ހެޔޮކަމުގެ ދުވަސްތަކެއް، ހުސްއަތާ ދުއްވައިނުލާތި!

މުސްލިމުން ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ސަވާބުދެއްވާއިރު، ޚާއްޞަ ދުވަސްތަކެއްގައި ކުރާ ހެޔޮ ޢަމަލުތަކުން އެއްފަހަރާ ގިނަ ސަވާބުތަކެއް ހޯދުމުގެ ފުރުޞަތު ﷲ ދެއްވަވާފައިވޭ -- ފޮޓޯ / ފެއާއޮބްޒާވާ.ކޮމް

ހިޖުރީ ސަނަތުން ހާހާހަތަރުސަތޭކަފަންސަޔާޅީސް (1445) ވަނަ އަހަރު ފެށުނީއެވެ. މާތްވެގެންވާ މުޙައްރަމް މަހުންނެވެ. ﷲގެ ޙަޟުރަތުގައި އަހަރެއްގައި ހިމެނޭ މައްސަރުތަކުގެ އަދަދަކީ ބާރައެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރިކުރައްވާފައިވެއެވެ.(ތައުބާ: 36) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭގޮތުގައި ޙުރުމަތްތެރިކުރައްވާފައި މައްސަރުތަކުގެތެރޭގައި މުޙައްރަމް މަސް ހިމެނެއެވެ.(متفق عليه)

ރަމަޟާންމަހުގެ ރޯދަ ފިޔަވައި، އެންމެ މާތްވެގެންވާ ރޯދައަކީ މުޙައްރަމް މަހުގައި ހިފާ ރޯދައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "أَفْضَلُ الصِّيامِ بَعْدَ رَمَضانَ شَهْرُ اللهِ المُحَرَّمُ ..."(މުސްލިމް: 1163) "ރަމަޟާންމަހުގެ ރޯދައަށްފަހު ދެން އެންމެ އިތުރުކަން ބޮޑުވެގެންވާ ރޯދައަކީ ﷲ ގެ މައްސަރުކަމުގައިވާ މުޙައްރަމް މަހުގައި ހިފާ ރޯދައެވެ. ..." މި ޙަދީޘްގައި މުޙައްރަމް މަހަށް شَهْرُ اللهِ އެބަހީ: "ﷲ ތަޢާލާގެ މައްސަރު" ގެ ނަމުން ނަންދެއްވަވާފައިވުމުން ދޭހަކޮށްދެނީ އެ އިލާހުގެ ޙަޟުރަތުގައި އެ މައްސަރުގެ ދަރަޖަ އުފުއްލެވިގެންވާކަމެވެ. ޙުރުމަތްތެރިކުރައްވާފައިވާ އެހެން އެއްވެސް މައްސަރަކަށް އެފަދައިން ނަންދެއްވަވާފައިނުވާތީ، އެ މައްސަރުތަކުގެތެރެއިންވެސް އެންމެ މާތްވެގެންވަނީ މުޙައްރަމް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ޞައްޙަ ދަލީލުތަކުން އެނގޭގޮތުގައި މުޙައްރަމް މަހުގައި ރޯދަ ހިފުމަކީ މަތިވެގެންވާ އަޅުކަމެކެވެ. އެހެނީ ސުންނަތް ރޯދައިގެ ތެރޭގައި ވަރަށް ގިނަ ރޯދަތައް ހިމެނިފައިވިޔަސް، ރަމަޟާން މަހުގެ ފަރުޟު ރޯދައަށްފަހު ދެން އެންމެ އިތުރުކަން ބޮޑު ރޯދައިގެ މަޤާމު ދެއްވަވާފައިވަނީ މުޙައްރަމް މަހުގައި ހިފާ ރޯދައަށެވެ. އެހެންކަމުން ރަމަޟާންމަސް ފިޔަވައި، މައްސަރެއްގައި އެއްކޮށް ރޯދަ ހިފުން އެންމެ އަޢުލާވެގެންވަނީ މުޙައްރަމް މަހުގައިކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ކޮންމެހެން މުޅި އެ މައްސަރުގައި ރޯދަ ހިފާ ވާހަކައެއްނޫނެވެ. އެއިން ދޭހަކޮށްދެނީ އެމަހުގައި ރޯދަ ހިފުން ގިނަކުރުމުގެ މުހިއްމުކަމެވެ. ވީމާ މުޙައްރަމް މަހުގައި ރޯދަ ހިފުން ގިނަކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅަށް ބަލާއިރު، އިތުރު އެކަލޭގެފާނު މުޅި މައްސަރުގައި އެއްކޮށް ރޯދަފުޅު ހިއްޕެވީ ހަމައެކަނި ރަމަޟާން މަހުގައެވެ.

ޚާއްޞަ ރޯދައެއް

މުޙައްރަމް މަހުގައި ހިފާ ރޯދައިގެ ތެރެއިންވެސް ވަކީން ޚާއްޞަކަމެއް ލިބިގެންވާ ރޯދައެއްވެއެވެ. އެއީ ޢާޝޫރާ ދުވަހުގެ ރޯދައެވެ. ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މި ފެށުނު 1445 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަސް މީލާދީ ކަލަންޑަރުން ދިމާވަނީ މި (2023 ވަނަ އަހަރުގެ) ޖުލައި މަހުގެ 28 ވާ ހުކުރު ދުވަހާއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ގިނަގުނަ ސަވާބު ލިބޭނެ ކަމެކެވެ. އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ".... ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދުވަހުގައި ރޯދަފުޅު ހިއްޕެވިއެވެ. އަދި އެދުވަހުގެ ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.(މުސްލިމް: 2658) ޢާޝޫރާ ދުވަހުގައި ހިފާ ރޯދައިގެ ސަވާބު ބަޔާންކުރައްވައި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "އަދި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުން، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ފުއްސަވައި ދެއްވާނެކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ."(މުސްލިމް: 1162)

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން އެންމެ މޮޅުއިތުރުވެގެންވަނީ އެދުވަހުގެ ކުރީ ދުވަހާ ގުޅުވައިގެން ރޯދަ ހިފުމެވެ. އެއީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާ ދެ ދުވަހު ރޯދަ ހިފުމެވެ. މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ރޯދަފުޅު ހިއްޕެވުމަށްފަހު، ދެން އަންނަ އަހަރު އެކަލޭގެފާނު ދުނިޔޭގައި ހުންނެވިނަމަ، ނުވަވަނަ ދުވަހުގެ ރޯދަވެސް ހިއްޕަވާހުށީމޭ ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 1134) ނަމަވެސް އޭގެ ކުރިން އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވައިފިއެވެ.

މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުން ކިހިނެއް؟

އެގޮތަށްވެސް ރޯދަ ހިފިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް މިގޮތަށް، ޢާޝޫރާ ދުވަހުގެ ފަހަތުން 11 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުމަށް އައިސްފައިވާ ޙަދީޘްތައް ޟަޢީފުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެހެންކަމުން އެންމެ ޞައްޙަވެގެންވަނީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ.

ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް ނުގުޅުވައި، ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފިދާނެތަ؟

ޙަނަފީ މަޛުހަބުގައިވާގޮތުން، ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުން މަކުރޫހަވެގެން ވެއެވެ. އެއީ އަހުލު ކިތާބީންނާ ޚިލާފުވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާ ބަސްފުޅުގެ މައްޗަށް ބައްލަވާފައެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ޔަހޫދީން ރޯދަ ހިފާ އުޅޭ ދުވަހެކެވެ. ނަމަވެސް ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފިދާނެކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.

ހިފަންޖެހޭ ވާޖިބު ރޯދައެއް އޮއްވައި އެ ރޯދަ ނުހިފައި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފިދާނެތަ؟

ވާޖިބު ރޯދަ ހުއްޓައި އެ ރޯދަތައް ނުހިފައި، ސުންނަތް ރޯދަ ހިފުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައިވެއެވެ. މާލިކީންނާއި ބައެއް ޝާފިޢީން ވިދާޅުވާގޮތުގައި ޤަޟާކުރަންޖެހޭ، ރަމަޟާން މަހުގެ ރޯދަ ހުއްޓައި އެ ރޯދަ ޤަޟާނުކޮށް ސުންނަތް ރޯދަ ހިފުން މަކުރޫހަވާނެއެވެ. އަދި ޙަންބަލީ މަޛުހަބުގައި ވާގޮތުން މިގޮތަށް ރޯދަ ހިފުން ޙަރާމްވާނެއެވެ. ނަމަވެސް، ޙަނަފީންނާއި ޝާފިޢީންގެ ފަހުގެ ބައެއް ޢިލްމުވެރިންނާއި އަދި ޙަންބަލީންގެ އެއްރިވާޔަތުގައިވާ ގޮތުން، ޤަޟާ ކުރަންޖެހޭ ރޯދަ ނުވަތަ ކައްފާރާ ރޯދަ ފަދަ ވާޖިބު ރޯދަ ހުއްޓައި، އެ ރޯދަތައް ނުހިފާވެސް ސުންނަތް ރޯދަ ހިފިދާނެއެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ. ކަންމިހެން އޮތް ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މޮޅު އިތުރުވެގެންވަނީ އެންމެ ފުރަތަމަ ވާޖިބު ރޯދަ ހިފުމެވެ.

ވީމާ، އަހަރެމެންނާ ބައްދަލުކޮށްފައިމިވާ ހެޔޮކަމުގެ ޚާއްޞަ މޫސުމުގައި ހެޔޮ ޢަމަލުތައް ކުރުމުގައި އިތުރަށް ހީވާގިވަމާ ހިނގާށެވެ. ފަރުޟު ފަސްނަމާދާއި އެނޫންވެސް ވާޖިބުތަކަށް ރައްކާތެރިވަމާ ހިނގާށެވެ. ސުންނަތް ރޯދަ ހިފުން ގިނަކުރުމާއެކު ޢާޝޫރާ ދުވަހުގެ ރޯދަ ހިފައި މިނޫންވެސް ސުންނަތް އަޅުކަންތައް ގިނަކޮށް، ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް