މަޖިލިސް މަޑުޖެހުމަކީ ހައްގުތައް ކަށަވަރު ކުރުމަށް ހުރަހެއް: އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި މަޑުޖެހުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރު ކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުން ތަކާއެކު، މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރިއަށް ނުދާތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ވެއްޖެއެވެ.

ތަޅުމުގެ މަސައްކަތްތަކުގެ އިތުރުން، މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެއްވެސް ކޮމިޓީއެއްގެ މަސައްކަތް މިވަގުތު ކުރިއަށް ނުދެއެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި މުހިންމު ބިލްތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ހައްގުތައް ކަށަވަރު ކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.

އަދި، މަޖިލީހަކީ ސަރުކާރާއި، ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާއިރު، އެއްވެސް ހާލަތެއްގައި މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގަމުން ނުދިއުމަކީ އެއްބާރު އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމަށް ވެސް އޮތް ހުރަހެއް ކަމުގައި އެކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން، މަޖިލީހުގެ ކޮމިޓީތަކުން ތަޅުމަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކުންނާއި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޝަކުވާތައް ދިރާސާކޮށް، ލަފާދީ، އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ފާރަވެރިވާން ޖެހޭ ކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

އެޗްއާރްސީއެމުން ބުނީ، މަޖިލީހުގެ ކޮމިޓީތަކަކީ މުސްތަގިއްލު މުއައްސަސާތަކުން ކުރާ މަސައްކަތުން އެދެވޭ ހައްލު ނުލިބޭ ހާލަތްތަކުގައި އެ މުއައްސަސާތަކަށް ލަފާދީ، ކަންކަން ހައްލުކުރުމަށް މެދުވެރިވާ ފަރާތްކަމުގައި ވީހިނދު، ކޮމެޓީތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިނގައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި އެ ކޮމިޝަނުން ވަނީ އަންނަ ޖުލައި މަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު ހަމަވާން ކައިރިވެފައިވާއިރު، އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކޮށްފައެވެ. އަދި މިދައުރުގެ ގިނަ މަސައްކަތްތައް ނުނިމި މަޖިލިސް ޗުއްޓީއަށް ގިސްފައިވުމަކީ އިންތިޚާބާ ގުޅުންހުރި ގާނޫނީ ނިޒާމް ހަރުދަނާ ކުރުމަށާއި، އީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް ކުރިމަތި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

comment ކޮމެންޓް