މުޒާހަރާ ކުރަން ތިބި އެމްޑީޕީ ސަޕޯޓަރުންގެ ގާތަށް ވަޑައިގެން މުއިއްޒު ދެއްކެވީ ނަމޫނާ!

މުއިއްޒު އެމްޑީޕީ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ -- ފޮޓޯ: ލީފްފޮޓޯސް

ހއ. ކެލާއިން ޢާލިމް އަބްދުއްލަތީފް

ރަށްރަށަށް ސިޔާސީ ލީޑަރުން ވަޑައިގަންނަވާ ވަގުތުގައި އެ ލީޑަރަކާ ދެކޮޅު ޕާޓީތަކުން މުޒާހަރާކުރަން ނުކުތުމަކީ އާންމު ކަމެކެވެ. ހިޔާލުފާޅުކޮށް އަޑުއުފުލުމަކީ އަބަދުމެ ކުރާ ކަމެކެވެ.

އެހެން ނަމަވެސް، ގިނަ ފަހަރަށް ފެންނަ މަންޒަރަކީ ކާރަށް އަރުއްވައިގެން އެ ލީޑަރަކު މުޒާހަރާގެ ބައިވެރިންނާ ވީހާ ވެސް ދުރުން ވަޑައިގަންނަވާ މަންޒަރެވެ.

އެހެން ނަމަވެސް، މިއަދު ފެނުނީ ތަފާތު މަންޒަރެކެވެ. ބޮޑުތިލަދުންމައްޗަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިއިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބަޔަކު އަޑުއުފުލަށް ބަނދަރުމަތީ ތިއްބެވެ.

ފުރަތަމަ މުއިއްޒު ސަޕޯޓަރުންނާ ސަލާމްކުރައްވައި، އެރުއްވީ އޭނާ ޖަގަހައަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ވޭނަށެވެ. މުއިއްޒު ވޭނަށް އެރުއްވުމާއެކު، އެމްޑީޕީގެ ސަޕޯޓަރުން އަޑުގަދަކޮށް، އޭނާއާ ދިމާލަށް އެކި ޒާތްޒާތުގެ ނަންނަމުން ގޮވިއެވެ. ވަގަށް ވެސް ގޮވިއެވެ.

"ހިނގާފައި ދާން ނުކެރިގެން އެ އެރީ ކާރަށް،" މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ.

އިރުކޮޅެއް ތެރޭ ފެނުނީ އެކަކު ވެސް ލަފާކޮށްގެން ހުރި މަންޒަރެއް ނޫނެވެ. ވޭނުން ފައިބައިވަޑައިގެން މުޒާހަރާގެ ބައިވެރިންގެ ގާތަށް ހިންގަވައިފައި މުއިއްޒު ވަޑައިގެންނެވިއެވެ. އެއަށްފަހު، މުޒާހަރާގެ ބައިވެރިންނާ ސަލާން ކުރެއްވިއެވެ.

އެ ވަގުތު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން މުއިއްޒަށް ހަރުއަޑުން ހިތްވަރުދިނެވެ. އެމްޑީޕީގެ މުޒާހަރާގެ ބައިިވެރިން ހިނދުކޮޅަކަށް ނަމަވެސް ތިބީ ބަސް ހުއްޓިފައެވެ.

މުއިއްޒު އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ -- ފޮޓޯ: ލީފް ފޮޓޯސް

މުޒާހަރާގެ ބައިވެރިންނާ ސަލާން ކުރެއްވުމަށްފަހު، ޖަގަހައަށް ވަޑައިގެންނެވީ ވެސް ހިންގަވައިފައެވެ.

މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މުއިއްޒަކީ ދިވެހި ރައްޔިތުންގެ ކެންޑިޑޭޓެެއް ކަމަށާއި އެ ފެންނަނީ އެ ތަފާތު ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ ދިވެހީންގެ ރާއްޖެއެއް ބިނާކުރަން. އަޅުގަނޑުމެންގެ ޝިއާރަކީ ދިވެހީންގެ ރާއްޖެ. އެހެންވީމަ ދިވެހީންގެ ރާއްޖެއެއް ދިވެހީންނަށް ހޯދައިދޭން އުޅުއްވާ ކެންޑިޑޭޓަކު ޖެހޭނެ ހުރިހާ ފިކުރެއްގެ ހުރިހާ އެންމެންނާ ވެސް ވާހަކަ ދެއްކެން، ސަލާން ކުރެވެން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު ކަމަށާއި ރާއްޖޭގައި އުޅޭ އެހެން ޕާޓީތަކުގެ މީހުންނާ ވެސް މަޝްވަރާކުރައްވާ ވާހަކަ ދައްކަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގައުމަށް ޓަކައި ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރާ ބައެެއްކަން. އެ މީހުންގެ ޝުއޫރުތައް އަޑުއަހައިލުުމުގެ ގާބިލުކަން އަޅުގަނޑުމެން ކެންޑިޑޭޓްގެ ހުންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ފަރާތުން މި ފެނުނީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ފަރާތުން ނުފެންނަފަދަ މަންޒަރެކެވެ. އިދިކޮޅުގެ ފަރާތްތަކަށް ވެސް ކުރާ އިހްތިރާމާއި ގަދަރެވެ.

މިއީ އެހެން ލީޑަރުންނަށް ދެއްވި މެސެޖެކެވެ. ދެއްކެވި ނަމޫނާއެކެވެ.

comment ކޮމެންޓް