މ. ދިއްގަރުގެ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއު އަންނަ މަސް ނިމުމުގެ ކުރިން ނިންމާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ދެއްވައިފިއެވެ.
މ. ދިއްގަރުގައި ރައީސް ބާއްވާ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އަންނަ މަސް ނިމޭނީ ދިއްގަރުގެ ބިން ހިއްކައި ނިންމައި ރިވެޓްމަންޓު ޖަހައިފައިކަމަށެވެ.
"އިރާދަކުރެއްވިއްޔާ ﷲގެ ރަހްމަތާއެކު މި ފެށޭ އޮގަސްޓު މަސް ނިމިގެންދާނީ ދިއްގަރުގެ ބިން ހިއްކައި ރިވެޓްމަންޓު ޖެހުމާއެކު،" ރައީސް ޞާލިޚް ވިދާޅުވިއެވެ.
ދިއްގަރު ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، އެ މަނިކުފާނުގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއަކީ މުޅި ރާއްޖެ ތަރައްގީކުރުމަށް ގެންގުޅެމުން އައި ސިޔާސަތެއްކަމަށެވެ.
އެގޮތުގެ މަތީން 'މުޅި ދުނިޔެ ހުއްޓުމަކަށް' އައިސްފައި އޮތް ހާލަތުގައި ވެސް ދިއްގަރުގެ ރައްޔިތުން އެދުނު މުހިންމު މަޝްރޫތައް ރަށުގައި ހިންގިކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ އެއިރު އެންމެ ފުރަތަމަ މަސައްކަތްތައް ފަށައިގަތް ރަށްތަކުގެ ތެރޭގައި ދިއްގަރު ހިމެނޭކަމަށެވެ. އަދި މިވީ ފަސް އަހަރުގެ ތެރޭގައި 150 މިލިއަނަށްވުރެ ގިނައިން ހަމައެކަނި ދިއްގަރަށް ޚަރަދުކޮށްފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިއްގަރުގެ ތަރައްގީއަށް ކުރައްވާފައިވާ ކަންކަން ވިދާޅުވެދެއްވުމަށް ފަހު ރައީސް ޞާލިޙް ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެ ރަށަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ހާމަކުރައްވައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޒަމާނީ ހޮސްޕިޓަލެއް ތަރައްގީކުރުން
-
ފްލެޓު ނުވަތަ ރޯހައުސް އަޅައިދިނުން
-
ރަށުގައި ފުޓްބޯޅަ ދަނޑެއް އަޅައިދިނުން
-
ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އަޅައިދިނުން
-
ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްގީކުރުން
"އަޅުގަނޑުގެ އެދުމަކީ ކުރިން ވެސް ދިއްގަރުގެ ރައްޔިތުން ތިބި ގޮތަށް އަޅުގަނޑުމެންނާއެކު ތިބުން،" އެމަނިކުފާޏު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ޞާލިޙް ވަނީ އަންނަ އަހަރު އެ ސަރަހައްދަށް އާރުޓީއެލް ފެރީ ތައާރަފުކުރާނެ ކަމަށާއި އެ ޚިދުމަތް ފެށެން ދެން ކުރިޔަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އާރުޓީއެލް ލޯންޗު ފެރީގެ ޙިދުމަތް މީމު އަތޮޅަށް ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.