ނަމަ: ވެރިކަން ވެސް ކުރައްވާނީ ތޭރިތަކު ތެރެއިން؟

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސާލަކަށް، ސުޕްރީމް ކޯޓުން ވެސް ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެއްކޮޅަށް ނިންމީޔޯލައެވެ. އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިގަންނަން އަމުރު ވެސް ކުރީޔޯލައެވެ. ސުވާލަކީ، ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އެ މަނިކުފާނު ކެމްޕޭން ކުރައްވާނީ މާފުށީ ޖަލުގައި ހުންނަވައިގެން ތޯއެވެ؟ ވަރިހަމައެވެ. މިސާލަކަށް ދެން ހޮވުނީޔޯލައެވެ. ސުވާލަކީ، ވެރިކަން ވެސް ކުރައްވާނީ މާފުށީ ޖަލުގެ ތޭރިތަކު ތެރޭގައި އިންނަވައިގެން ތޯއެވެ؟

އެތައް ހާސް ދިވެހިންނެއް އެދެނީ އެ މަނިކުފާނު ވެރިކަމަށް ގެންނާށެވެ. އެ ކަމަށްޓަކައި އެންމެ ފަހުގެ އުންމީދެއްގައި މިހާރު އެ ގެންދަވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރަމުންނެވެ. އުންމީދުގައެވެ. ބޭނުން ވެގެންނެވެ.

އެކަމަކު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ދައުލަތުން އުފުލި ދެ ދައުވާ ވެސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ތަންފީޒު ކުރައްވަން، ޔާމީން އަދި ވެސް ހުންނެވީ މާފުށީ ޖަލުގައެވެ.

އެ މަނިކުފާނުގެ ފަރާތްޕުޅުން، އޮތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ. ނަމަވެސް، އެ މައްސަލަ މަޑުޖެހި ދެން މިއޮތް ދުވަސްކޮޅު ތެރޭގައި ނުނިމޭނެކަން މުޅިންހެން ޔަގީންވެއްޖެއެވެ.

https://sun.mv/180279

ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަވައިގެން ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައި، ޔާމީންގެ ފޯމު އީސީއަށް ހުށަހެޅުމުން ވެސް ބަލައެއް ނުގަތެވެ. އެންމެ ފަހުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޕީއެމުން، އެ ނޫން ބޭފުޅެއް ނޭދޭތީއެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު، 48 ގަޑިއިރު ތެރޭގައި ގޮތެއް ނިންމަން ޖެހޭނެއެވެ.

ޔާމީނަށް ވާދަ ކުރެއްވިދާނެތަ؟

އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ރިޔާސީ ކެންޑިޑޭޓެއް ޝަރުތު ހަމަނުވާ ކަމަށެވެ.

އެ މާއްދާގެ ޅ. ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށެވެ. އެކަމަކު، ޔާމީން އަދިވެސް ހުންނެވީ ޖަލުގައެވެ. އެހެންވެ، ފޯމު ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމީއެވެ.

ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ރަޢުޔު މުޅިން ތަފާތެވެ.

އޭނާ ވިދާޅުވީ، 109 ވަނަ މާއްދާއަށް ބަލާފައި، ޔާމީންގެ ފޯމު ބަލައިނުގަންނަން އީސީއަށް ނުނިންމޭނެ ކަމަށެވެ. އަދި، ޔާމީނަށް އިންތިޚާބު ވާދަ ކުރެއްވޭނެ ކަމަށެވެ.

"ޖިނާއީ ޙުކުމަކަށް ތަންފީޒީ ބާރު ލިބޭނީ އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ވެގެން،" އޭނާ ވިދާޅުވެފައިވެއެވެ.

https://sun.mv/180269

ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް، މަތީ މަރުހަލާގައި އިސްތިއުނާފު ކޮށްފިނަމަ، އެ ހުކުމެއް ތަންފީޒު ކުރުން ގާނޫނީ ގޮތުން ހުއްޓޭނެ ކަމަށެވެ. އެހެންވެ، މި ވަގުތު ޔާމީން ޖަލުގައި އެ އޮންނަވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ޝަރުޢީ ނިޒާމުން ރައީސް ޔާމީން ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޙުކުމް ތަންފީޒުކުރާ ޖަލެއްގައި ބަންދުގައި ބެހެއްޓުމަކީ، އެއީ ތަންފީޒު ކުރަމުންދާ ޙުކުމެއް ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އެފަދައިން ވިދާޅުވި ނަމަވެސް، ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ހުކުމެއްގައި ހުރި "ކުށްވެރިޔަކަށް" ވަޑައިގެންނެވިދާނެ ތޯއެވެ؟ އެ މަގާމަށް ވަޑައިގަންނަވަން ވާނީ ފަސްބައި ސާފު ބޭފުޅެކެވެ. ހުކުމެއްގައި ބަންދުވެފައި ހުރި ގައިދާއަކާ ވެރިކަން ހަވާލު ކުރެވޭނެ ގާނޫނީ ހަމައެއް އޮތްނަމަ، އެއީ ވަރަށް ބޮޑު ނުރައްކަލެކެވެ.

އާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް އުފެއްދެވީ އެ ސުވާލެވެ. ކެންޑިޑެސީ ގަބޫލު ކުރެއްވި ނަމަވެސް، އެ މަނިކުފާނު ޖަލުން މިނިވަން ކޮށްދެއްވާނީ ކާކުތޯއެވެ؟ އަދި، އޭގެ ގާނޫނީ އަސާސަކީ ކޮބައިތޯއެވެ؟

"ޖަލުގެ ގޮޅީގައި އިންނަވައިގެން އިންތިޚާބުވީ، އެ މަގާމާ ހަވާލު ވެވޭނެތަ؟" އިތުރު ސުވާލެއް އުފެއްދެވިއެވެ.

މުއިއްޒު ވިދާޅުވީ، ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި ޖަލުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޔާމީން އެދުމުން ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ޖަލުގެ ހުކުމް ތަންފީޒު ކުރާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި އެފަދަ ހުކުމެއް ތަންފީޒު ކުރުން ފަސް ކުރުމާ ބެހޭ ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން ނިންމީ އެގޮތަށް ދޫކުރެވެން ނެތް ކަމަށެވެ.

https://sun.mv/180248

"ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ނިޒާމެއް ރާއްޖޭގައި ނެތިއްޔާ، ވާދަކުރައްވަން ޖެހޭނީ ޖަލުންތާ. އަދި، އިންތިޚާބު ވިޔަސް މަގާމަކާ ވެސް ހަވާލެއް ނުވެވޭނެ،" އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓަށް ނިންމޭނެހޭ، މިނިވަން ކުރަން؟ އަދި ހުކުމް އޮއްވައި މަގާމުގައި ހުރެވޭނެ ކަމަށް؟"

ޔާމީން މާފުށީ ޖަލަށް ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކޯޓު އަމުރަކުން ޔާމީން މިނިވަން ކުރެވޭނެ ގޮތެއް ނެތެވެ. އޮތް ހަމަ އެކަނި މަގަކަށް ވާނީ، އެ މަނިކުފާނުގެ އިސްތިއުނާފީ މައްސަލައިގައި ނިހާއީ ހުކުމެއް އިއްވުމެވެ. އެ ނޫން ގޮތަކަށް އެ މަނިކުފާނަށް ވާދަ ކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ކިތަންމެ ރައްޔިތުންނެއްގެ ރުހުމަކާއި ލޯތްބެއް އޮތަސް، ޖަލުގެ ހުރި ގައިދީއަކަށް ގައުމުގެ ވެރިކަމަކަށް ނާދެ ވޭނެއެވެ. އެހެންވެ، ކިތަންމެ ހިތް ނޭދުނަސް، ޔާމީނަށް އިސްތިއުނާފު މައްސަލަ ނިންމުން ނޫން މަގެއް ނެތެވެ. ޖަލުގެ ތޭރިތަކު ތެރެއިން ވެރިކަމެއް ނުކުރެއްވޭނެއެވެ.

comment ކޮމެންޓް