މާޒީގެ ސުވާލުތަކަށް ޖަމީލުގެ ޖަވާބަކީ ޔާމީންގެ އިތުބާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު: ޖަމީލަކީ 2013 ވަނަ އަހަރު ވެސް ޔާމީންގެ ރަނިންމޭޓު --

މިދިޔަ ވެރިކަމުގައި ޖެހުނު މައްސަލަތަކާ ދެކެވުނު ވާހަކަތަކުގެ ޖަވާބު، މިއަދު އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމެވި ނިންމެވުމުން ލިބިގެން ހިނގައްޖެ ކަމަށް އެ މަނިކުފާނުގެ ރަނިންމޭޓު އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފުރަތަމަ، 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގަތީ ޖަމީލާ އެކުއެވެ. އެކަމަކު، ދައުރުގެ މެދުން، ޖުލައި 21، 2015 ގައި، ސަރުކާރުގެ މެޖޯރިޓީ އޮތް އޭރުގެ ރައްޔިތުންގެ މަޖިލީހުން ވަނީ ޖަމީލުގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފައެވެ. މަޖިލީހުން، ރަސްމީކޮށް ޖަމީލު މަގާމުން ދުރުކުރީ، ޔާމީނާ ދެމެދު ގުޅުން ގޯސްވެ، އެތައް ދުވަހެއް ވެފައިވަނިކޮށެވެ.

މަގާމުން ދުރުކުރެއްވުމާ އެކު، އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި ޖަމީލު ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާފައެވެ. މި ސަރުކާރު ގެންނަން އުފެއްދި، އިދިކޮޅު އިއްތިހާދުގައި ވެސް އެ މަނިކުފާނު މުހިއްމު ރޯލެއް ކުޅުއްވިއެވެ.

އެ ހުރިހާ ކަމަކާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖަމީލު މިއަދު "ސަން"އަށް ވިދާޅުވީ، މާޒީގައި ހިނގި ހުރިހާ ކަމެއްގެ ޖަވާބު، ޔާމީންގެ ނިންމެވުމުން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

"ތި ހުރިހާ ކަމެއްގެ ޖަވާބު ނޫންތޯ ލިބިގެން މިދިޔައީ،" ރަނިންމޭޓުކަށް ލިބިވަޑައިގަތް ޖަމީލު ވިދާޅުވިއެވެ.

https://sun.mv/180162

"ރައީސް ޔާމީންގެ ވެސް އިތުބާރާއި ގުޅިފައި ހުރި ކަމެއް. އަޅުގަނޑުގެ ވެސް މި ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަސައްކަތުގެ އިހްލާސްތެރިކަން. އެހެންވީމާ، ހަގީގަތުގައި ރައީސް ޔާމީންގެ ނިންމެވުމުން، ތިޔަ ސުވާލުތަކުގެ ޖަވާބު ލިބިގެންދޭ،"

ޖަމީލު ގަބޫލުކުރައްވާ ގޮތުގައި، އެ މަނިކުފާނަށް ނައިބު ރައީސްކަން ގެއްލުމާއި، ދެ ބޭފުޅުންގެ މެދުގައި ޖެހުނު މައްސަލައިގެ އަސްލު މިހާރު އެންމެންނަށް ސާފު ވާނެއެވެ. ނަން ވިދާޅުނުވެ، ޖަމީލު އިޝާރާތް ކުރެއްވީ، އެ މަނިކުފާނަށް ފަހު ނައިބު ރައީސް ކަމަށް ވަޑައިގެން އަހުމަދު އަދީބަށެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

"އޭގެ ސަބަބަކަށް މެދުވެރިވީ ކޮން ބޭފުޅެއްކަން، ކިހިނެއްތޯއާ، މިހާރު މި ހިނގާ ޝަރީއަތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ސާފު ވެގެން ގޮސްފި. އެ ޗެޕްޓާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރަށް ސާފުކޮށް ފެންނަން އެއޮތީ ކިހިނެއްކަން ވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ޔާމީނަށް ވާދަ ކުރެއްވޭނެ 100%"

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ވަނީ ޖަލުގެ ތޭރިތަކު ތެރޭގައި ހުންނަވައިގެން ކެންޑިޑެންސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ކަރެކްޝަންސްގެ އެހީގައި އެ ފޯމު ޕާޓީއަށް ރައްދު ކޮށްފައެވެ.

އެކަމަކު، ދަށު ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނަށް ވާދަ ކުރެއްވިދާނެ ތޯ ވަނީ ސުވާލު އުފެދިފައެވެ. ހައިކޯޓުގައި އިސްތިއުނާފު ހިނގަމުން އައި ނަމަވެސް، ދަށު ކޯޓުގެ ހުކުމުން ޔާމީންގެ ޝަރުތެއް ވަނީ އުނިވެފައެވެ.

އެހެންވެ، އެ މަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވިދާނެ ތޯ މިއީ ވަރަށް ބޮޑު ގާނޫނީ ސުވާލެކެވެ. ވަކީލުގެ ހައިސިއްޔަތުން އެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ޖަމީލު ވިދާޅުވީ، ވާދަ ކުރެއްވޭނެ ކަމާ މެދު "އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް ބޭއްވި ހަވާލޭ ވަތަން ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޔާމީނަށް އިންތިޚާބުގައި ވާދަކުރައްވަން އެއްވެސް ހުރަހެއް ނެތެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ، ޕީޕީއެމުން ހުށަހަޅާފައި އޮތް ގޮތަށް، މި ކަން ނިމިގެން ދާނޭ، [ފޯމު ބަލައިގަންނާނޭ،]. ދުސްތޫރީ ގޮތުން އޭގައި ހުރަހެއް ނެތޭ. އެއީ ގާނޫނީ ގޮތުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ޔާމީނަށް ވާދަކުރެއްވިދާނެތޯ ސުވާލު އުފައްދަނީ، ހުއްޖަތެއް އޮވެގެން ނޫން ކަމަށާއި އެއީ، އެހެން ނިޔަތެއްގައި ސިޔާސީ ބޭފުޅުން ކުރައްވާ ކަމެއް ކަމަށެވެ. އެހެންވެ، އެ ބަހުސް ކުރަން ޕީޕީއެމުން ބޭނުންނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް