ތައުލީމީ ދާއިރާއަކީ އައިޝަތު ޒެހެރީންގެ ދިރިއުޅުމުގެ އެއްބައެވެ. ދަރިވަރުންނަށް އުނގަންނައިދީ ކުދީންނާ ގާތް ގުޅުމެއް ބޭއްވުމަކީ މުޅިން ތަފާތު މަސައްކަތަކަށް ނުކުތުމުގެ ކުރިން، އެހާތަނަށް އޭނާގެ މައިގަނޑު މަސައްކަތެވެ. ގާތްގަނޑަކަށް 11 އަހަރު އަމީނިއްޔާ ސްކޫލުގައި ހޭދަކުރިއިރު، ކިޔަވައިދިނުމުން ފެށިގެން މެނޭޖްމަންޓުގެ މަގާމުތައް އޭނާ އަދައިކުރިއެވެ.
އެކަމަކު ކެމިސްޓްރީން މާސްޓާޒެއް ހާސިލުކުރުމަށްފަހު، ޒެހެރީންގެ ޝައުގު މުޅިން ބަދަލުކޮށްލަން މެދުވެރިވީ އެންމެ ވިސްނުމެކެވެ. އެކަމަށް މަސައްކަތް ފެށުނީ އެންމެ ފޯމިއުލާއަކުންނެވެ. އެއީ އޭނާގެ ފިރިމީހާ އިތުރު ތައުލީމު ހާސިލްކުރަން މެލޭޝިއާއަށް ދާން ޖެހުމާއެކު ޒެހެރީން ވެސް ވަޒީފާއިން ވަކިވެ، އޭނާގެ ދަރިފުޅާއެކު ފިރިމީހާއާއެކު މެލޭޝިއާގައި އުޅެނިކޮށް ވެރިވި ޚިޔާލެކެވެ.

ދޮންތި ސީރީޒްގެ ވާހަކަ ފޮތުގެ ބާނީ ޒެހެރީން --
"ކަން ދިމާވި ގޮތަކީ އަޅުގަނޑަކީ ވަރަށް ވާހަކަ ކިޔާ ހިތްވާ މީހެއް. ދަރިފުޅަށް ވެސް ވަރަށް ވާހަކަ ކިޔައިދެން. އަޅުގަނޑުމެން ތިން މީހުން ވަރަށް ގިނަ ވަގުތު ހޭދަކުރަން ބުކްޝޮޕްތަކުގައި. އެ ތަނުގައި ވަރަށް ރަނގަޅު ބުކްޝޮޕްތައް ހުންނާތީ ވަރަށް ގިނައިން ބުކްޝޮޕްތަކަށް ދެވޭ،" މެލޭޝިއާގެ، ސަބާއިން ކުރެވުނު ތަޖުރިބާ ހިއްސާކުރަމުން ޒެހެރީން ކިޔައިދިނެވެ.
ފޮތް ކިޔަން ދަރިފުޅުގެ ކިބައިގައި ހުރި ޝައުގާއެކު ޒެހެރީނަށް އެންމެ ބޮޑަށް އަޅައިގަތީ، ފަހަރަކު ފަޮތަކަށްފަހު ފޮތެއް ނަގައިގެން އޭނާގެ ދަރިފުޅު މާ ޝައުގުވެރިކަމާއެކު ބަލާތީއެވެ. އެ ފޮތްތައް ކިޔައިދޭން އޭނާ ގާތު އެދޭތީއެވެ.
"[އެހެންވެ] ހިތަށް އެރީ މިގޮތަށް އަސްލު ދިވެހި ފޮތް ވެސް ހުރުން ވަަރަށް މުހިންމޭ. އަމިއްލައަަށް ކުދިން ޝައުގުވެރިވެގެން ކިޔާ ހިތުން ކިޔައިދޭށޭ ބުނާނެ. ދެން ހިތަށް އެރީ އެ ކަންތައް ކުރެވޭތޯ ބަލާނީއޭ،"
މިއީ ދިވެހި ކުޑަކުދީން، ދިވެހި ބަހާ ގުޅުވައިލަދޭން ޒެހެރީން އޭނާގެ 'ފޯމިއުލާ'ގެ މަސައްކަތް ފެށި ހިސާބެވެ.
