ގުރައިދޫ ދާއިރާ ރީނދޫ ވެއްޖެ: ރައީސް

ގުޅީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

މުޅި ގުރައިދޫ ދާއިރާ މިއަދު ރީނދޫ ވެއްޖެ ކަމަށާއި ކ. ގުޅިން ވެސް ފެނިވަޑައިގަންނަވަނީ އެ މަންޒަރުކަމަށް ރައީީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް މާލެ އަތޮޅު ގުރައިދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، ގުޅިއަށް ވަޑައިގެން ރައީީސް ވިދާޅުވީ، މި ދާއިރާއަކީ އެމްޑީޕީއާ ކުރިން ދުރު ދާއިރާއެއް ކަމަށެވެ.

ނަމަވެސް މިދިޔަ ގުރައިދޫ ބައި އިލެކްޝަންގެ ނަތީޖާއިން އެ ކަން ބަދަލުވެއްޖެ ކަމަށާއި މިއަދު މި ދާއިރާއިން ވެސް ތާއީދު އެމްޑީޕީއަށް ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން މި ދާއިރާއަށް އެމްޑީޕީގެ ސަރުކާރުން ކޮށްދޭ ކަންތައްތައް ބަލައިގެންފިކަމުގެ އުފާ މިއަދު އަޅުގަނޑަށް އިހުސާސްކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ގުޅީގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބުންވެފައި އޮތީ ދަތި އުނދަގޫ ކަމަކަށް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެއިރު އިވިވަޑައިގަންނަވަނީ ނަރުދަމާއާއި، ފެނާއި، ސިއްޙީ ޚިދުމަތާއި، ތައުލީމުގެ ޚިދުމަތް އެކަށީގެންވާ ފެންވަރަށް ނުލިބޭކަމުގެ ޝަކުވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަސާސީ ހައްގުތަކުގެ އިތުރުން، ރާއްޖެ ތަރައްގީކުރުމަށް ޓަކައި އެންމެ މުހިންމީ އަމާންކަން ރާއްޖޭގައި ގާއިމްކުރުން ކަމަށެވެެ. އެއީ ސަރުކާރުގައި ތިބޭ ފަރާތްތައް އިސްވެ ކުރަންޖެހޭ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާ ޚިޔާލު ތަފާތު އިދިކޮޅު ފިކުރުތަކުން އަޑު އުފުލައި މުޒާހަރާކުރި ނަމަވެސް އެ ކަމުގައި ސަރުކާރުގެ ތެރެއިން ބަޔަކު ބައިވެރިވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ޚިޔާލު ފާޅުކުރާނެ. މުޒާހަރާކުރާނެ. އެހެންނަމަވެސް ވެރިކަމުގައި ތިބޭ ބަޔަކު ނިކުމެ މުޒާހަރާކުރަން ޖެހުނީމާ އެއީ ވިސްނަންޖެހޭކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގައި ދަތިތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިއަދު އެ ދަތިތައް ގިރާކުރެވިފައިވާކަމަށް ރައީސް ވިިދާޅުވިއެވެ.

މި ރަށުގެ ރައްޔިތުންގެ މައިގަނޑު ގޮތެއްގައި ރައީސްގެ އަރިހުގައި އެދިފައިވަނީ ކުނީގެ މައްސަލަ ހައްލުކޮށްދިނުމާއި، ބިމުގެ ދަތިކަމަށް ހައްލެއްގެ ގޮތުން ބިން ހިއްކަން ފެށުމެވެ. އަދި ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް އެޅުމުގެ އިތުރުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

އެ ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ގުޅިއަށް މި ސަރުކާރުން އިސްކަންދިނީ މާލެ ކައިރި ރަށެއް ނަމަވެސް މި ރަށަށް މާބޮޑު އަޅައިލުމެއް ކުރީގެ ސަރުކާރުތަކުން ދީފައިނުވާތީ ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި ރައްޔިތުން އެދުނު ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވިދާޅުވީ:

  • ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ސެޕްޓެމްބަރު މަހުގެ ތެރޭ ފެށޭނެކަމަށް
  • ކުރިއަށް އޮތް ދައުރުގައި ބަނދަރުގެ ދަތިކަން ހައްލުކޮށް ދެއްވާނެކަމަށް
  • ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކޮށްދޭނެކަަމަށް
  • އޭޓީއެމްގެ ޚިދުމަތް ދެއްވާނެކަމަށް

ރިޔާސީ ކެމްޕޭނަށް ގުރައިދޫ ދާއިރާއަށް އެ މަނިކުފާނު މިއަދު ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އެ މަނިކުފާނާއެކު ކޯލިޝަނެއްގައި މަސައްކަތްކުރާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ބައިވެެރިވެލައްވައެވެ.

އަދި ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުންކަމަށްވާ ހިސާން ހުސައިނާއި، އަލީ ނިޔާޒުގެ އިތުރުން މި ފަހުން ޕާޓީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ބައިވެރިވެލައްވައެވެ.

comment ކޮމެންޓް