ހުޅުމީދުއިން ވެސް ދިގު ސަފަކާއެކު މުއިއްޒަށް ހޫނު މަރުހަބާއެއް!

ހުޅުމީދޫގައި މުއިއްޒަަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެފައި --

(ހުޅުމީދުއިން، ޢާލިމް އަބްދުއްލަތީފް)

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ނިސްބަތްވާ، އައްޑޫ ސިޓީ ހުޅުމީދުއިން ވެސް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ހަވީރު މުއިއްޒު ހުޅުމީދުއަށް ވަޑައިގެންނެވިއިރު، ހުޅުދޫއާއި މީދޫގެ ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް އެއްވެފައި ތިއްބެވެ.

މި ރަށުން “ސަން”އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ ކުރިން މި ދެ ރަށަކީ ވެސް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ދެ ރަށެކެވެ. ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް އިލްޔާސް ހޯއްދެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވައިގެންނެވެ. ފަހުން އޭނާ ވަނީ ޑިމޮކްރެޓްސްއާ ގުޅިފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކީ އިލްޔާސްއެވެ.

ހުޅުމީދޫއިން މުއިއްޒަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެފައި --

"މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ނުދޭތީ ވަރަށް ހިތްހަމަނުޖެހިފައި ތިބީ. މިހާރު މުޅިން ޕީޕީއެމް ކޮޅަށް ބަދަލުވަމުންދަނީ،" އޭނާ ބުންޏެވެ.

މީގެ ކުރިން ޕީޕީއެމްގެ ސަޕޯޓަރުން މި ވަރަށް މިފަދަ ކަމެއްގައި ނުނިކުންނަކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދު މުއިއްޒު މި ރަށަށް ވަޑައިގެންނެވިއިރު، ބަނދަރުން ފަށައިގެން ރަށުތެރެއާ ހަމައަށް އޭނާއާ ސަލާންކުރަން ސަފު ދަމައިލައިފައި އޮތެވެ.

މިއަދު މި ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޖަލްސާއެއް އޮންނާނެއެވެ.

އިއްޔެ މުއިއްޒު އައްޑުއަށް ވަޑައިގެންނެވިއިރު ގަމު އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް މީގެ ކުރިން އައްޑޫގައި ޕީޕީއެމަށް މަރުހަބާ ކިޔަން ނުނިކުންނަވަރަށް މީހުން ނުކުމެފައި ތިއްބެވެ.

comment ކޮމެންޓް