ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަން މިއަދު ފޯމު ހުށަހެޅުއްވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލީޑާޝިޕާއި ސެނެޓުގެ ގިނަ މެންބަރުން މަރުހަބާ ކިޔައިފިއެވެ.
އެ ކޯލިޝަނުގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތާއީދު މުއިއްޒުއަށް އޮތްކަން އެމަނިކުފާނުގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު އިއުލާނު ކުރެއްވުމާއެކު، އިއްޔެ ސެނެޓުގައި ނެގި ވޯޓުގައި އިންތިހާބު ބޮއިކޮޓް ކުރުމަށް ވޯޓުދިން ސެނެޓަރުން ވެސް ވަނީ މުއިއްޒުގެ ފަހަތުގައި ތިބިކަން ހާމަކޮށްފައެވެ.
"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ." ރައީސް ޔާމީންގެ ތާއީދު މުއިއްޒުއަށް އޮތްކަން ޖަމީލް އިއުލާނު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޖަމީލްގެ އިތުރުން، ލީޑާޝިޕްގެ އިސް އެހެނިހެން ބައެއް ބޭފުޅުން ވެސް ވަނީ މުއިއްޒުގެ ފަހަތުގައި ތިބިކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ގައްސާން މައުމޫން ވެސް ހިމެނިވަޑައިގަންނަވައެވެ.
"ޕީޕީއެމްގެ ބިޔަ ލަޝްކަަރު ފޫގަޅައިގެން މި ނުކުތީ އެ ދެ ބޭފުޅުން އިންތިޚާބުކުރަން. އިންޝާ ﷲ، ރައީސް ޔާމީނަށްޓަކައި ކާމިޔާބު ކުރާނަން" ގައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލުމާއެކު، ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މުއިއްޒުއަށާއި، ހުސައިންއަށް މަރުހަބާ ކިޔައި، ޓްވީޓް ކުރައްވާފައެވެ. އޭނާ ވަނީ މުއިއްޒުގެ ފޯމް ހުށަހެޅުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
އެ ކޯލިޝަނުގެ ސެނެޓަރަކު "ސަން" އަށް ވިދާޅުވި ގޮތުގައި ސެނެޓުގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް މިހާރު އަންނަނީ ސެނެޓުގެ ގުރޫޕުގައި މުއިއްޒުއަށް މަރުހަބާ ކިޔަމުންނެވެ.
އިދިކޮޅު ޕީއެންސީގެ ރިޔާސީ ޓިކެޓު މުއިއްޒުއަށް ލިބިވަޑައިގަތީ، ރައީސް ޔާމީންގެ އެންގެވުމަށް އެ ޕާޓީގެ ސެނެޓުގައި ނެގި ވޯޓަކުންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމެވުމާއެކު، އިންތިޚާބު ބޮއިކޮޓް ކުރުމަށް ޔާމީން އެދިވަޑައިގަތެވެ.
ދެ ފަހަރުމަތިން ސެނެޓާއި، ލީޑާޝިޕުން މަޝްވަރާކުރުމަށް ފަހު ވަނީ ޔާމީންގެ ނިންމެވުމާ ދެކޮޅަށް އަމަލުކުރަން ނިންމާފައެވެ. އެމަނިކުފާނުގެ ތާއީދު މުއިއްޒުއަށް ލިބުނުކަން އިއުލާނު ކުރީ މިއަދު މުއިއްޒުގެ ފޯމު ވެސް ހުށަހެޅި ފަހުންނެވެ.