ޔާމީން ޖަލުގައި އޮންނަވަނިކޮށް، ރައީސް ކެމްޕޭން ކުރެއްވުމަކީ އިންސާފެއް ނޫން: ވަހީދު

ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން --ފޮޓޯ/ ސަން

އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވަނިކޮށް، އެ މަނިކުފާނު މިނިވަން ނުކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕޭން ކުރައްވަމުން ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެެއެވެ.

ސުޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިހާރު ޢަދުލުގެ ނިޒާމަށް ފޯރަމުން އަންނަ ނުފޫޒުގެ ވާހަކައަކީ ޚަބަރުތަކުން ރައްޔިތުންނާއި މުޅި ގައުމަށް ހާމަވަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

އެއާ އެކު ރާއްޖޭގައި އޮތީ ޑިމޮކްރެސީގެ ނިޒާމެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މިނިވަންކަމާ އެކު މަލްޓި ޕާޓީ އިންތިޚާބުތައް ބޭއްވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ ވާހަކައަކީ އިންތިޚާބު ރަނގަޅަށް ހިންގިޔަ ދެއްވާށޭ.. މަލްޓި ޕާޓީ ވާދަނުކުރެވޭ ގޮތަށް ބަންދުކޮށްފައި ބާއްވައިގެން ރައީސުލްޖުމްހޫރިއްޔާ ކެމްޕޭން ކުރައްވަމުން ގެންދެވުމަކީ އިންސާފެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސަށް ކެރިވަޑައިގަންވާ ކަމުގައި ވަނީ ނަމަ މަސައްކަތްޕުޅު ކުރައްވަން ވާނީ ހަމަހަމަ ޕްލެޓްފޯމެއްގައި ކަމަށެވެ.

"ދިވެހި ރައްޔިތުން މަޑެއްކޮށް ނުތިބޭނޭ. ދިވެހި ރައްޔިތުން އަދުލު އިންސާފުން ބޭރުކޮށް މިދާހެން ކަންތައްތައް ނިންމަންޏާ ބަލާކަށް ނުތިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިހާރު އަންނަނީ އަޑުއެހުން ހިނގަމުންނެވެ. ޔާމީނަށް ވާދަނުކުރެވިދާނެ ހާލަތަކަށް ޕީއެންސީން ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ހަމަޖައްސައިފައެވެ.

ނަމަވެސް މުއިއްޒު ވެސް ވިދާޅުވަނީ އުންމީދު ކުރައްވަނީ ޔާމީނަށް ވާދަކުރެވޭނެ ގޮތެއް ފަހިވުމަށް ކަމަށެވެ.

comment ކޮމެންޓް