އެތެރެ ކޮއިލުން ވެރިކަން ވައްޓާލުމާއި އަމީނަށް ޖެއްސި ހާލު

އަމީން ދީދީއާއި އެ މަނިކުފާނުގެ ނައިބު ރައީސް އިބްރާހިމް ދީދީ --

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަކީ ވަކި ބޭފުޅަކަށް ފެހި ކޯޓެވެ. ވެރިކަމުގެ ނިޒާމާ މެދު ބަހުސްކޮށް، ރައްޔިތުންނަށް އެންމެ ހެޔޮވާނީ، މޮޅުވާނީ ކޮން ގޮތެއްތޯ ބަލައިގެން ހިންގި ކަމެއް ނޫނެވެ. އެއީ، ފުރަތަމަ ރައީސް މުހައްމަދު އަމީން ރަސްކަމެއް ކުރައްވަން ބޭނުންފުޅުނުވީމާ އުފެދުނު ޖުމްހޫރިއްޔަތެކެވެ.

އެއްވެސް ޖުމްހޫރީ ސިފައެއް ނެތި އުފެދުނު ޖުމްހޫރިއްޔަތެކެވެ. ބޭފުޅެއްގެ އެދުމަށް، އެ ބޭފުޅާއަށް ވެރިކަން ހަވާލުކުރަން ގިނަ ބަޔަކު އެދުނީތީ ގެނައި ޖުމްހޫރިއްޔަތެކެވެ.

ޖަނަވަރީ 1، 1953 ގައި އަމީން ވެރިކަމަށް އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެކަމަކު، އެ ވެރިކަން މާ ކަމަކު ނުދިޔައެވެ. މާ ގިނަ ދުވަހަކު ބާއްވާކަށް ނުފެނުނެވެ. ދައުލަތުގެ ފައިސާ އިސްރާފުކުރައްވަނީއެވެ. މީހުންގަނޑު ދެވިހިފާފައި ތިއްބާ ދުންފަތް މަނާކުރަން ނިންމެވީމާ ވެސް މީހުން ތިބީ ކެކިކެކިއެވެ. އަމުދުން ބައެއް މީހުންނަށް ބޮޑެތި އަދަބުތައް ދޭތީ ނުތަނަވަސްކަން އޮތީ ބޮޑުވެފައެވެ. ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީއަށް ސިހުރު ހަދައި މަރާލުމުގެ ކުށުގައި ގއ. ވިލިނގިލީ ހަކީމް ދީދީއަށް އޭރު އޮތީ މަރުގެ ހުކުމެއް ތަންފީޒުކޮށްފައެވެ. ވައްކަމެއް ސާބިތުވެ، ގޮމާގޭ ސީދީގެ އަތް ވެސް ބުރިކޮށްފައެވެ.

އެ ފަދަ ބައެއް ކަންކަމުގައި އަމީންގެ ނައިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ ނަސޭހަތްދެއްވައި ހެއްދެވި ކަމަށް 'އޯކިޑް' ފޮތުގައި މުހައްމަދު ޖަމީލު ލިޔުއްވާފައިވެއެވެ. މި ބުނާ، ގޮމާގޭ ސީދީގެ އަތްބުރިކުރި ދުވަހު، ލޭ މަނާނުވެގެން ހޫނު ތެޔޮ ޖެހި މަންޒަރު ދެކެފައި އިބްރާހިމް ދީދީ ހޭފުޅު ނެތުނު ކަމަށް ވެސް ވެއެވެ.

