އެހެނިހެން ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަޝިޕުން ހުރަސްއަޅާ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ތުހުމަތު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ވިދާޅުވީ މި ފަހުން ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ޚުދު އެ ޕާޓީއަށް ވެސް އެފަދަ ކަންކަން ކުރިމަތިވަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ހަރުގެތަކަށާއި ކެމްޕޭން ބެނާތަކަށް ކަޅުތެޔޮޖެހުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެހެނިހެން ޕާޓީތަކުން ސުލްހަ އިހުތިޖާޖުތައް ކުރާ ފާރަތްތަކަށް ވެސް އެ ފުރުސަތު ދޭން ޖެހޭކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ އެ ފުރުސަތު ދީ، އެ ޕާޓީތަކުން ދައްކާ ވާހަކަ އެހުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އެމްޑީޕީން ކެމްޕޭން ކުރުމަށް ސިޔާސީ ޕާޓީތަކަށް ހުރަސްއަޅާކަން ތުހުމަތުކުރައްވާ އިންތި ވަނީ އެއީ އެމްޑީޕީގެ ސަރުކާރެއްގައި ދުވަހަކު ވެސް ރައްޔިތުން ބަލަން ބޭނުން ނުވި މައްޒަރެއް ކަމަށް ވިދާޅުވެފައެވެ.
"އެހެންނަމަވެސް ސަރުކާރުން އަންނަނީ އެކަންކަން ބަންދުކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން ނިކުންނަ މައްސަލަތައް އެއީ ރަށްރަށުގައި ބައެއް ޕާޓީތަކުގެ ދެމެދު ހިނގާ ހަމަނުޖެހުންތައް،" އިންތި ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޕޭނު ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަަޙްމަދު ދީދީ ވަނީ އެކަން ދޮގުކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ ކެމްޕޭންތަކަށް ހުރަސްއެޅުމަށް އެމްޑީޕީގެ ލީޑަޝިޕަކުން ވާގިވެރިނުވާނެ ކަމަށެވެ. އެއާ ޚިލާފަށް އެމްޑީޕީން ބޭނުންވަނީ ހުރިހާ ޕާޓީތަކަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ސަރުކާރުން ބޭނުން ވަނީ ވެސް އެގޮތް ކަމަށްވާތީ، ކެމްޕެއިން ދުވަސްވަރު ހުރިހާ ޕާޓީތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ،" މާރިޔާ ވިދާޅުވިއެވެ.
އެ ކަމަނާ ވިދާޅުވީ ކެމްޕޭން ކުރުމަކީ ހުރިހާ ކެންޑިޑޭޓުންގެ ވެސް ހައްގެއް ކަމަށެވެ. ހުރިހާ ޕާޓީތަކުން ވެސް ކެމްޕޭން ކުރުމުގެ ފުރުސަތަށް ހުރަސް ނޭޅުމަށް މާރިޔާ ވަނީ ގޮވައިލައްވާފައެވެ.