މި ގައުމާ މެދު ޒުވާން ޖެންޒީންގެ މާ ބޮޑު ޝައުގެއް ހަމަ ނެތީތަ؟

މި ދައްކަނީީ އާ ޒުވާން ޖީލެއްގެ ވާހަކައެވެ. ޖެންޒީންނާއި، ޖެންއެކްސްއާއި މި ނޫން ވެސް ތަފާތު ނަންނަމުގެ ކެޓެގަރީތަކުގެ ތެރެއަށް ފައްތައިފައި ތިބި ދިވެހި ޒުވާނުންގެ ވާހަކައެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، ބޮޑު ރިޔާސީ އިންތިޚާބަކަށް ތައްޔާރުވަމުން އަންނައިިރު، ލައްކަ ގިނަ ކަންތައް ގައުމުގައި ހިނގާނެއެވެ. މިއީ މި ރާއްޖޭގައި ދިރިއުޅޭ ހަމަ ކޮންމެ ރައްޔިތަކާ ވެސް ކޮންމެ ވެސް ގޮތަކުން ގުޅިގެން އަންނާނެ ކަންކަމެވެ. ކޮންމެ ވެސް ގޮތަކުން އެ ކަމަގު އަސަރު އެ މީހަކާ ހަމައަށް ފޯރާނެ ކަންކަމެވެ.

ފެށުުނީއްސުރެ ޒުވާނުންނަށް ވިސްނައިދީ ކިޔައިދެމުން އަންނަ ވާހަކައަކީ އެ މީހުންނަކީ ގައުމުގެ ހުންގާނުގައި ހިފަން ތިބި މީހުންކަމުގެ ވާހަކައެވެެ. ޒުވާން އުމުރުގައި ގައުމީ ކަންކަމުގައި ބަސްބުނެ، ތިމާގެ ޚިޔާލު ފާޅުކޮށް، ޒިންމާދާރު ރައްޔިތަކަށްވުމުގެ ވާހަކައެވެެ.

މީގެ 10ވަރަކަށް އަހަރު ކުރީގެ ޒުވާނުންގެ ވިސްނުމާއި ފިކުރު މި ގޮތަށް ބައްޓަންވެފައި ހުރެދާނެއެވެ. ނަމަވެސް މިއަދުގެ ޒުވާނުންގެ ވިސްނުން މި ކަންކަމާ ހާސްބައި ތަފާތެވެ. އެ މީހުން ބޭނުންވާ ކަންކަން ތަފާތެވެ.

މި ރިޕޯޓުގެ ބޭނުމަށް މާލޭގެ އެކިއެކި ސަރަހައްދުތަކުން ގިނަ ޒުވާނުންތަކެއް މި ކަންކަމާ މެދު ދެކޭ ގޮތް އަޅުގަނޑު ބެލީމެވެ. އެގޮތުން މާލޭގެ އާންމު ތަންތަނަށް އެންމެ ގިނަ މީހުން އެއްވައި ވަގުތަތަކަށް ބަލައި، އެ ތަންތަނަށް ގޮސް އެކި އުމުރުގެ، ދެ ޖިންސުގެ ޒުވާނުންނާ އެއް ސުވާލުތަކެއް ކޮށްލީމެވެ.

1. ސިޔާސީ ކަންކަން ހޯދައި ބެލުމަށް ޝައުގުވެރިވޭތަ؟

ސިޔާސީ ކަންކަމޭ ބުނުމުން ހީވެފައި އޮންނާނީ ހަމައެކަނި ސިޔާސީ ވެރިން އެކަކު އަނެކަކަށް ރައްދުކޮށް ކުރާ ހޫނު ބަހުސްތަކާއި ޒުވާބުތަކެއް ނޫނެވެ. އެއީ، ގައުމުގެ އެކި ދާއިރާތަކުން ނިންމާ މުހިންމު ނިންމުންތައް ނިންމަން އެކުލަވައިލާ ޕޮލިސީ ނުވަތަ ސިޔާސަތުތަކުގެ ވާހަކަ ވެސް މެއެވެ.

ގައުމުގައި ހިންގަމުން އަންނަ އަދި މާދަމާ ގައުމު އޮންނާނެ ގޮތާއި، ހާލަތު ދެނެގަންނަން އެނގޭނީ މި ކަންކަން އެނގިގެންނެވެ. ޚާއްސަކޮށް ޒުވާނުންނަށް މިއީ އެނގެންޖެހޭ ކަމެކެވެ.

ދިމާވި ޒުވާނުންނާ އެންމެ ފުރަތަމަ އަމާޒުކުރީ މި ސުވާލެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ބުނި ގޮތުގައި އެއީ "ހަމަ އެއްވެސް ވަރަކަށް ނުބަލައި،" ނުވަތަ "މާ ބޮޑު ޝައުގެއް ނެތް" ކަންކަމެވެ.

ޖަވާބުތައް އައި ގޮތަށް ބަލާއިރުު އޭގެ ތެރެއިން 67 ޕަސެންޓު ޒުވާނުންގެ ވިސްނުން އެ ކަންކަން ހޯދުމުގެ ޝައުގާ ގާތް ވެސް ނުކުރެއެވެ.

އެ ކަމަކު އެ ތަނުން އެކެއްގެ ޖަވާބު ވަރަށް ތަފާތެވެ.

"ގައުމުގައި ހުރި މައްސަލަތަކަށް ހައްގު ބަސް ބުނަން އެބަޖެހޭ. އަޅުގަނޑުމެން ޒުވާނުން ނުވިސްނަންޏާ ދެން ކޮން ބައެއްތޯ ވިސްނާނީ،" ސިޔާސީ ކަންކަން ހޯދަން ޝައުގުވެރިވޭތޯ އަހައިލުމާ އެކު ޒުވާނަކު ބުނެލިއެވެ.

ކޮންމެ އަަކަސް ނަތީޖާ ސާފެވެ.

2. ގައުމުގައި ހިނގާ ކަންކަން އެނގޭތަ؟ ޚަބަރުތައް ބަލައި، ކިޔާ އުޅެންތަ؟

ޚަބަރު ކިޔުމާއި ބެލުމަކީ އާންމު އުސޫލުން ޒުވާނުންގެ 'މަންމަ ބައްޕަ' އުމުރު މީހުން މާ ފޯރި ނަގައިގެން ކުރާ ކަމެކެވެ. އެ ކަމަކު ގައުމުގައި ވަނީ ކީއްތޯ، ހިނގަނީ ކޮން ކަމެއްތޯ، އެއީ، ހަމަ ކޮންމެ މީހަކަށް ވެސް އެނގެންޖެހޭ ކަމެކެވެ.

ނަމަވެސް މި އާ ޒުވާން ޖީލު ނުވަތަ ޖެންޒީންގެ ވިސްނުން ހާސްބައި ތަފާތެވެ. ސީރިއަސް މައްސަލަތަކާއި، ބޮޑެތި ކަންކަމާ މެދު ފިކުރު ކުރުމާ އެ މީހުންގެ ވިސްނުން އަދި މާ ދުރެވެ.

މި ސުވާލު އަމާޒުކޮށްލުމާ އެކު އެއީ ސީދާ ނުކުރާ ކަމެއް ކަމަކަށް މި ޒުވާނުންނެއް ނުބުނެއެވެ.

ނަމަވެސް ސީދާ ޚަބަރު ކިޔަން، ޚަބަރު ވެބްސައިޓްތަކަށް ނުވަތަ ޕޭޖުތަކަށް ވަނުމުގެ ބަދަލުގައި ގިނަ ޒުވާނުންނަށް އެނގެނީ ފެތުރޭ އަޑުތަކާއި ސޯޝަލް މީޑިއާގައިި ވައިރަލްވާ ޕޯސްޓުތަކުންނެވެ.