އެއާއެކު ހަމަ ހުރެފައި ޖުމުލަތަކެއް އަތުރައި ވާހަކަ ފޮތެއް އޭނާ ނެރުނީއެއް ނޫނެވެ. ފުރަތަމަ ވެސް ފެށީ ކުޑަކުދީންގެ އެފަދަ ކިޔުމުގެ ފޮތްތައް ހުންނަ ގޮތުގެ ދިރާސާ މަސައްކަތެކެވެ. އެ ފަދަ އެކި ފޮތްތައް ބަލައި ދިރާސާކުރުމަށްފަހު ކުރެވުނު މަސައްކަތުން އުފަންވީ ޒެހެރީންގެ "ދޮންތި ސީރީޒް"އެވެ.

ދޮންތި ސީރީޒްގެ ވާހަކަ ފޮތްތަކެއް -- ފޮޓޯ: ދޮންތި ސީރީޒް
ދޮންތި ސީރީޒް، މިއީ ކުޑަކުދީންނަށް މުތެއް
މީގެ އަށް އަަހަރުކުރިން 2017ވަނަ އަހަރު ތައާރަފްވެގެން އައި ދޮންތި ސީރީޒްގެ ވާހަކަތަކަކީ މިއަދު ގިނަ ކުޑަކުދީންނާއި އެ ކުދީންގެ ބެލެނިވެރިންގެ މެދުގައި ބަލައިގަންނަ މަގުބޫލު ވާހަކަ ސީރީޒެކެވެ. އެކި އުމުރުފުރައަށް ޚާއްސަކޮށް، އެކި ލެވެލްތަކަށް ބަހައިލައިގެން އެންމެ ފުރަަތަމަ އޭނާ ނެރުނީ ލެވެލް އެކަކުން ތިނަކާ ހަމައަށް، ޖުމުލަ ތިން ލެވެލެއްގެ ފޮތެވެ.
ޚިޔާލީ ކުޑަ އަންހެން ކުއްޖެއްކަމަށްވާ "ދޮންތި"ގެ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔާ މި ސީރިޒްގައި މިހާރު ވަނީ ލެވެލް ހަތަރެއް ވެސް ތައާރަފްކޮށްފައެވެ.
"ދޮންތި ސީރީޒްގެ އަމާޒަކީ ކުޑަކުދީން ޝައުގުވެރިވާނެ ކަހަލަ ދިވެހި ފޮތްތަކެއް މުޖުތަމައުއަށް ނެރުން. ފޮތުގެ އިތުރުން ލިޔެކިޔުމާ ގުޅޭނެ އެެހެން ވެސް ތަކެތި،" ޒެހެރީން ކިޔައިދިނެވެ.
މި ސީރީޒްގެ ފޮތްތަކުގެ އެންމެ ޚާއްސަ ސިފައަކީ، އެެހެން ކުޑަކުދީންގެ ފޮތްތަކާ ޚިލާފަށް ކޮންމެ އުމުރުފުރައަކަށް ޚާއްސަވާ ފޮތް އެ އުމުރުފުރައެއްގެ ކުދިންގެ ބޭނުމާ ވީހާ ވެސް ބޮޑަށް ގުޅުވައިލައިފައި ހުރުމެވެ. އެގޮތުން އެންމެ ދަށް އުމުރުފުރާގެ ކުދީންނަށް ޚާއްސަ ފޮތުގައި ޝައުގުވެރި ކުރެހުން ބޮޑުވެފައި، ލިޔުންކޮޅު ވެސް ބޮޑުވެފައި ކުރެވެ.
އުމުރުފުރާ މަތިވާ މިންވަރަކުން ޖުމްލަ ދިގުވެ، އިތުރުވެ، ލިޔުންކޮޅު ހުންނަ ސައިޒު ކުޑަވެއެވެ. އަދި ތަސްވީރު ހިމެނޭ ގޮތް ވެސް ތަފާތުވެއެވެ. ޒެެހެރީން ބުނި ގޮތުގައި މީގެ ބޭނުމަކީ އެ ކުއްޖަކަށް ލިޔަންކިޔަން އެނގޭ ފެންވަރަކުން އެ ކުއްޖަކަށް ފޮތް ޚާއްސަކުރުމެވެ.

