށެވެ. އެއީ ޖުމުލަ 12،000 ރުފިޔާއެވެ.
"މީގެ ސަބަބުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް ފަސޭހަވެގެން ދާނެކަމަށް،" މުއިއްޒު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން އެކަނިވެރި މައިންނަށް ދެނީ 2000 ރުފިޔާގެ އެލަވަންސެކެވެ.
އިތުރަށް މުއިއްޒު ވަނީ، އެންމެ އިމާމަކު ކޮންމެ މިސްކިތެއްގައި ހުންނާތީ އިމާމުންގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. ސަލާން ބުނަން ޖެހުނުކަމުގައި ވިޔަސް، ދެވަނަ އިމާމަކު ނުހުންނާތީ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މިސްކިތްތަކަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެވޭނެ. މިސްކިތްތަކުގައި އަބަދުވެސް އެ ކަމަށް ހާއްސަކުރެވިފައި ހުރި ނަމާދުކުރެވޭ މުދިމަކު، އިމާމަކު ހުންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ މިސްކިތެއްގައި ވެސް ދެ އިމާމުން ތިބޭ ވަރަށް އިމާމުން އިތުރުކުރައްވާނެ ކަމަށެވެ.