ނަޝީދު އިސްތިއުފާ ދީގެން ވެސް މަޖިލިސް ކުރިއަށް ގެންދަންޖެހޭ: ސަރުކާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ނަމަވެސް މަޖިލިސް ކުރިއަށް ގެންދަން އެދޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، މިއަދު ވެސް ރައީސް ނަޝީދު ބޭނުންފުޅުވުމުން މަޖިލީހުގެ ޖަލްސާ ބޭއްވުނު ކަމަށާއި މީގެކުރިން ދިޔަ ދެ ޖަލްސާ ބޭއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް އޮތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބޭނުންފުޅުވީމަ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެ ބެއްވީނުންތޯ. އެއްވެސް އިދާރާއަކުން އެއްވެސް މީހަކު އިތުރު ކަމެއްވެސް ނުކުރޭ. މީގެ ކުރީގެ ދެ ޖަލްސާ ވެސް އެމަނިކުފާނު ބޭނުންވިނަމަ ބޭއްވޭނެ. އެކަން އެހެން ގޮތަކަށް ކުރައްވަން ބޭނުންވި ނަމަ ވެސް އެމަނިކުފާނަށް އެ ބާރު އެބައޮތް," މިއުވާން ވިދާޅުވިއެވެ.

ނަޝީދު ރިޔާސަތު ނުބަލަހައްޓަވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން ކަމަށް ވިދާޅުވާނަމަ އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ނަމަވެސް މަޖިލިސް ކުރިއަށް ގެންދަންޖެހޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއް ހިނގާ ގައުމަކަށްވެފަ ގާނޫނު ހަދާ މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އުސޫލުތައް ހަމަޖެހިފައި ވަނީ މަޖިލިސް ހުއްޓިފައި އޮންނަ ގޮތަކަށް ނޫންކަމަށެވެ.

މިއުވާން ވަނީ ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަން ޖެހޭނެ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

"ނިމިގެން މިދިޔަ ހަފުތާގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެއްކޮށް ރައީސް ވެސް ވަނީ މަޝްވަރާ ކުރައްވާފައި. އެހެން ނަމަވެސް މިދެންނެވިހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވީމަ ޖަލްސާ އެބަ ބޭއްވޭ." މިއުވާން ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތި، ހުއްޓިފައި އޮތުމަށް ފަހުގައި މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދެވެ.

ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅުމާ އެކު ދެ ބޭފުޅުން ވެސް ވަނީ ރިޔާސަތު ބެލެހެއްޓުމުން އުޒުރުވެރިވެވަޑައިގެންފައެވެ. އެއާއެކު ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

comment ކޮމެންޓް