ވަޢުދުތަކުގެ ތެރޭގައި އަޑުނީވޭ، އެންމެން ވެސް ބޭނުންވާ ކަންތައްތަކެއް!

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ / ޕީއެސްއެމްނިއުސް.އެމްވީ

ހުއްދައެއް ހޯދުމަށްޓަކައި ލާފައިވާ ފޯމަކާބެހޭގޮތުން ޚަބަރެއްނުވެ ގިނަދުވަސްވާތީ، ކަމާބެހޭ ވުޒާރާއަށް ގުޅައިލުމުން ޖަވާބުދިނެވެ. "އުސޫލަށް ބަދަލު ގެންނާތީ ހުއްދަ ދިނުން ވަނީ ވަގުތީގޮތުން މެދުކަނޑައިލާފަ" އެވެ. އޮފީހަކުން ކުރި އިޢުލާނެއްގައިވެއެވެ. "... ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި .... ދޫކުރުން ވަނީ ވަގުތީގޮތުން މެދުކަނޑައިލާފަ" އެވެ. ވަރަށް މުހިއްމު ޚިދުމަތެއް ދޭ ބޮޑު އޮފީހެއްގައި ޚިދުމަތް ދިނުމަށްޓަކައި ހަ ކައުންޓަރު ހުއްޓެވެ. ނަމަވެސް އެތަނުން ޚިދުމަތް ދެމުންގެންދަނީ އެންމެ ދެކައުންޓަރުންނެވެ. މީހުންތައް ތޮށްޖެހިފައި އޮތް އެތަނުގައި އިން މީހަކު ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. "މިހައި ގިނަ މީހުން އޮތް އިރު ހަ ކައުންޓަރުގެ ތެރެއިން ޚިދުމަތް އެދެނީ އެންމެ ދެ ކައުންޓަރުން" ނެވެ. ޖަވާބުގައި އެހެންމީހަކު ބުނެލިއެވެ. "ދެން ތިބި ކުދިން ވާނީ ކޮންމެ ވެސް މުހިއްމު ކަމަކު ގޮސްފައެވެ. އިރުކޮޅަކުން އަތުވެދާނެ" އެވެ. ނަމަވެސް ކިތަންމެ އިރެއްވެގެން ދިޔައިރުވެސް އެބުނާ ކުދިން އައިތަނެއް ނުފެނުނެވެ.

އާއްމު ޚިދުމަތްދޭ، ސަރުކާރާއި އަމިއްލަ ތަންތަނުންވެސް ޚިދުމަތް ދިނުމުގައި ފަރުވާ ކުޑަކަމާއި ދޯހަޅިކަން ދައްކަމުންދިއުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މީގެތެރެއިން، ސަރުކާރުގެ އިދާރާތަކުން ކުރާ ތާކުންތާކުނުޖެހޭ އެއްކަމަކީ އުސޫލު ނުވަތަ ޤަވާޢިދު ބަދަލުކުރުމަށްޓަކައޭ ބުނެ، ކުރިން ދެމުން ދިޔަ ޚިދުމަތެއް މެދުކަނޑައިލުމެވެ. އަދި މިގޮތަށް މެދުކަނޑައިލި ބައެއް ޚިދުމަތްތައް ނުދީ އެތައް ދުވަހެއްވެފައިވެސް އެބަހުއްޓެވެ. ޙަޤީޤަތަށް ބަލާއިރު، ދެމުންގެންދާ ޚިދުމަތެއްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކަމަށް ވިޔަސް އެ ޚިދުމަތް އެއްކޮށް މެދުކަނޑައިލުން ރަނގަޅެއްނޫނެވެ. ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދާ ނަމަވެސް ކުރިން ދެމުންދިޔަ ޚިދުމަތް މެދުނުކެނޑި ދޭންޖެހޭނެއެވެ. އޮންލައިން ނިޒާމެއްގެތެރެއިން ދޭ ޚިދުމަތެއް އިތުރަށް ތަރައްޤީކުރިޔަސް، އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އެ (އަޕްގްރޭޑްގެ) މަސައްކަތް ކުރެވޭނެގޮތް ހުންނާނެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިދާނެ ދަތިތައް ކުޑަވާނެހެން އެކަމެއް ކުރެވޭނެގޮތް ހުންނާނެއެވެ. އާއްމު ގޮތެއްގައި ބޭންކުތަކުން ކަންތައްކުރަނީ މިގޮތަށެވެ. ޚިދުމަތެއް މެދުކަނޑައިލުމުން އޭގެ އުނދަގުލާއި ތުރާ ކުރިމަތިވާނީ އާއްމު ރައްޔިތުންނަށެވެ. ޚިދުމަތް ނުލިބިދާ ކޮންމެ ދުވަހަކީ ވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ނުހަނު ދަތިކަން ކުރިމަތިވާނެ ދުވަހެކެވެ. އަދި ބައެއްކަހަލަ ޚިދުމަތްތަކަކީ އެ ޚިދުމަތެއް ނުލިބޭހައިހިނދެއްގައި، އެއާ ގުޅޭ އެހެން ކަންތައްތަކެއް ނުކޮށް މަޑުކޮށްގެން ތިބެންޖެހޭ ކަހަލަ ޚިދުމަތްތަކެވެ.

