ފިޔޯރީއަށް ރައީސްގެ ދިގު ވައުދު ލިސްޓެއް

ރައީސް ގދ. ފިޔޮރީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މިހާރު ވެސް ކުރީގެ ވައުދުތައް ފުއްދަވަމުން އަންނަ މަންޒަރު ފެންނާނެކަމަށް ވިދާޅުވެ، ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަަމަ ގދ. ފިޔޯރީގައި ހިންގަވާނެ މަޝްރޫތަކުގެ ދިގު ލިސްޓެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެރަށު ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

ގދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ފިޔޯރީއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށުގައި ހިންގާ ގިނަ މަޝްރޫއުތަކެއް މިއަދު ހިނގަމުން އަންނަކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން މި ކުރިމަތިލަނީ އުފާވެރި އަމާން ރާއްޖެއެއް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލާއިރު ތަރައްގީގެ ތަޞައްވުރަކާއެކު ކަމަށެވެ.

ދެވަނަ ދައުރެއްގައި ފިޔޯރީގައި ހިންގާނެ މަޝްރޫއުތައް

  • ފިިޔޯރީ ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރުން
  • ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުން
  • މޫދަށް އެރޭ ސަރަހައްދެއް ހެދުން
  • ފިޔޯރީ ސިއްހީ މަރުކަޒު ލެވެލް ތިނަކަށް އަޕްގްރޭޑްކޮށް 24 ގަޑިއިރަށް ބަދަލުކުރުން
  • ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުން
  • ރަށުގެ ދެކުނު ފަރާތުގައި ގެސްޓު ހައުސް އަޅަން ލޯނު ދޫކުރުން
  • މަސްޖިދުލް ނޫރުލް އިމާމް ބޮޑުކުރުން
  • އޭޓީއެމެއް ތަރައްގީކުރުން
  • ފުޓްސަލް ދަނޑާއި ފުޓްބޯޅަ ދަނޑުގައި ލައިޓުޖެހުން
  • ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އެޅުން
  • 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްދިނުން

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ކަންކަން ނިންމާނީ ރައްޔިތުންގެ ބައިވެރިވުމާއެކު މުޖުތަމައުގެ މަސްލަހަތާއި ރައްކާތެރިކަން ކަށަވަރުުކުރުމަށް ކަމަށެވެ.

އުސް އިމާރަތްތަކެއް އެޅުނު ކަމުގައިވީ ނަމަވެސް އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ރައްޔިތުންނަށް ނޯންނަ ނަމަ އެ ކަމުން ކުރާނެ ފައިދާއެއް ނޯންނާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އުސް އިމަރާތްތައް އަޅައި ބޮޑެތި ބިނާތައް އެޅިއަސް ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި އެކުވެރިކަން ނެތްނަމަ މުޅި ރަށަށް އެ ކަމުގެ ނުރަނގަޅު އަސަރުކުރާނެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް