ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ބެސްޓް ރޭޑިޔޯ ޕްރެޒެންޓާ ކޮމްޕެޓިޝަން 2023، ގދ. ގައްދޫ ކަފިދޫގޭ، އައިމިނަތު ޝަހުބާ ޝަހީދު ކާމިޔާބް ކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ބޭއްވި ޚާއްސަ ފިނާލޭ ޝޯއެއްގައި ބެސްޓް ރޭޑިއޯ ޕްރެޒެންޓާ ކޮމްޕެޓިޝަން ކާމިޔާބުކުރި ޝަހުބާއަށް ވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ.
އޭގެ އިތުރުން ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާއަށް ދީފައިވެއެވެ.
މި މުބާރާތުގެ ދެވަނައަށް ހޮވިފައި ވަނީ ގދ. ވާދޫ ކެނެރީގެ، އައިޝަތު ޢަބްދުލް ކަރީމްއެވެ. އަދި ތިންވަނައަށް ހޮވިފައި ވަނީ މ. ޕްލެޓިނަމް ކޮޓޭޖްގެ، މުޙައްމަދު ލިސާންއެވެ.
މުބާރާތް ކާމިޔާބުކުރި ޝަހުބާއަކީ ހުނަރުވެރި ޒުވާނެއްކަން ފާހަގަކޮށް ދިވެހިރާއްޖޭގެ އަޑުން ބުނީ, އޮޑިޝަންތައް ނިންމާ އެންމެ ފުރަތަމަ ޕްރޮގްރާމްގައި ރިޕޯޓް ހުށައެޅުމަށް ފަހު ޓްރޭނިންއެއްގައި ޝަހުބާ ރާއްޖެއިން ބޭރަށް ފުރަން ޖެހުނު ކަމަށެވެ. އެހެންކަމުން، ޖެހިގެން އައި ހުށައެޅުން, ޚަބަރު ކިޔަން ޖެހުނު ހަފްތާގައި އޭނާގެ ހުށައެޅުން އެހުންތެރިންނާ ހަމައަހަށް ގެނެސްދިނީ އެއްވެސް ޕްރެކްޓިސްއަކާ ނުލާ ކަމަށް ވެސް އަޑުން ބުންޏެވެ.
ރިއަލިޓީ ޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓާ މުބާރާތަކީ ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމަށް ޝައުޤުވެރިވާ ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީ އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީ ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކުރާ މުބާރާތެކެވެ.
މި މުބާރާތް ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން އަހަރު ބޭއްވުމަށް ފަހު ކުޑަ މެދުކެނޑުމެއް އެ މުބާރާތަށް އައެވެ. ނަމަވެސް މިދިޔަ އަހަރު ބެސްޓް ރޭޑިޔޯ ޕްރެޒެންޓާ ކޮމްޕެޓިޝަން އަނެއްކާ ވެސް ފެށިއެވެ.