ފަސް ހަ ކައުންޓަރު ހުންނަ ތަންތަނުގައި، ދެތިން ކައުންޓަރުން ޚިދުމަތް ދެމުން ދިއުމަކީވެސް އާއްމު ކަމެކެވެ. ކިތަންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަން ގޮސް ތިއްބަސް ހަމަ އެފަދައެވެ. އާއްމުކޮށް ގިނަމީހުން ޚިދުމަތް ހޯދާ (ހޮސްޕިޓަލުފަދަ) ތަންތަންވެސް މިގޮތެވެ. މީހުންތައް ތޮއްޖެހި ބާރުބޮޑުވެގެންދާއިރުވެސް އިތުރު ކައުންޓަރަކުން ޚިދުމަތް ނުލިބުމާއި، މަސައްކަތްކުރާ ކައުންޓަރުތަކުގެ މަސައްކަތްވެސް ލަސްވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަންޖެހޭ ހާލަތްތައް ގިނައެވެ. މިއީ ކެތްތެރިކަމާ ގުޅިފައިވާ ކަމެއްނޫނެވެ. ކެތްތެރިވެގެން ތިބެންޖެހޭނީ ސަލާމަތް ބުއްދި ޤަބޫލުކުރާގޮތަށް ކުރިއަށްދާ ޚިދުމަތްތަކުގައި އަންނަ ލަސްކަމާމެދުގައެވެ. ޚިދުމަތްދޭ ފަރާތުން ހިތަށް އެރިހާ ގޮތެއް ހަދައި، މީހުން ގަނަތަޅުވަން ފެށީމައި އެކަމަށް ރުހިގެން ތިބެވޭނެގޮތެއް ނޯންނާނެއެވެ. ފާހަގަކުރަންޖެހޭ އަނެއްކަމަކީ މިފަދަ އުނދަގޫ ދަނޑިވަޅުތައް ތަކުރާރުވިޔަސް، އެކަމުގެ ޝަކުވާ އަޑުއަހާނެ ވެރިޔަކާ ބައްދަލުކުރެވޭނެ ފަހި މަގެއް ނޯވެއެވެ. ރުޅިގަދަމީހާ ވަށިވަށިން ފޮޅައިލާނީ ކައުންޓަރުގައި އިންނަ މީހާއާ ދިމާލަށެވެ. ބެވުމާއި ރުޅިވެރިކަމުގެ ބަސްތައް އަޑުއަހައި މޮޅިއާއި ހިތާމަ ތަޙަންމަލުކުރަންޖެހޭނީ އެމީހުންނަށެވެ. ވެރީން ތިބޭނީ ފިލައެވެ. ކިތަންމެ މުހިއްމުކަމަކާ ގުޅޭގޮތުން ވެރިއަކާ ބައްދަލުކޮށްލަށް ބޭނުންވިޔަސް، "ހީވަނީ މީޓިންއެއްގައިހެންވީ ... މިވަގުތު ރާއްޖޭގައި ނޫޅުއްވާ ... ބްރޭކަށް ވަޑައިގެންފައިވެސް ވެދާނެ ... ލީވްގައި ހުންނެވީ ... އަދި އޮފީހަށް ވަޑައިގެންނެވިހެނެއް ހިއެއްނުވޭ ... އެޕޮއިންޓްމަންޓެއް ހައްދައިގެން ބައްދަލުކުރެވޭނީ، އަވަހަކަށް ލިބިދާނެހެނެއް ހިއެއްނުވޭ ވަރަށް ބިޒީކޮށް އުޅުއްވަނީ" މިއީ ވިހި ތިރީސްހާސް ރުފިޔާގެ މުސާރައާއި އެއާވާނެ އެހެނިހެން ޢިނާޔަތްތަކާއެކު ލައްވާފައިތިބޭ ވެރީންނާ ބައްދަލުކުރަން އުޅުމުން އާއްމުކޮށް ލިބޭ ޖަވާބުތަކެވެ.

ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުންވެސް އާއްމު ޚިދުމަތްތައް ދިނުމުގައި ވީ އެންމެ ފުރިހަމައަކަށް އެ ޚިދުމަތްތައް ފޯރުކޮށްދޭން މަސައްކަތް ކުރަންޖެހޭނެވެ. އިސްލާމްދީން ދަސްކޮށްދީފައިވާ މަސައްކަތުގެ އަޚުލާޤުގެތެރޭގައި ހިމެނޭ ޢަދުލުވެރިކަމާއި، ތެދުވެރިކަމާއި، އޯގާތެރިކަމާއި އަދި އަމާނާތްތެރިކަންފަދަ ސިފަތަކަށް ތަބާވެގެން ޚިދުމަތް ފޯރުކޮށްދޭން ސަމާލުކަންދޭންޖެހޭނެއެވެ. ވަޒީފާއާ ހަވާލުވާ ފަރާތަކީ އެ ހަވާލުވާ ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެފަދަ ފެންވަރާއި ފަންވަރު ހުރި މީހަކަށްވާންޖެހޭނެއެވެ. ވަޒީފާއެއް ހޯދުމުގެ ހަމައެކަނި ބޭނުމަކީ ތިމާއަށް އާމްދަނީ ލިބޭނެ މަގެއް ކަށަވަރުކުރުންނޫންކަމާއި އެ އާމްދަނީގެ މުޤާބިލުގައި ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއް ހުންނާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެއެވެ. މަސައްކަތަށް ކަނޑައަޅާފައިވާ އަސްލު ވަގުތުގެތެރޭގައި އެންމެ ފުރިހަމައަށް މަސައްކަތްކޮށް ވަގުތަށް ފަރުވާތެރިވާންޖެހޭނެއެވެ. ނާޖާއިޒުގޮތުގައި އިތުރު ގަޑީގެ އެލަވަންސު ލިބިގަތުމާއި މަކަރާއި ހީލަތް ހެދުންފަދަ ކަންކަމާ ދުރުހެލިވާންވާނެއެވެ. މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އަމިއްލަ މަސްލަހަތާއި ފައިދާ ހާސިލުކޮށްގެން ނުވާނެއެވެ. މިފަދަ ނަހަމަ ގޮތްގޮތުން މުދަލާއި ފައިސާ ހޯދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ނުބައި ކަންކަމެވެ.(ނިސާ: 29)

އަޅުކަމާއި އަދި އާއްމު ދިރިއުޅުމުގެ ކަންކަމުގައިވެސް އެންމެ މުހިއްމު ރުކުނަކީ އިޚްލާޞްތެރިވުންކަން ދަންނާންވާނެއެވެ. މުވައްޒަފުން މަސައްކަތުގައި އިޚްލާޞްތެރިވާންޖެހޭފަދައިން، އެކަށީގެންވާގޮތުގައި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމުގައި ވަޒީފާ ދޭ ފަރާތުގެ އިޚްލާޞްތެރިކަން ދައްކަންޖެހޭނެއެވެ. މުވައްޒަފުންނަށް ބަރާބަރަށް އުޖޫރަ ދިނުމާއި ޗުއްޓީއާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގައި ޢަދުލުވެރިވާންވާނެއެވެ. މަސައްކަތުގެ އަޚުލާޤާ ފުށުއަރާގޮތަށް ޢަމަލުކުރާ މުވައްޒަފުންނާމެދު އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅާންޖެހޭނެއެވެ.

ވަޒީފާގެ މާޙައުލުގައި، ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންގެ ޢަމަލުތައް ރަނގަޅުވެއްޖެނަމަ އެދާއިރާއިން މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މިސާލަކަށް؛ އާއްމު ޚިދުމަތްތައް ފަސޭހަކަމާއި ފުރިހަމަކަމާއެކު ލިބޭނަމަ މީސްތަކުންގެ ދިރިއުޅުން ފަސޭހަވެގެންދާނެއެވެ. ވަގުތު ސަލާމަތްކުރެވި، މަދު ވަގުތުކޮޅެއްގެ ތެރޭގައި ފައިދާހުރި ގިނަ ކަންކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ވަޒީފާދޭ ފަރާތާއި މުވައްޒަފުންނާއި އަދި ޚިދުމަތް ހޯދާފަރާތްތަކުގެ ގުޅުން ރަނގަޅުވެ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް އުފާވެރި ދިރިއުޅުމެއް ލިބިގަނެވޭނެއެވެ. ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެފައި ފުރިހަމަނަމަ އެކަމުގެ ރީތި ނަމާއި ހެޔޮކަމުގެ ބަސްތައް އެ އިރެއްގައި އޮންނަ ސަރުކާރަކަށް - ޚާއްޞަކޮށް އެންމެ މަތީ ވެރިޔާއަށް ލިބިލިބި ހުންނާނެއެވެ. އަދި އެއީ ތާރީޚުގައި އެކަން ލިޔެވި ތާއަބަދަށް މީސްތަކުން ފާހަގަކުރާނެ ކަމަކަށް ވެގެންދާނެއެވެ!

ގުޅޭ ޓެގު
comment ކޮމެންޓް