ދެވަނަ ދައުރުގައި ސެޓްފިކެޓް ލެވެލުން ފެށިގެން ހިލޭ ކިޔެވޭނެ: ރައީސް

ރައީސް ޞާލިހް ތޮއްޑޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ދައުރުގައި އޯލެވެލްއަށްފަހު، ސެޓްފިކެޓް ލެވެލުން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދުވެވަޑައިގެންފިއެވެ.

އއ. އަތޮޅާއި އދ. އަތޮޅުގެ ރަށްތަކަށް މިއަދު ރައީސް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަަޑައިގަތީ ތޮއްޑޫއަށެވެ. މި ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ސިޔާސަތުގެ ތެރެއިން ސެޓްފިކެޓް ލެވެލް ހިލޭ ކިޔެވޭނެ މަގު އަންނަ އަހަރު ފަހިކޮށްދެއްވާނެކަމަށެވެ.

ނަމަވެސް މި ކަމުގެ އިތުރު ތަފްސީލެއް ވިދާޅުނުވެއެވެ.

"އޭގެ ދަށުން ހިލޭ ޑިގްރީ ސެޓްފިކެޓް އެކަކުން ފެށިގެން ހިލޭކުރުން ހިމެނޭ. ސެޓްފިކެޓް ލެވެލުން ފެށިގެން ހިލޭ ކިޔަވައިދިނުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުޅުވައިލާނަން،" ރައީސް ވިދާޅުވިއެވެ.

މިއީ ތޮއްޑުއަށް ރައީސްކަމުގެ މަގާމުގައި ހުންނަވައި އާދެވުނު ހަވަނަ ފަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތޮއްޑޫއަކީ އެމްޑީޕީއާ ބީރައްޓެހި ރަށެއް ނޫންކަމަށެވެ.

މި ރަށަށް 19 މަޝްރޫއެއް މި ދައުރުގެ ތެރޭ ކޮށްދީފައިވާއިރު އޭގެ ތެރެއިން ރިޔާސީ ވައުދުގެ ގޮތުގައި ހަތް މަޝްރޫއެއް ހިންގައިފައިވާކަމަށް ރައީސް ވިދާޅުވިއެެވެ. ހަތް ވައުދުގެ ތެރެއިން ހަތަރު ވައުދެއްގެ މަސައްކަތް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ތޮއްޑޫއިން ދޫކުރާ 100 ގޯތި ދޫކުރަން ފެށުމުން އިތުރު 200 ގޯތި ދޫކުރުމުގެ މަސައްކަތް ފެށޭނެކަމަށެވެ.

"ތިޔަ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާށޭ،"

"އަޅުގަނޑުމެން ވައުދުވަނީ ތިޔަ ބޭފުޅުންގެ ދިރިއުޅުން ބިނާކުރުމަށް، އިތުރު އެހެން އެއްވެސް ބޭނުމެއް އަޅުގަނޑުމެންގެ ނެތް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާޏު ވިދާޅުވީ ދެވަނަ ދައުރުގައި ވެސް މަސައްކަތްޕުޅުކުރައްވާނީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދިނުމަށް ޓަކައިކަމަށެވެ.

ދެވަނަ ދައުރެއްގައި ތޮއްޑޫގައިި ހިންގުމަށް ރައީސް ވައުވެވަޑައިގެންނެވި ކަންކަން:

  • ސޯޝަލް ސެންޓަރެއް އެޅުން
  • އައު ކައުންސިލްގެ އިދާރާއެއް ވަސީލަތްތަކާއެކުގައި އަޅައިދިނުން
  • ސްކޫލަށް ހަ ކްލާސްރޫމާއި، ލައިބްރަރީއާއި ސައިންސް ލެބެއް އެޅުން
  • ތޮއްޑޫގައި އައު މިސްކިތެއް އެޅުން
  • މަލްޓި ފެސިލިޓީ ޕާކެއް ތަރައްގީކުރުން

ރައީސް ވިދާޅުވީ އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުން ވިސްނަންވީ ކަންތައްތަކެއް ހުރިކަމަށާއި އެއީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ ނޫންތޯކަމަށެވެ.

މިހާތަނަށް ވަޑައިގެންނެވުނު ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ ތަރައްގީއާއެކު ކުރިއަށްދާން ރައްޔިތުން އެދި ތިބި މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނީ އެއްބުރުން ބޮޑު ތަފާތަކުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް