ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުން-- ސަން ފޮޓޯ: އަބްދުﷲ ޝާތިއު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އިންތިޚާބާ ބެހޭ މަރުކަޒު ހިންގާ ދަރުބާރުގޭގައި ރައީސް ޔާމީންގެ ފޯމް، އެ ކޮމިޝަނާ ހަވާލުކޮށްދެއްވީ އިންތިހާބީ އެޖެންޓް، އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ތޮލާލެވެ. އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އަރިހުގައި ޔާމީންގެ ރަނިންމޭޓް، އަދި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަހްމަދާއި ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބެވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، މަނީ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެކަމަކު، ޖަލުގައި އޮންނަވައިގެން، ކަރެކްޝަންސްގެ އެހީގައި އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަތުމާ މެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފައެވެ. އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކެންޑިޑެސީ ހުށަހެޅުމުން އެ ދުވަހުން ދުވަހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ.

ފޯމު ބަލައިގަތުމާ މެދު ގޮތެއް ނިންމަން، އެ ކޮމިޝަނަށް 48 ގަޑިއިރު ލިބޭނެއެވެ. އަދި، އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ހާލަތެއްގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ފޯމާ ހަވާލުވުމަށް ފަހު މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔާމީންގެ ފޯމް ބަލައިގަތުމާ މެދު އެކޮމިޝަންގެ ގާނޫނީ ވަކީލުން 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އެ ނިންމާގޮތަކާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އޮތްކަން ހަބީބު ފާހަގަ ކުރެއްވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގެންފިނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

comment ކޮމެންޓް