ރިޔާސީ އިންތިޚާބަށް ބާކީ އޮތީ 50 ދުވަހަށްވުރެ ކުރު މުއްދަތެކެވެ. ވާދަކުރައްވާނެކަމަށް ވިދާޅުވާ ކެނޑީޑޭޓުންގެ ތެރެއިން ފޯރިގަދަ ކެމްޕޭނެއްގައި އުޅުއްވައި ތަން އަދި ފެންނަނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެކަންޏެވެ.
ށ. އަތޮޅު، ކޮމަންޑޫ ދާއިރާއިން ފެއްޓެވި ކެމްޕޭނުގައި އެ މަނިކުފާނު މާލެ އަތޮޅު ގުރައިދޫ ދާއިރާއަށް ވެސް ވަޑައިގެންފިއެވެ. އެ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުއްވައިފިއެވެ.
ކޮންމެ ރަށަކުން އެތައް ރައްޔިތެއްގެ ޝުއޫރާއި ބަސްމަގުގެ ރާގު މި އަންނަނީ އަހަމުންނެވެ. ރައީސް ޞާލިހުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯ ރައްޔިތުން އަމިއްލައަށް އަންނަނީ ކިޔައިދެމުންނެވެ.
ގުޅިން ފަނޑުވަނީ ފިޔާތޮށީގެ އަސަރު
ގުރައިދޫ ދާއިރާއަށް ކުރި ދަތުރުގައި އެންމެ ފުރަތަމަ ދިޔައީ ކ. ގުޅިއަށެވެ. ރަށަށް ދެވުނު އިރު އޮތީ ރީނދޫ ކުލައިން ޖަރީކޮށްފައެވެ.
ބަނދަރަށް އެއްވެ ތިބީ އެކި އުމުރުފުރައިގެ މީހުންނެވެ. ޒުވާނުންނާއި އިސްރަށްވެހިންނެވެ.
ރައީސް ވަޑައިގަތުމުގެ ކުރިން ރަށުތެރޭ ހިނގައިލައި، އާންމުންނާ ވާހަކަ ދައްކައިލީމެވެ. ކޮންމެ މީހަކު ވެސް އެއްބަސްވާ އެއް ކަމެއް އޮތެވެ. އެއީ ކުރިން އިދިކޮޅު ޕީޕީއެމަށް އޮތް ތާއީދު މަޑުމަޑުން ފަނޑުވަމުން އަންނަ ކަމެވެ.
"ކޮބާތަ ޕީޕީއެމުން އަހަރުމެންނާ ހަމައަށް އަންނައިރު ދައްކާނެ ކެނޑީޑޭޓަކީ. އެބަ ވިދާޅުވޭ ރައީސް [އަބްދުﷲ] ޔާމީނޭ. އެކަމު އަދިވެސް އަޅުގަނޑުމެންނަށް ރޫހު ފެންނަނީ ވަރަށް ދައްކޮށް. ޚުދު އަޅުގަނޑު ވެސް ކުރިން މިއީ ޕީޕީއެމަށް ތާއީދުކުރި މީހެއް. އެކަމު މިއަދު އުންމީދެއް ނެތް،" ޖޯއްޔެއްގައި އިން އުމުރުން ދުވަސްވީ މީހަކު "ސަން" ގެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.
ހަމަ އެ ޖޯލީގައި ދެން އިން މީހާ ވެސް އެ ހަގީގަތް ގަބޫލުކުރެއެވެ. އެ ކަމަށް ބާރު އަަޅާ ވާހަކައެއްގެ ގޮތުގައި އޭނާ ނެގީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެވެ.
"މި ދާއިރާއަކީ 15 އަހަރު ޕީޕީއެމަށް ދިން ދާއިރާއެއް. އެ ކަމު ކަމެއް ވީމާ ދޯ އެމްޑީޕީއަށް ގޮނޑި ދޭނީ،" އޭނާ ބުނެލިއެވެ.
މިއީ އާބާދީ މަދު ގުޅީގެ ރައްޔިތުންގެ ޝުއޫރު ހުރި ގޮތުގެ މިންވަރެކެވެ.
ގުރައިދޫގައި ޒުވާނުންނަށް ރައީސް ވަރެއް ނެތް!
ގުޅިން ދެން ދިޔައީ ގުރައިދޫއަށެވެ. މެންދުރުގެ ގަދަ ހޫނަށް އެޅިގެން އައިއިރު ބަނދަރު މަތީ އޮތީ ފުރިފައެވެ. އެންމެ އަޅައިގަތް މަންޒަރަކަށްވީ އެހެން ރަށްރަށާ ޚިލާފަށް މި ރަށުގައި ރައީސަށް މަރުހަބާ ކިޔަން ސަފުގައި ތިބި ޒުވާނުން މާ ގިނަ ވުމެވެ.
ޕީޕީއެމް ކައުންސިލެއް އޮންނަ މި ރަށުގައި ވެސް ރައްޔިތުން ތިބީ ޕީޕީއެމާ މެދު ނުރުހުންވެފައެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ސަރުކާރުން ބޮޑު ބިމެއް ހިއްކައިދިނުމުން 'އެމްޑީޕީގެ ސަރުކާރެއް އޮތީއޭ ކިޔައިފައި' ގޯތި ދޫނުކޮށް ލަސްކުރާތީއެވެ.
"މިހެން ހެދީމާ ހަމަ ކައުންސިލަށް ގެއްލުން ދައްކާނީ. ހަމަ ޔަގީނުން ވެސް އަހަރުމެން މި ރަށު އެކަކު ވެސް ދެން ނުކުރާނަން އެކަހަލަ ބަޔަކަށް ތާއީދެއް. އަސްލު ކްރެޑިޓް ނަގަން ބޭނުންވަނީ. ތިމަންނަމެންގެ ވެރިކަމެއްގައޭ ގޯތި ވެސްް ދިނީ ބުނަން. އެހެން ނޫންނަމަ ކީއްވެ ލަސްކުރަންވީ،" މިއީ ހަވީރު ސައިގެ ވަގުތު ރަށުގެ ބަޔަކާ އެކު ދެކެވުނު ވާހަކައެއްގައި މީހަކު ބުނި އެއްޗެކެވެ.
ޒުވާނުން ތިބީ އުފަލުންނެވެ. އެއީ ޒުވާނުން އެދުނު ޒުވާނުންގެ މަރުކަޒު ދެން އަންނަ ދައުރަކުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާތީއެވެ.
އަދި ސީދާ ރައީސާ ބައްދަލުވެވި ވާހަކަދައްކައި ކަންކަން އޮޅުންފިލުވުމުގެ ފުރުސަތެއް ލިބުނީމައެވެ.
"މި ރަށުގައި އަހަރުމެން ޒުވާނުން ގޮތެއް ނުނިންމާނަން އަދި ހަމަ މީހަކު ބުނެލާއިރަށް. ވަރަށް ބަލައިފައި. އަމިއްލަ ކަމުގެ ދެކޮޅު ބަލައިފައި ދެން އަދި މީހަކު ހޮވާނީ. ޒުވާނުންގެ ރޫހު އޮތީ ހަމަ ރައީސް ހޮވާ ގޮތަށް،" ޒުވާނަކު އަޅުގަނޑާ ވަހަކަ ދައްކަމުން ބުންޏެވެ.
މާފުށިން ބުނީ ދެވަނަ ދައުރަކަށް ރައީސް ފާސްވާކަމަށް!
ގުރައިދޫ ދާއިރާގައި ފެށުނީއްސުރެ ޕީޕީއެމުން ގަދަޔަށް ރަސްކަން ކުރެވޭތޯ މަސައްކަތް ކުރަނީ ކ. މާފުށީގައެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މާފުށީގައި އިސްކޮށް އުޅޭ ބަޔަކު އެ ޕާޓީއަށް ސޮއި ވެސް ކުރިއެވެ.
އެއާއެކު އެމްޑީޕީން ދާއިރާގެ ގޮނޑި ނެގީ، ޕީޕީއެމުން ގޮނޑި ޔަގީންކޮށްގެން ތިއްބައެވެ.
މާފުށިން ފެނުނީ އޭގެ އަސްލު މަންޒަރެވެ. ރައީސަށް މަރުހަބާ ދަންނަވަން އިސްކޮށް ތިބީ ޒުވާނުންނެވެ. އެ މަނިކުފާނަށް ރަތް ދޫލައިގައި އެރުވީ ރަސްކަލަކަށް އަރުވައިފަދަ އިއްޒަތުގެ މަރުހަބާއެކެވެ.
މިއީ މިހާ ފޯރިގަދަކޮށް މި ފަހުން އެ ރަށުގައި އޮތް ކެމްޕޭން ހަރަކާތެވެ.
ރޭގަނޑު އޮތް ޖަލްސާއަށް ވެސް ރަށުގެ ގިނަ ބަޔަކު ދިޔައެވެ.
"މިފަަހަރު ބަދަލެއް ބޭނުމެއް ނެތް. ރައީސް ޞާލިހުގެ ގޮތް، ތަރައްގީ ފެނިއްޖެ،" ރައްޔިތަކު ބުންޏެވެ.
ކެމްޕޭން ހަރަކާތް ފެށި ކުރިއަށްދާއިރު މިއީ ރައީސަށް ގުރައިދޫ ދާއިރާއިން އޮތް ތާއީދެވެ. އަޅުގަނޑަށް ފެނުނު މަންޒަރުތަކުން ބައެކެވެ. އަލަށް ވާ ވައުދުތަކާއެކު ކޮންމެ ދާއިރާއަކުން ވެސް ކުރާ އުންމީދުތައް ގިނައެވެ.