ކުވައިތުން އެންމެ ފަހުގެ ރަނަރަޕް ނޭޕާލް ބަލިކޮށްފި

ސާފް ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ މެޗުގައި ކުވައިތުން އެންމެ ފަހުގެ ރަނަރަޕް ނޭޕާލް ބަލިކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ނޭޕާލްގެ މައްޗަށް ކުވައިތުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ކުވައިތަކީ މިފަހަރުގެ މުބާރާތަށް ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން ދައުވަތުދީގެން ބައިވެރިވި ދެ ޓީމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ދެން މުބާރާތުގައި ސަރަހައްދުން ބޭރުން ވާދަކުރަނީ ލުބުނާނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. މެޗުގެ ފުރަތަމަ 15 މިނެޓަށްފަހު ކުވައިތުން އެޓޭކު ވަރުގަދަކުރުމުން ނޭޕާލަށް ފަހަތަށް ފައިބަން މަޖުބޫރުވިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ކުވައިތުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޚާލިދު ހަޖިއާއެވެ. އޭނާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ހުރީ ވަރަށް ހުސްކޮށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެ ގޯލަށްފަހު ވެސް ނުރައްކާކޮށް ފެނިގެންދިޔަ ކުވައިތުން ވަނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މުހައްމަދު އަބްދުﷲ ދިން ބޯޅައަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަރަބީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ކުވައިތު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ކުވައިތުން ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި ކުވައިތަށް ގޯލު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު އަބްދުﷲ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އީދް އަލްރާޝިދީ ފޮނުވާލި އެ ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 65 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން، ކުވައިތަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ކުވައިތަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ތިން ގޯލުގެ ލީޑެއް ހޯދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މުހައްމަދު އަބްދުﷲ އެވެ.

ކުވައިތުން ތިން ގޯލުގެ ލީޑެއް ހޯދިތާ ތިން މިނެޓުގެ ތެރޭގައި ނޭޕާލުން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ޖަހައިފައެވެ. ކުވައިތުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ނޭޕާލާއި ކުވައިތު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 7:00 ގައެވެ. "ގްރޫޕު އޭ"ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ޕާކިސްތާނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.

comment ކޮމެންޓް