ހުޅުދެލީ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ސިޔާމް ދައްކަވާ މަގުން ދާން!

ރައީސް ހުޅުދެއްޔަށް ވަޑައިގަތުން، އަރިހުގައި ރަނިންމޭޓް މުހައްމަދު އަސްލަމް (ކ) އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް (ވ) -- ފޮޓޯ/ އެމްޑީޕީ

ސަބަބެއް ނެތި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު އެމްޑީޕީއާއެކު ކުރިއަށް ވަޑައިގަތުމަށް ނުނިންމަވާނެ ކަމަށާއި ސިޔާމް ޚިޔާރުކުރައްވާ މަގުން ކުރިއަށްދިއުމަށް ހުޅުދެލީ ރައްޔިތުންގެ ކިބައިން އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ހުޅުދެލީގައި އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މީދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން ފެނުނީ އެމްޑީޕީ ކޯލިޝަނަށް އޮތް މަގުބޫލުކަން ކަމަށެވެ.

އަދި ކޮންމެ ރަށަކުން ވެސް ފެންނަނީ ދާއިރާގެ ރައްޔިތުންނަށް މެންބަރު ސިޔާމް ކޮށްދެއްވައިފައިވާ މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ސިޔާމް އެ ހުންނެވީ އަޅުގަނޑުމެންގެ ކޯލިޝަންގައި. ހަމަ ގައިމު ވެސް އިއްޒަތްތެރި މެމްބަރުގެ ނިންމެވުން ނިންމަވާނީ ވަަރަށް ވިސްނުންތެރިކަމާއެކު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުުވީ މީގެ ކުރިން ވެސް އެމްޑީޕީ ވުޖޫދުގައި އޮތްކަމަަށާއި ނަމަވެސް މިއަދު ސިޔާމް އެމްޑީޕީއާއެކު މަސައްކަތްކުރައްވަނީ ކަންކަމާއި ހާލަތު ބަދަލުވެފައި ހުރުމުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ތިޔަބޭފުޅުން ތިއްބަވާނީ ސިޔާމާއެކީގައި، އަޅުގަނޑުމެންނާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރަން ނިންމާއިރު ކޯލިޝަނެއްގައި ވާދަކުރަނީ ހަމައެކަނި އެ މަނިކުފާނު ކަމަށެވެ. އެހެން ޕާޓީތަކަށް ކޯލިޝަނެއް ނުހެދުނީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޯލިޝަންގެ ކޮންމެ ޕާޓީއެއްގެ ވިސްނުމަކީ ވެސް ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ތިބީ އެއް ވިސްނުމެއްގައި. އެއް އަޒުމެއްގައި ރައްޔިތުންނަށް ޚިދުމަތްކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވަގުތު ވެސް އެމްޑީޕީ ކޯލިޝަނުގައި 85،000 މެމްބަރުން އެބަތިބި ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ހުޅުދެެއްޔަށް ރައީސްގެ ވައުދުތައް:

  • މަލްޓި ޕާޕަސް ހޯލެއް އަޅައިދިނުން
  • އޭޓީއެމް މެޝިން ގެނެސްދިނުން
  • ޒުވާނުންގެ މަރުކަޒެއް އަަޅައިދިނުން
  • އައު ކައުންސިލްގެ އިދާރާ އޮފީހެއް ތަރައްގީކުރުން
  • އައިސް ޕްލާންޓެއް އަޅައިދިނުން
  • ސްޕޯޓްސް ކަނދުފައްޗެއް އެޅުން
  • ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ރަށުގެ ބިން ހިއްކުން
comment ކޮމެންޓް