ވާދަވެރިއަކީ ޕީޕީއެމް، ޑިމޮކްރެޓްސްއަކީ ''ޗެލެންޖެއް'' ނޫން: ރައީސް ޞާލިޚް

ރިޔާސީ ކެމްޕޭނަށް ރައީސް ކ. ގުރައިދޫގައި -- ފޮޓޯ/ އެމްޑީޕީ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ވާދަވެރި ޕާޓިއަކަށް ވެގެންދާނީ ޕީޕީއެމް ކަމަށާއި ދަ ޑިމޮކްރެޓްސްއަކީ "ޗެލެންޖެއް" ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ވަޑައިގެން ވ. ފުލިދޫގައި ހުންނެވި ރައީސް ޞާލިޙް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދެވޭނެ ކަމުގެ ކިހާ ވަރެއްގެ ޔަގީންކަމެއް އެބައޮއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

ޖަވާބުގައި، އެމަނިކުފާނު ކާމިޔާބުކުރެއްވި، އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޕްރައިމަރީގެ ނަތީޖާއަށް އިޝާރާތްކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެންމެ ފަހުން ބޭއްވި އިންތިހާބުގެ ފަހުން ސިޔާސީ މަސްރަހަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އަދިވެސް ވާދަވެރިޔަކީ މައި އިދިކޮޅު ޕާޓީ ޕީޕީއެމް ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އާއީ ޕީޕީއެމް. އެއަކަށް ތަފާތެއް އައިސްފައި އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ" އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިހާބުގައި ޑިމޮކްރެޓްސް ޗެލެންޖަކަށް ނުވީ ނަމަވެސް، އެމްޑީޕީގައި ތިބެފައި ވަކިވެގެން ދިޔަ މީހުންގެ ސަބަބުން ވޯޓުތަކެއް ގެއްލިފައިވާ ކަމަށް ރައީސް ޞާލިޙް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ގެއްލުނު ވޯޓާ އެއްވަރަށް ނުވަތަ އެއަށް ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރު އެއޮތް ކޯލިޝަނާ މިހާރު މިއޮތް ކޯލިޝަނާ ވެސް ތަފާތު. އަދި އަޅުގަނޑުމެންގެ ސިޔާސަތުތަކާއި، އަމާޒުތަކާއި، ކަންތައް މިކުރާ ވައްޓަފާޅިއާ އެއްޗިއްސަށް މި ގެނެވުނު ބަދަލާއެކީ، ކުރީގަ ތާއީދުނުކުރާ އެތައް ބައެއް ތާއީދު ލިބިއްޖެ" އެހެން ގަބޫލުކުރައްވާ ސަބަބުގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ބަސްތީގަތުމުގައި، އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ވެސް ދެއްވީ ފިނި ރައްދެކެވެ. އެގޮތުން ހިޔާލު ތަފާތުވެ ޕާޓީގެ ލީޑާޝިޕުން މީހުން ކުރިން ވެސް ވަކިވެފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ދާނީ ކުރިޔަށް ކަމަށާއި އެ ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށެވެ.

comment ކޮމެންޓް