މުއިއްޒުގެ ވައުދު މަސްވެރިންނަށް: މަސް ގަންނަ އެންމެ ކުޑަ އަގަކަށް 20 ރުފިޔާ

ޑރ. މުއިއްޒު ދިއްގަރު ރައްޔިތުންނާ ސަލާން ކުރައްވަނީ --

(މ. ދިއްގަރުން، ޢާލިމް އަބްދުއްލަތީފް)

ރޯ މަސް ގަންނަ އެންމެ ކުޑަ އަގަކީ 20 ރުފިޔާކަމަށް ކަނޑައަޅާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި މަސްވެރިކަމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި މުހިންމު ޗެޕްޓާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި ސަރުކާރުން ވަނީ މަސްވެރިކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައި،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގުތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާއަށް ހަދައިދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ދިއްގަރު ސަޕޯޓަރުންނާ ވާޙަކަ ދައްކަވަނީ --

އެ ހިސާބަށް ދިއުމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގެންނަން ޖެހޭ ހަރުދަނާކަން ގެންނާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

"އުންމީދުކުރައްވާ އަޅުގަނޑުމެންނަށް ފުރުސަތު ދެއްވައިފިނަމަ އެ އަގުގައި ހިފަހައްޓައިދޭނެކަން. ރައްޔިތުން ނިންމަންވީ ރަށަށް ފައިދާހުރި ގޮތް، ގައުމަށް ފައިދާ ހުރި ގޮތް،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެ މަޝްރޫއު ރައްޔިތުން އެދޭ ގޮތަށް ބައްޓަންކޮށްދީ، އެ މަޝްރޫއު އޭނާގެ ސަރުކާރެއްގައި ނިންމަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގެ ކުނި މެނޭޖުކުރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށާއި ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމަށް މުއިއްޒު ވެސް ވިދާޅުވިއެވެ.

"އެފަދަ ކަންތައްތަކީ ރައްޔިތުން ސަރުކާރާ ދޭތެރޭ ވިސްނާނަމަ ކޮންމެހެން ކޮށްދީފައި ހުންނަން ޖެހޭ ކަންކަން،" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ދެ ރޭ ބޭއްވި ޖަލްސާތަކުގައި މުއިއްޒު ވަނީ މަސްވެރިކަމުގެ ބައެއް ސިޔާސަތުތައް ހާމަކުރައްވައިފައެވެ. ރޭ މުލަކުގައި އޮތް ޖަލްސާގައި އޭނާ ވަނީ ބޮޑު ކަންނެލި ގަންނަ އެންމެ ކުޑައަގަކީ 80 ރުފިޔާކަމަށާއި އޭ ގްރޭޑް ކަންނެލި ގަންނަ އެންމެ ބޮޑު އަގަކީ 100 ރުފިޔާކަމަށް ހައްދަވައިދެއްވާނެކަމަށް ވެސް އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް