ދައުރުގެ ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހުށަހަަޅައިފި

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުން --- ފޮޓޯ/ މަޖިލިސް

ދައުރުގެ ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މަޖިލީހުގެ ދައުރު ދިގު ދަންމައިލުމަށް އެމްޑީޕީގެ މެމްބަރުން އެދިއެދި ތިއްބާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ދައުރު ނިންމަވައިލެއްވީ އެ މަނިކުފާނާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން އަނބުރާ ނުގެންދަނީސް ރިޔާސަތަށް އަރައިވަޑައިގަތުމަށްފަހެވެ.

މީގެ ކުރިން ޖަލްސާތައް ކުރިއަށް ގެންދަން ރިޔާސަތުގައި އިންނެވުމަށް އެ މަނިކުފާނު ދެއްކެވި އުޒުރަކީ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅައިފައިވުމެވެ.

މިއަދަށް އެޖެންޑާ ކޮށްފައި އޮތީ، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމެވެ. އެކަމަކު، އެ ކަމަށް ވޯޓަށް އެހުން އެޖެންޑާ ކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެންފިއިތުރަށް ވިދާޅުވުމަށް
އެހެންވެ، މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މުހައްމަދު އަސްލަމް ވަނީ ދައުރު ދަންމާލައި، އެ މަސައްކަތްތައް ނިންމަން އެދިވަޑައިގެންފައެވެ. އަދި، މިއަދު ވާހަކަދެއްކެވި އެ ޕާޓީގެ މެންބަރުން ވެސް ވަނީ ދައުރު ދަންމާލަން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

އެކަމަކު، ނަޝީދު ވަނީ އެކަން ކުރެއްވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ވިދާޅުވެ، އެކަން ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އަދި، އެޖެންޑާއަށް އިހްތިރާމު ކުރައްވަން މެންބަރުން ކިބައިން އެދިލެއްވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގް --

އެއާއެކު މިއަދު މަޖިލިސް އިދާރާގައި އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގްވަނީ ދައުރުން ބޭރުން ޖަލްސާ ބާއްވަން ހުށަހަޅައިފައިވާކަން ހާމަކުރައްވައިފައެވެ.

ދައުރުން ބޭރު ޖަލްސާތައް ބާއްވަން ހުށަހަޅައިފައިވަނީ 29 މެމްބަރުންގެ ސޮޔާއެކު މަޖިލިސް ގަވައިދުގެ 45ވަނަ މާއްދާގެ (ރ)ގެ ދަށުންނެވެ.

އެއާއެކު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭ މަޖިލީހުގެ އިދާރާއިން އެ ޖަލްސާ ބާއްވައިދޭންޖެހޭނެކަމަށް އެ ގަވައިިދުގައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހުށަހެޅުމުގައި އަޅުގަނޑުމެން ވާނީ މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށާއި އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް މިހާރު ހުށަހަޅައިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ފަހިކޮށްދިނުމަށް އެދިފައިި،" ޝަފީގް ވިދާޅުވިއެވެ.

comment ކޮމެންޓް