ދޮންތި ސީރީޒްގެ ވާހަކަ ފޮތްތަކެއް -- ފޮޓޯ: ދޮންތި ސީރީޒް
ހަމައެއާއެކު އެންމެ ބޮޑު އުމުރުފުރާއަށް ޚާއްސަ ފޮތުގައި ބަސްކޮށާރެއް ވެސް ހިމަނައިފައިވެއެވެ. މިއީ ފޮތުގައި ނޫކުލައިން ހުންނަ ލަފުޒުތަކުގެ މާނަ ފެންނަން ހުންނަ ތަނެވެ.
"އެހެންވީމާ ކިޔަމުން ދާއިރު ނޫކުލައިން ފާހަގަކުރެވިފައި އޮންނަ ބަހެއް ފެނިއްޖެޔާ ހަމަ މިކޮޅުން [ބަސްކޮށާރުން] އެ ބަހުގެ މާނަ ބަލައިލަން، އިނގިރޭސި ބަސް ވެސް ވާނެ ތަރުޖަމާކޮށްދީފާ. އޭރުން ވަގުތުން ކުރިއަށް ގެންދެވޭނެތާ،" ޒެހެރީން ބުންޏެވެ.
މީގެ އިތުރުން ފޮތުގައި ހުންނަ ކުރެހުންތަކަކީ ވެސް ކުޑަކުދިންނަށް ފޮތް ކަމުދާނެ އެއް ސަބަބެވެ. ކިޔާހިތްނުވާ ކުއްޖަކަށް ވެސް ހަމައެކަނި މަންޒަރުތަކުން ބަލައިގެން މި ފޮތް ކިޔަން ޝައުގުވެރިކަން އުފެދޭހާ މިންވަރަށް މި ފޮތް ފުރިހަމައެވެ. ޓޯޗު އަލިން ދިއްލައިލުމުން ފޮރުވިފައި ހުންނަ ތަސްވީރުތައް ފެންނަފަދަ ޒަމާނީ ކަންކަން ވެސް މި ފޮތުގައި ވެއެވެ.
ވާހަކަ ފޮތުގެ އިތުރަށް ޒެހެރީން މިހާރުވަނީ އިތުރު އުފެއްދުންތަކެއް 'ދޮންތި ސީރީޒް'އާއެކު ނެރެފައެވެ. އެގޮތުން ދޮންތިގެ އަލަމާރިއާއި، ދޮންތި ސީރީޒްގެ ތީމަށް ޓޯޓް ބޭގާއި، ބުކްމާކް ފަދަ އުފެއްދުންތައް މިހާރުވަނީ ތައާރަފްވެފައެވެ.

ދޮންތި ސީރީޒްގެ ބުކް މާކްސް --
ޒެހެރީންގެ ފަންނުވެރިކަމާއި ހުނަރު
މި ހުރިހާ މަސައްކަތެއްގެ ފަހަތުގައި ފޮރުވިފައިވަނީ ޒެހެރީންގެ ވިސްނުންތެރިކަމާއި، ފަންނުވެރިކަމެވެ. ޝައުގުވެރިކަމާއެކު ކޮންމެ ފޮތެއްގެ ކުރެހުންތައް ކުރަހައި ތައްޔާރުކުރަނީ އޭނާއެވެ. ފިރިމީހާއާއި ދަރިފުޅުގެ އެހީތެރިކަން ވެސް އޭނާއަށް ކުރެހުމުގައި ލިބެއެވެ. މީގެ އިތުރުން ފޮތް ލިޔުމުގައި ވެސް ފިރިމީހާގެ އެހީ ލިބެއެވެ.