"އަނެއްހެން މާ ބޮޑަކަށް ނުބަލަން. ދެން ބޮޑު ކަމެއްވެއްޖެއްޔާ އެމްވީ ކްރައިސިސް ކަހަލަ ތަނަކަށް އަރާނެތާ ދޯ،" ޒުވާނަކު ބުނެލިއެވެ.

އެގޮތުން 50 ޕަސެންޓު ޒުވާނުން ބުނި ގޮތުގައި އެ މީހުންނަށް ޚަބަރުތައް އާންމުކޮށް ފެންނަނީ ސޯޝަލް މީޑިއާގެ ތެރެއިންނާއި މީހުން ދައްކާ ވަހަކަތަކުގެ ތެރެއިންނެވެ. 33 ޕަސެންޓު ޒުވާނުން ބުނި ގޮތުގައި އެ މީހުން ޚަބަރެއް ނުބަލައެވެ. ބާކީ 17 ޕަސެންޓަކީ ޚަބަރުތައް ބަލައި ކިޔާ މީހުންނެވެ.

3. ކުރިއަަށް މި އޮތީ ރިޔާސީ އިންތިޚާބު. ކެންޑިޑޭޓުން އެނގޭތަ؟

ކުރިއަށް މި އޮތީ ރިޔާސީ އިންތިޚާބެވެ. މިއީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުންނާ ހަމައަށް ގައުމުގެ މުސްތަގުބަލު ބައްޓަން ކުރާނެ ގޮތަކާ މެދު ނިންމުން ނިންމަން ލިބޭނެ އެންމެ ބޮޑު ފުރުސަަތެވެ. މީގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް މި ހައްގު ލިބެއެވެ.

ޒުވާނުންނާއި، ހަރު އުމުރާއި އިސްރަށްވެހިން ހިމެނޭހެންނެވެ. ނަމަވެސް މުޅިން ތަފާތު ޒުވާނުންގެ ޖީލެއްގައި މި ކަމާ މެދު އެ މީހުން ޝައުގުވެރިވަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ތާރީޚުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ.

ޒުވާނުންނަށް މި ކަން އެނގޭބާއެވެ؟ ނަތީޖާ ދައްކައި ގޮތުން ހުރިހާ ކެންޑިޑޭޓުން ވެސް އެނގެނީ 20 ޕަސެންޓު ޒުވާނުންނަށެވެ. 40 ޕަސެންޓު ޒުވާނުންނަށް އެއްވެސް ކެންޑިޑޭޓަކު ނޭނގޭއިރު، ހަމަ އެ އަދަދަށް ކޮންމެ ވެސް ވަރަކަށް ކެންޑިޑޭޓުންނަކީ ކޮބައިކަން އެނގޭ ޒުވާނުން އުޅެއެވެ.

4. ވޯޓު ލާނަންތަ؟

"މަންމައާއި ބައްޕަ ބުނާ ގޮތަކަށްދޯ،" މިއީ މި ސުވާލު އަމާޒުކޮށްލުމާ އެކު އައި ޖަވާބެކެވެ.

އެ ޒުވާނާގެ ވިސްނުން ހުރީ ވޯޓު ލާ ގޮތަށެވެ. އެ ކަމު ފާހަގަ ޖަހަންވީ ގޮޅި ނިންމާނީ އެހެން މީހެކެވެ. ގިނަ ޒުވާނުން ވޯޓުލާނެ ކަމަށް ބުންޏެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް 21،000 އަށްވުރެ ގިނަ މީހުން އަލަށް ވޯޓުލާނެކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިިން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. މިއީ ހައްތަހާ ވެސް އަލަށް 18 ފުރިފައިި ތިބި ދެ ޖިންސުގެ ޒުވާނުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓަކީ ކޮންމެ ޒުވާނަކު ވެސް ލާންވާނެ އެއްޗެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއީ ގައުމުގެ މުސްތަގުބަލާއި ލީޑަރު ހޮވުމަށް މުހިންމު ކަމެއްކަމަށް ފުއާދު ވިދާޅުވިއެވެ.