ފުރަތަމަ ނައިބު ރައީސް އިބްރާހިމް ދީދީ: އޭނާ ވަނީ އަމީންގެ ވެރިކަން އިންގިލާބުކޮށްލަން އިސް ސަފުގައި އުޅުއްވާފައި --

"އެއް ދުވަހަކު އެ ވާހަކަ [ނަސޭހަތް] ދެންނެވުމުން ތިއީ އިބްރާހިމްބެއާ ބެހޭ ކަމެއް ނޫނޭ، އިބްރާހިމްބެއަށް ދަތިވާ ކަމެއް އެބައޮތްތޯއޭ ވިދާޅުވެ، ވަރަށް ކޯފާވެގެން އަމީން ވާހަކަފުޅުދެއްކެވިއެވެ،" އެ ފޮތުގައި ލިޔުއްވާފައިވެއެވެ.

އިބްރާހިމް ދީދީއަކީ އަމީން ނުހަނު އިތުބާރުކުރެއްވި ބޭފުޅެކެވެ. ނައިބަކަށް ގެންނެވީ އެހެންވެއެވެ. މަގާމާ ހަވާލުވެވަޑައިގަތީ ވެސް ވަރަށް ބާރުންނެވެ. ތަބީއީ ގޮތުން ވެސް ކުރީ ސަފުގައި އުޅުއްވަން މާ ބޮޑަށް ބޭނުންފުޅުވާ ބޭފުޅެއް ނޫނެވެ.

"އަޅުގަނޑުމެންގެ ދެންނެވުންތަކަށް ޖަވާބުދެއްވުމުގެ ގޮތުން އޭނާ (އިބްރާހިމް ދީދީ) އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވީ އަޅުގަނޑު ނެތިއްޖެ ދުވަހަކު ވެސް، ދައުލަތް ހިންގުމުގެ އިސް މަގާމު ގަބޫލުފުޅު ކުރެއްވުމީ ފަހަރެއްގައި ވެސް އޭނާއަށް ވެވަޑައިގެންނެވޭނެ ކަމެއް ނޫން ކަމެވެ،" 1950 ވަނަ އަހަރު ބޭއްވި މުތަޤައްދިމު ޕާޓީގެ އަހަރީ ޖަލްސާގައި އަމީން ވިދާޅުވި ކަމަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ 'ވެރިއެއްގެ ނިމުން' މަޒުމޫނުގައި ލިޔުއްވާފައިވެއެވެ.

ދެ ބޭފުޅުންގެ މެދުގައި އެހާ ވެސް ގާތް ގުޅުމެއް އޮތެވެ. އިތުބާރެއް އޮތެވެ.

އެކަމަކު، ވަކި ހިސާބަކުން އަމީން ވެރިކަމުން ދުރުކުރުމަކީ މިހާރު ދެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އިބްރާހިމް ދީދީއަށް ގަބޫލުކުރެވުނީއެވެ. އެންމެ ސަބަބެއް ދެ ސަބަބަކާ ހެދިއެއް ނޫނެވެ.

ރައީސް އަމީން ރަސްމިއްޔާތެއްގައި: އެ ވެރިކަމަށްވީ މަދު ދުވަސްކޮޅެއް ---

މުހައްމަދު ޒަކީ އެކަހެރިކުރެއްވުމާއި އަހުމަދު ޒަކީ ކުށްވެރިކުރެއްވުމާއި އިބްރާހިމް ނާސިރު ބާކީކުރެއްވުން އެއީ އިބްރާހިމް ދީދީއަށް ލޯ މަރާލައިގެން ހުރެވޭނެ ކަންކަމެއް ނޫނެވެ. އަނެއްކޮޅުން، އޭނާގެ ބަދަލުގައި ހިލިހިލާގޭ މޫސާ ދީދީއަށް ބާރުތަކެއް ދެއްވަން އުޅޭ ކަމަށް އަޑުއޮތީ ގަދަވެފައެވެ. އެހެންވެ، ވެރިކަމުގެ ކޮއިލުން ބާކީވެ، ވެލާނާގޭގެ ބާރުވެރިކަން މަޑުމަޑުން ކެނޑިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

"އެ ބޭފުޅުންނަށް [ދެ ޒަކީއާއި ނާސިރަށް] ރައްދުވާ ކޮންމެ ދެރައެއް ނުވަތަ ހިތާމައަކީ އިބްރާހިމް ދީދީއަށް ރައްދުވާނެ ދެރައާއި ހިތާމަކަން އޮޅިވަޑައިގަންނަވާނެ އެއްވެސް ބޭފުޅެއް ވާނަމަ، އެ ބޭފުޅަކަށް އެ ދުވަހުގެ ރާއްޖެ އޮޅިވަޑައިގަތީއެވެ،" ނަޝީދު އެ ހާލަތު ސިފަކުރެއްވީ މި ގޮތަށެވެ.

އެ މަނިކުފާނު ގަބޫލުކުރެއްވި ގޮތުގައި އަމީންގެ ވިސްނުންފުޅުގައި ހުރީ އިބްރާހިމް ދީދީ ބޭރުކުރުމެވެ.

"މުހައްމަދު ޒަކީއާއި އިބްރާހިމް ނާސިރަކީ އިބްރާހިމް ދީދީ، އެ ދީދީގެ އަމިއްލަ ދަރިކަލުންނަށް ވުރެ ލޯބިފުޅުވާ ބޭފުޅުންކަން މުހައްމަދު އަމީނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އެހެންނަމަވެސް، މުހައްމަދު އަމީން، ޒަކީ އޭރު އަދާކުރެއްވި ހުރިހާ މަގާމަކުން ވަކިކުރެއްވިއެވެ. އަދި، އިބްރާހިމް ނާސިރު ވެސް ދަށު ދަރަޖައަކަށް ބަދަލުކުރެއްވިއެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

އެ މަނިކުފާނުގެ ގަބޫލުކުރެއްވުމަކީ މިއެވެ. އަމީން ދީދީއާއި އިބްރާހިމް ދީދީގެ ގާތްކަމުގެ ސަބަބުން ވަކިކުރަން އުނދަގޫފުޅުވީއެވެ. އަމީން މަސައްކަތްކުރެއްވީ، މަޅިއެއް ޖައްސަވާފައި، ވެރިކަމާ ދެކޮޅަށް ނުކުންނެވީމާ، އެ ކުށުގައި އިބްރާހިމް ދީދީ ހައްޔަރުކުރައްވާށެވެ. ބޭނުމަކަށްވީ އަމީން ނެތް ހާލެއްގައި ވެސް ވެލާނާގެއަށް ވެރިކަން ނުގޮސް، ކަކާގޭގައި ވެރިކަން ބޭއްވުމެވެ. އެކަން ކުރެވޭނީ އިބްރާހިމް ދީދީ ދުރުކޮށްގެންނެވެ.

ރައީސް އަމީން ---

"އަޅުގަނޑު މި ދަންނަވާ މިސްރާބަށް ކަން ހިނގާފައި އޮތް ނަމަ ދެން ދެންނެވޭނެ ވާހަކައަކީ މުހައްމަދު އަމީން ބޭނުންވެވަޑައިގަތީ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ ފަސްގަނޑަށް ނެރުއްވާށެވެ. އެއަށް ފަހު ހައްޔަރުކުރައްވާށެވެ. މިކަން އިބްރާހިމް މުހައްމަދު ދީދީ ލައްވާ ކުރެއްވުމަށްޓަކައި އިބްރާހިމް ދީދީ ކޯފާ އިސްކުރައްވާނެހާ ކަންތައްތައް މުހައްމަދު އަމީން ކުރެއްވިއެވެ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ހުރިހާ ބާރެއް ދެއްވާފައި ގައުމުން ބޭރަށް ވަޑައިގަތީ އެއްގޮތަކަށް ފަސްގަނޑަށް ނުނުކުންނެވީމާ ކަމަށް ނަޝީދު ގަބޫލުފުޅުކުރައްވައެވެ.

ހިތްޕުޅާނުވެ، މި ވެރިކަން ނިމޭންވެއްޖެ ކަމަށް ގަބޫލުކުރެވި، އިންގިލާބު ރޭއްވެވުމުގައި އިބްރާހިމް ދީދީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ފާމުދޭރި ތުއްތުދީދީއާ އެކު މ. ނޫރާނީގޭގެ ފެންޑާގައި އަދި އިބްރާހިމް ފާމުލަދޭރި ކިލެގެފާނާ އެކު، ހ. އެއްގަމުގޭ ފޮތްބަލާ ކޮޓަރީގައި މަޝްވަރާތައް ބޭއްވެވިއެވެ.

އެ ވާންކަމުގައި އޮގަސްޓް 21، 1953 ގައި އަމީންގެ ވެރިކަން އިންގިލާބުކޮށްލިއެވެ. ދިވެހި ފުރަތަމަ ޖުމްހޫރިއްޔާ އެ ދުވަހުގެ އިރާ އެކު އުވިދިޔައީއެވެ. ނަޝީދު ލިޔުއްވި ގޮތުން ނަމަ އިބްރާހިމް ދީދީ ހައްޔަރުކުރަން އަމީން ރޭއްވެވި ރޭވުން ނާކާމިޔާބުވީއެވެ. އިބްރާހިމް ދީދީގެ ރޭއްވެވުން ކުރި ހޯދީއެވެ.

އޯކިޑް ފޮތުގައި ވާގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީއެވެ. ދައުލަތުގެ ކަންކަން ވަގުތީ ގޮތުން އިބްރާހިމް ދީދީއާއި ފާމުލަދޭރި ކިލެގެފާނާ ހަވާލުކުރަން ފާސްކުރީއެވެ.

ގުޅަކުޅޭ ފަސްގަނޑު: އަމީނަށް ލާއިންސާނީ އަނިޔާ ދިނީ އެ ތަނުގައި ---

އަމީނަށް އޭރު ދޮންކަޅު ވެސް ނޭނގެއެވެ.

ހައިޖާންގަނޑު ހިންގައި، ވެރިކަން އިންގިލާބުކޮށްލައި، ބާރުތައް ކަހާލިތާ ފަސް ދުވަސް ފަހުން، ރައްޔިތުންގެ ގިނަ ބަޔަކު ހަޅުތާލުކުރާ ކަމަށް އަމީނަށް އެންގެވިއެވެ. ވެރިކަމުން ދުރުކުރެއްވިކަން ނާންގަވައި، އެދިވަޑައިގަތީ ވީހާ ވެސް އަވަހަށް މާލެ ވަޑައިގަތުމަށެވެ.

ރޯޔަލް އެއާފޯސްގެ ކަނޑަށް ޖައްސާ ބޯޓެއްގައި އަމީން މާލެ ވަޑައިގަތުމާ އެކު ގެންދެވީ ދޫނިދޫއަށެވެ. މީހުންގަނޑު ތިބީ ކެކިފައިކަމާއި ގޮސްފިނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެއެވެ.

ހަތަރު މަހެއްހާ ދުވަސް ދޫނިދޫގައި ހޭދަކުރެއްވިތަނާ ކަކާގޭ އިބްރާހިމް ހިލްމީ ދީދީއާއި އަމީނުގެ ދަނބިދަރިކަލުން ޝަމްސުއްދީން ހިލްމީ ވަޑައިގެން އަމީންގެ އަރިހުގައި ރައްޔިތުން ތިބީ އެ މަނިކުފާނާ އެކުގައޭ އެންގެވިއެވެ. އަލުން އެނބުރި ތަހުތަށް ވަޑައިގަންނަވަން ރޭއްވެވުމެއް ރޭއްވެވިއެވެ. އެކަން ކުރަން ރެއެއްގެ ދަންވަރު އަމީން މާލެ ވަޑައިގަތީއެވެ.

އެކަމަކު، ހީފުޅުކުރެއްވި ގޮތާ ހިލާފަށް ސިފައިންގެއިން އެ ކަމަށް ތާއީދެއް ނުލިބުނެވެ.

ކޮންމެއަކަސް އިބްރާހިމް ދީދީއަށް އެކަން އެނގިއްޖެއެވެ. މީހުންނަށް ގުޅަކުޅޭ ފަސްގަނޑަށް ދާން އެންގެވިއެވެ. އެކި އަވަށްތަކުން މީހުން އެއްކުރެއްވިއެވެ. އަމީން އަލުން އެނބުރި ވެރިކަމަށް އައުމަކީ އިބްރާހިމް ދީދީއަށް ކެތްކުރެއްވޭނެވަރުގެ ކަމެއް ނޫނެވެ. އޭނާގެ ޒަމާން ދާނެއެވެ. ވެލާނާގޭގެ ޒަމާން ދާނެއެވެ.

އެހެންވެ، އަމީންގެ އަތްޕުޅުގައި ބިޑިއަޅުވަން އަމުރުކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ--

އޭރު ސިފައިންގެ ދޮށަށް އޮތީ އެއްވެފައެވެ. ކެކި އަރައިގެންނެވެ. ބަލާކަށް ނުތިބެ، ސިފައިންގެ ތެރެއިން ވަދެ، އެ މީހުން އަމީންގެ ހަށިކޮޅު ވަށައިލިއެވެ. އެ ހިސާބަށް ދިއުމުން އަމީން ސަލާމަތްކުރަން އިބްރާހިމް ދީދީ ވެސް މަސައްކަތްކުރެއްވިއެވެ. އެކަމަކު، ހަމަލާ ދޭން ފަށައި، ސިފައިންގެއިން ނެރެގެން ގެންދިޔައީ ފަސްގަނޑަށެވެ. ހަމަލައޭ ބުންޏަކަސް ލާއިންސާނީ އަނިޔާއެވެ. މީހަކަށް ހިތަން ނުވާނެ ގޮތަށެވެ.

ފަހަތުން އިބްރާހިމް ދިދީއާއި ނާސިރު ވެސް ނުކުންނެވިއެވެ. އަމީން ސަލާމަތްކުރެއްވޭތޯއެވެ. އެކަމަކު، އެ ކަމެއް ނުވިއެވެ. ވީ ކަމަކީ އަމީންގެ ލެއިން ނާސިރުގެ ގަމީސްކޮޅު ތަތްތެޅުމެވެ.

އެތައް އަނިޔާއެއްކޮށް، ތަޅައި ސުންނާފަތިކޮށްފައި އެ ވަރުން ނުވެގެން ފަޅުތެރޭގައި އޮތް ބައްތެއްޔަކަށް 'ހޫރާލީ'އެވެ.

އިރު އެރުމާ އެކު އަމީންގެ ހަށިކޮޅުގައި ބޭސް އަޅަން ދިވެހިބޭސްވެރިއަކު ފޮނުއްވިއެވެ. މެންދުރު ނުވަނީސް ފަތްޖެހި އެނދެއްގައި އަމީން ބާއްވައިގެން 'ނާކާމިޔާބުވި ބަޣާވާތުގެ' ތަހުގީގު ފެއްޓެވިއެވެ. އަމީންގެ އިއުތިރާފާ އެކު އެ ދުވަހުގެ އިރުއޮއްސެންވާއިރަށް އެ މަނިކުފާނު އުމުރު ދުވަހަށް އަރުވާލަން ހުކުމްކޮށްފިއެވެ.

އަމީން އަރުވާލީ ކ. ގާފަރަށެވެ. އެކަމަކު، ހާލުކޮޅު ދެރަވެ، ކ. ވިހަމަނާފުށި (ކުރުނބާ މޯލްޑިވްސް)އަށް ބަދަލުކުރިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ، އެ މަނިކުފާނު އަވަހާރަވެއްޖެއެވެ. މި ދުނިޔެ ދޫކޮށްފިއެވެ.

comment ކޮމެންޓް