އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެއަށް ބަދަލުކުރުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ލީޑާޝިޕް އާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަން ހާމަވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މަސައްކަތް އޮބްޒާވްކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ފޮނުވި ވަފުުދާ އިއްޔެ ރައީސް ނަޝީދު ބައްދަލު ކުރައްވާފައި ވާއިރު، އެމަނިކުފާނު ވަނީ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމަށް ޓަަކައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އީޔޫގެ އެހީތެރި ކަމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވެސް، ބައިވެރިވެލެއްވިއެވެ.
ނަމަވެސް މެންބަރު އާދަމް ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމާ ގުޅޭގޮތުން އިދިކޮޅު ލީޑާޝިޕް އާ އެކު އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދު ބާއްވަވާފައި ނުވާ ކަމަށެވެ.
ރައީސް ނަޝީދު މިފަހަކުން ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެކި ޕޯޑިއަމް ތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދިނުމުގައި ރައީސް ނަޝީދުގެ ދައުރެއްވެސް ހިމެނޭ ކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އަމިއްލަފުޅު މަންފާއެއް ހޯއްދެވުމަށް ކަމަށް ތުހުމަތުކޮށްފައިވެއެވެ.