"ޒުވާނުންގެ ވޯޓޭ މި ވަގުތު އެންމެ ބޭނުންވަނީ. އެއީ ޒުވާނުންނޭ ކުރިއަށް އޮތްތަނުގައި ރާއްޖެއައިގެން ކުރިއަށް ދާންތިބީ،" ޒުވާނުންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖެއްގެ ގޮތުގައި ފުއާދު ވިދާޅުވިއެެވެ.

ޖެންޒީންނާއި އާ ޒުވާން ޖީލު މުހިންމު

މާދަމާ ގައުމުގެ ހުންގާނުގައި ހިފަން ތިބި ބަޔަކީ މިއަދުގެ ޒުވާނުންނެވެ. ސިޔާސީ މައިދާނަށް ވެސް، އަދި ކޮންމެ ދާއިރާއެއްގައި ވެސް ހަރުދަނާ މަސައްކަތްތަކުގައި ޒުވާނުން އިސް ސަފުގައި ތިބުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީގެ ނައިިބު ރައީސް ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް މި ކަމަށް އެއްބަސްވެލައްވައެވެ.

"ޒުވާނުންނަކީ ޔަގީނުން ވެސް ގައުމުގެ މައިބަދަ. ޒުވާނުންނާ ނުލާ ހިނގާނެ ސަރުކާރެއް، އޮންނާނެ ގައުމެއް ވެސް ނޯންނާނެ،" "ސަން"އާ ވާހަކަދައްކަަވަމުން ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަކީ އަބަދު ވެސް ކުރިއެރުން ބޭނުންވާ ޒުވާނުންނަށްވާއިރު އެ ކަން ފަހިވެގެން އަންނަނީ ސިޔާސަތުތަކާ ހަމައިންނެވެ. ނަމަވެސް ޝިޔާމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކާ ޒުވާނުން އަދި އެހާ ގާތެއް ނުވެއެވެ.

"ވަކިން ޚާއްސަކޮށް ޖެންޒީން، އެއީ ވަރަށް ތަފާތު ޒުވާނުން. މިއަދު ސިޔާސީ މަސައްކަތް ކުރަން ތިބި ފަރާތްތަކަކަށް ނޭނގޭނެ އެ ލޭންގުއޭޖެއް. ދިވެހިން ވާހަކަދައްކާނެ. އެކަމު ޖެންޒީންގެ ޒުވާނުންގެ ލޭންގުއޭޖް އެނގޭ ސިޔާސީ މީހުން މަދުވާނެ،" ޝިޔާމް ވިދާޅުވިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ އިތުރުން، ޕާޓީއެއްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކަށް ހަދާ މެނިފެސްޓޯތަކަށް ވެސް އެ ޒުވާނުންގެ ބަސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ގެޕް [ހުސް ޖާގަ] އެބަ ފެނެޔޭ. މިއީ ކޮންމެހެން އަޅުގަނޑުމެންގެ ޕާޓީ ގެޕެއް ނޫނޭ މި ގެޕް އެބަޖެހެޔޭ ފިލްކުރަން،" ޝިޔާމް ވިދާޅުވިއެވެ.

ކޮންމެއަކަސް ގައުމު ކުރިއަށް އޮތީއެވެ. ހަމައެކަނި ކުޅިވަރާއި މަޖަލަށް ޒުވާން އުމުރު ދުއްވައިލައިގެން މާދަމާގެ މުސްތަގުބަލް ބައްޓަން ކުރުމަކީ އެންމެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަކަށް ނުވެދާނެެއެވެ. ޒުވާނުންގެ ވިސްނުމާއި ފިކުރުގެ ތެރޭ ގައުމީ ރޫހާއި، ގައުމުގެ ހާލަތާއި ކަންކަން ހިމެނެން ޖެހެއެވެ. މި ގައުމާ މެދު ޒުވާނުންގެ ޝައުުގެއް އެބަ އޮންނަން ޖެހެއެވެ.

comment ކޮމެންޓް