އޭނާގެ އަމިއްލަ ފޮތްތަކަށް ކުރެހުމަކީ ޒެހެރީނަށް މާ ބޮޑު ނުވަތަ މާ ބުރަ ކަމެއް ނޫނެވެ. އެއީ ކުރެހުމާއި އާޓުގެ އާއިލާއަކަށް އޭނާ އުފަންވީތީ ލިބުނު އެންމެ ބޮޑު އެއް ހުނަރުގެ ގޮތުގައި ޒެހެރީން ފާހަގަކުރެއެެވެ.
އެގޮތުން މ. ފީރޯޒުގެއަށް ނިސްބަތްވާ ޒެހެރީންގެ އެންމެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައިވަނީ އާޓުގެ އެކި މަސައްކަތްތަކާއެވެ.
"އަޅުގަނޑުމެން ކުޑައިރުއްސުރެ އާޓްގެ ތެރޭގައި އަޅުގަނޑުމެން ބޮޑުވީ. ނަން ބޯޑުތައް ހެދުމާއި، ގިޑިގެއާއި، ބެނާއާއި، ގަލޮޅުދަނޑުގައި ހުންނަ އިސްތިހާރު ބޯޑުތަކާއި، މި ހުރިހާ ކަމެއް މިއީ ގޭތެރޭގައި ކޮންމެ ދުވަހަކުހެން ފެންނަ ކަންތައްތައް،" އާޓުގެ މި ދާއިރާގައި އޭނާއަށް ވެސް މަސައްކަތް ކުރެވިދާނެކަން ވިސްނި އަޖުމަ ބަލައިލަން މަސައްކަތް ފެށި ސަބަބު ފާހަގަކުރަމުން އޭނާ ބުންޏެވެ.

ޒެހެރީން އޭނާގެ ފޮތަކަށް ކުރެހުމެއް ތައްޔާރުުކުރަނީ --
މި ކަމުގައި ކުރިއަށް ދިއުމަށް ޒެހެރީނަށް އެންމެ ބޮޑު އެހީއެއް ލިބެނީ އާއިލާގެ ފަރާތުންނެވެ. ކޮންމެ ވާހަކައެއް ލިޔެ ނިމުމުން ޖުމްލަތައް ބަލައި އިތުރަށް ފުރިހަމަކޮށްދޭނެ ގޮތްގޮތް ބުނެދިނުމާއި، ވާހަކައިގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގިތް ބުނެދިނުމަށް ގޭތެރޭ ވެސް ޚާއްސަ "އެޑިޓޯރިއަލް ޓީމެއް" އޮވެއެވެ. އޭގެ ތެރެއިން ދަރިފުޅުގެ ދޭ ޚިޔާލުތަކަކީ ކުޑަކުދިންނަށް ގަޔާވާ ޗާލު ކެރެކްޓަރުތަކެއް އުފަންކުރުވަން އެހީވެދޭ އެންމެ މުހިންމު އެއް ކަމެވެ.
މިހާތަނަށް ޖުމްލަ 17 ފޮތް ޒެހެރީން ނެރެފިއެވެ. އޭނާގެ ފޮތްތައް ގަންނަ ބެލެނިވެރީންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކާއި، ބެލެނިވެރިން ދޭ ތަރުހީބަކީ މި ކަމުގައި ކުރިއަށްދާން ލިބޭ ހިތްވަރެވެ.
ނަމަވެސް ޒެހެރީންގެ ކަންބޮޑުވުމެއް އެބައޮތެވެ. އެއީ ކުރާހިތުން މި މަސައްކަތްކުރި ނަމަވެސް މިފަދަ ފޮތްތައް ބަހައްޓައިދޭނެ ބުކްޝޮޕްތައް ނެތުމެވެ.
"އެއީ ވަރަށް ހިތްމަރުވާ ކަމެއް ހަގީގަތުގައި ބުނަންޏާ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް،"
ނަމަވެސް އޭނާގެ އުންމީދަކީ އެ ކަން ވެސް ހައްލުވެ، މި މަސައްކަތް މިހާރަށްވުރެ ގިނަ ބަޔަކާ ހަމައަށް ވާސިލްވެ އިތުރަށް މީހުންނާ ހަމައަށް ފޯރުމެވެ.