ރައީސް ވިދާޅުވީ ކެންޑިޑޭޓުން ގިނަވުމުން މާ ބޮޑަށް ފަސޭހަ ވެއްޖެކަމަށް!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދ. ކުޑަހުވަދޫގައި ޖަލްސާގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމުން އިންތިޚާބު ކާމިޔާބުކުރަން މާބޮޑަށް ފަސޭހަވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ބޮޑު ތަފާތަކުން އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަދި މިހާތަނަށް ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލައިފި. އަށް ކެންޑިޑޭޓުން 2008ގެ ފަހުން ކުރިމަތިލި ފުރަތަމަ ފަހަރު. އަޅުގަނޑުމެންނަށް މީގެން ވަރަށް ބޮޑަށް ފަސޭހަވެއްޖެ. ވަރަށް ބޮޑުތަން ފަސޭހަވެއްޖެ. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބު އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނީ ބޮޑުތަނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަަށް މި ސަރުކާރު ޓެސްޓުކުރެވިފައިވާކަމަށާއި އިދިކޮޅު ފަރާތްތަކުން 'ނުވާނޭ' ބުނި ހުރިހާ ކަމެއް މިއަދު ތަންފީޒުކުރަމުން އަންނަކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި މި ސަރުކާރު އަޅާ ކިޔާއިރު، މި ސަރުކާރުން ކަންކަން ކޮށްފައި ވަނީ ހާމަކަން ބޮޑުގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2013އިން 2018އާ ދޭތެރޭ އޮތް ސަރުކާރުން މަޖިލީހަށް ހާޒިރުވެފައިވަނީ އެންމެ 56 ފަހަރު. އަޅުގަނޑުމެން މި ދައުރު މި ނިންމާލަނީ 321 ފަހަރު ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިމަތީ ސުވާލުތަކަށް ޖަވާބު ދީގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެމްޕޭނަށް ވަޑައިގެންނެވި ކޮންމެ ރަށަކުން އިވުނީ ޒަރޫރީ ޚިދުމަތްތައް ނެތިގެން ރައްޔިތުން ކަންބޮޑުވުންފާޅުކުރާ އަޑު ކަމަށެވެ. އެހެންވެ މި ސަރުކާރުން މަސައްކަތް ފެށީ އެ ދުވަހު ރައްޔިތުން ދިން "ލިސްޓް"ތަކުގައިވާ ކަންކަން ކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދ. ކުޑަހުވަދޫގައި ޖަލްސާގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"އެތައް ރަށެއްގައި އެތައް ކަމެއް އެއްފަހަރާކުރަން ޖެހުނު. 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު އެއް ފަހަރާ އެ މަސައްކަތް ފަށައިގަންނަން ޖެހުނު. 152 ރަށުގެ ލަފާ ފުރުން ހައްލުކުރަން އަޅުގަނޑުމެންނަށް ޖެހުނު. 150 ރަށުގައި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރަން ޖެހުނު. 37 ރަށެއްގައި މިސްކިތް އަޅަން ޖެހުނު. މިއަދު އަޅުގަނޑުމެން މި ދަނީ އެ ކަންތައްތައް ކޮށްދެމުން، ނިންމަމުުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކަރުން މި ހުރިހާ މަސައްކަތްތަކެއް ހިންގީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ.

ބަލިމަޑުކަމުގެ އެ ހާލަތު އަައުމާއެކު ސަރުކާރުން ނިންމީ ރައްޔިތުން އެ ބަލިން ސަލާމަތްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަތިތަކާއެކު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަމުން އައީ. އެ ދުވަހު އަޅުގަނޑުމެން ބުނި ކަންތައްތައް ހަމަކުރުމުން އިދިކޮޅު ފަރަތްތަކުން ބުނޫ ކީކޭތޯ. ބުނީ ނުވާނެޔޭ. ތިއިން އެއްވެސް ކަމެއް ނުވާނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލީ މެނިފެސްޓޯއަކާއެކު ކަމަށެވެ. ހަ އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރުފުޅުކުރެވުނުއިރު މެނިފެސްޓޯގައި ހިމެނިފައިވަނީ ރައްޔިތުން އެދުނު ކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑާ ކުރިމަތިވަމުން އައި އެތައް ސުވާލަކަށް މިރޭ އެ ދާއިރާތަކުން ޖަވާބު ލިބިގެން އެ ދިޔަައީ. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ދައުރުގައި، އަަޅުގަނޑުމެންގެ ފަސް އަހަރުގައި މި ދެންނެވި ކަންތައްތައް އެ އޮތް ގޮތަށް ތަންފީޒުކުރުމުގައި އަޅުގަނޑުމެން ގުޅިފައި އޮތް ކޯލިޝަން ދެމިތިބޭނަން،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި ކުޑަހުވަދުއަށް ކޮށްދެއްވާނެ ކަންކަން:


އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުން
ބާކީ ހުރިހާ މަގެއްގައި ތާރު އެޅުން
އިސްލާމީ މަރުކަޒެއް އަޅައިދިނުން
ދޫކޮށްފައިވާ ގޯތިތައް ހެދުމަށް ލުއި ހައުސިން ލޯނު ދިނުން

comment ކޮމެންޓް