ސުޕްރީމް ކޯޓުން ކާމިޔާބުކޮށް، ޔާމީނަށް ވާދަ ކުރެވޭނެ: ޕީޕީއެމް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން، ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެކަމަކު، ޖަލުގައި އޮންނަވައިގެން އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ރަނިންމޭޓެއްގެ ގޮތުގައި 2013 ވަނަ އަހަރު ވެސް ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅި، އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސައިފައެވެ.

ޕީޕީއެމުން މިއަދު ވަނީ ޔާމީންގެ ފޯމު އީސީއަށް ހުށަހަޅައިފައެވެ. އެކަމަކު، މިއަދު އީސީން ނިންމީ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

https://sun.mv/180247

އީސީން މިއަދު ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، ޖީނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާނަމަ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ ކެންޑިޑަސީއާ މެދު އީސީން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށާއި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ސުޕްރީމް ކޯޓުން ޔާމީނަށް ވާދަކުރެވޭނެކަމަށް ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވީމެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެއެވެ.

އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޔާމީން އިއްޔެ ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އިރުޝާދު ދެއްވައިފައެވެ. އެހެންވެ، ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ އިހްތިޔާރު ޔާމީނަށް ދޭން ލީޑާޝިޕުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް